03 ނޮވެމްބަރ 2016 - 10:53

ބަޣުދާދު (ނޮވެމްބަރު 3) - މޫސަލް ހިފުމަށް އިރާގު ސިފައިން އެ ސިޓީ އަށް މިހާރު ގާތްގަނޑަކަށް ވަދެފައިވާ އިރު އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިންގެ ރައްދު ހަމަލާތައް ވަރުގަދަ ކުރުމަށް އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީ ގޮވާލައިފި އެވެ.
ބަޣުދާދީގެ މި އިލްތިމާސް އައިސްފައި ވަނީ އިންޓަނެޓް މެދުވެރިކޮށް އާއްމުކުރި އޯޑިއޯ މެސެޖެއްގަ އެވެ. މިއީ މި އަހަރު ތެރޭ ބަޣުދާދީ ދިން ފުރަތަމަ މެސެޖެވެ.
"ފަހަތަށް ނުޖެހޭތި. ބިމުގައި ސާބިތުވެ ތިބުމަކީ ލަދުވެތި ކަމާ އެކު ފަހަތަށް ޖެހުމަށް ވުރެ ޝަރަފުވެރި ކަމެއް،" ބަޣުދާދީގެ މެސެޖުގައި ބުނެފައިވެ އެވެ.
ނިނެވާހު ޕްރޮވިންސްގެ އެންމެންނަށް މުޚާތަބްކޮށް ބަޣުދާދީ ބުނީ ދުޝްމަނުންނާ ކުރިމަތިލާ އިރު ބަލިފައިތަކާ މެދު ހޭލުންތެރިވެ ތިބެން ޖެހޭނެ ކަމަށެވެ. މޫސަލް އަކީ ނިނެވާހު ޕްރޮވިންސްގެ ވެރިރަށެވެ.
ބަޣުދާދީ ވަނީ އިރާގާއި ސީރިއާ އަށް ދަތުރު ނުކުރެވޭ ހަނގުރާމަވެރިން ލީބިއާ އަށް މިސްރާބު ޖެހުމަށް އެދިފަ އެވެ. އަދި މުސްލިމް ހުރިހާ ހަނގުރާމަވެރިން ވެސް އެކަތިގަނޑަކަށްވެ ތިބުމަށް ވަނީ ގޮވާލައިފަ އެވެ.
އިރާގުގެ އެކި ހިސާބުތަކަށް ވެރިވެ ގަތުމަށް ފަހު އައިއެސްގެ ޚިލާފަތު ޖޫން 2014 ގައި ބަޣުދާދީ އިއުލާންކުރީ މޫސަލްގަ އެވެ. އައިއެސްގެ ބާރުގެ ދަށުން ބިންތައް ގެއްލެމުން ގޮސް އިރާގުން އެ ޖަމާއަތުގެ ބާރުގެ ދަށުގައި މިހާރު އޮތީ މޫސަލް އެކަންޏެވެ. މޫސަލް ހިފުމުގެ ފަހުގެ އޮޕަރޭޝަން އިރާގު ސިފައިން ބޮޑު ލަޝްކަރަކާ އެކު ފެށީ މިދިޔަ މަހު 17 ވަނަ ދުވަހު އެވެ.
މޫސަލްގައި މިހާރު ތިބި ކަމަށް އެމެރިކާ ކޯލީޝަނުން ލަފާކުރަނީ 3،000-5،000 ހަނގުރާމަވެރިންނެވެ.