29 ނޮވެމްބަރ 2020 - 12:54

ކުއާލަ ލަމްޕޫރު (ނޮވެމްބަރު 29) - މެލޭޝިއާ އިން އިންތިޚާބަކަށް ދާނީ ކޮރޯނާވައިރަހުން ސަލާމަތްވި ދުވަހަކުން ކަމަށް ބޮޑުވަޒީރު މުހްޔިއްދީން ޔާސީން ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކުރަން ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވޯޓު ދިންތާ ދެ ދުވަސް ފަހުން މުހްޔިން ދީން ވިދާޅުވީ މެލޭޝިއާގައި ދެން ގާއިމްކުރާނީ ރައްޔިތުންގެ ސަރުކާރެއް ކަމަށެވެ. ބަޖެޓް ފާސްވުމަކީ ޕާލަމެންޓުގެ ތާއީދު މުހްޔިންދީނަށް އޮތްކަން އަންގައިދޭ ކަމެކެވެ.
މިދިޔަ މާޗް މަހު މުހްޔިއްދީން ވެރިކަމަށް ވަޑައިގެންނެވީ ވެރިކަންކުރާ ކޯލިޝަންގެ ތެރޭންނެވެ. އޭގެ ފަހުން މުހްޔިއްދީންގެ ސަރުކާރު ދެމި އޮންނަނީ ޕާލަމެންޓުގެ ވަރަށް ހަނި އަޣުލަބިއްޔަތަކުންނެވެ.
މެލޭޝިއާގައި ދަނީ ވަރަށް ހަލުވިކަމާ އެކު ކޮރޯނާވައިރަސް ފެތުރެމުންނެވެ. އިއްޔެ އެކަނިވެސް 1،315 މީހުން ޕޮޒިޓިވްވެ ހަތަރު މީހުން ވަނީ މަރުވެފަ އެވެ. އެ ގައުމުން މިހާތަނަށް ވަނީ 63،176 މީހުން ޕޮޒިޓިވްވެފަ އެވެ.
"މިއީ ރައްޔިތުންނަށް ޚިދުމަތް ކުރަންވީ ވަގުތު. އަޅުގަނޑުމެންނަކީ ބާރަށްޓަކައި ވެރިކަމާ ހެދި އުޅޭ ބައެއް ނޫން. އެހީ އަށް ބޭނުންވެފައި ތިބި މީހުންނަށް ދީލަތި އެހީއެއް ދެއްވައި،" މުހްޔިއްދީން ވިދާޅުވި އެވެ.
ކޮރޯނާވައިރަސް ފެތުރޭތީ އެކަން ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ކުއްލި ހާލަތު އިއުލާން ކުރަން މުހްޔިއްދީން ހުށަހެޅުމުން ރަސްގެފާން ވަނީ މިދިޔަ އޮކްޓޯބަރު މަހު އެކަމާ ދެކޮޅު ހައްދަވައިފަ އެވެ.