އީރާނުގެ ނިއުކްލިއާ ސައެންޓިސްޓް އަވަހާރަކޮށްލުމުގެ ތުހުމަތު އިޒްރޭލަށް
އީރާނުގެ ނިއުކްލިއާ ސައެންޓިސްޓް އަވަހާރަކޮށްލުމުގެ ތުހުމަތު އިޒްރޭލަށް

ތެހެރާން (ނޮވެމްބަރު 29) - އީރާނުގެ އެންމެ ސީނިއާ ނިއުކްލިއާ ސައެންޓިސްޓް މުހްސިން ފަޚްރިޒާދާ އަވަހާރަކޮށްލުމުގެ ތުހުމަތު އިޒްރޭލުގެ ބޮލުގައި ރައީސް ހަސަން ރޫހާނީ އަޅުވައިފި އެވެ.

ރޫހާނީ ވަނީ ފަޚްރިޒާދާގެ މަރުގެ ބަދަލު އީރާނުން އިޚްތިޔާރު ކުރާ ކޮންމެ ގަޑިއަކު ވެސް ހިފާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ. ނަމަވެސް އަވަސް އަރުވާލައިގެން އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށް ވިދާޅުވި އެވެ.

"މި ހިންގި ބޮޑު ޖަރީމާ އަށް ރައްދު ނުދީ ދޫކޮށްލާ ވަރަށް ވުރެ އީރާން މާ ހިތްވަރުގަދަ ވާނެކަން އީރާނުގެ ދުޝްމަނުންނަށް އެނގެން ޖެހޭނެ،" ގައުމީ ޓީވީން ދައްކަމުން ދިޔަ ކެބިނެޓުގެ ބައްދަލުވުމެއްގައި ރޫހާނީ ވިދާޅުވި އެވެ.

ރޫހާނީ ކުރިން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ފަޚްރިޒާދާ އަވަހާރަކޮށްލަން "ކުލީ ސިފައިން" ފޮނުވީ ޒަޔަނިސްޓް ގައުމުން ކަމަށެވެ.

"ފަޚްރިޒާދާ އަވަހާރަކޮށްލުމުން ދޭހަވަނީ ދުޝްމަނުން މާޔޫސްވެފައިވާ މިންވަރު. އަދި އެ މީހުންގެ ހިތުގައި ނަފުރަތު ބިންވަޅު ނެގިފައިވާ ފުންމިން،" ބަޔާނުގައި ބުނެފައިވެ އެވެ.

އީރާނޫގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވެސް ވަނީ ފަޚްރިޒާދާގެ ކާރަށް ހަމަލާ ދިން މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ގޮލާވައްވައިފަ އެވެ. ޚާމަނާއީގެ މުޝީރު ހުސައިން މިއްގާން ކުރިން ވަނީ ފަޚްރިޒާދާގެ ގާތިލުންނަށް "ގުގުރިއެއްހާ ބާރުމިނުގައި" ރައްދު ހަމަލާ ދޭނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.

އިޒްރޭލުގެ މިނިސްޓަރަކު ވަނީ ފަޚްރިޒާދާ އަވަހާރަކޮށްލަން ދިން ހަމަލާގެ ފަހަތުގައި ވަނީ ކޮން ބައެއްކަން ނޭނގޭ ކަމަށް ވިދާޅުވެފަ އެވެ.

އިޒްރޭލުން އަބަދުވެސް ބުނަމުން ދަނީ އީރާނުގެ ނިއުކްލިއާ ހަތިޔާރުގެ ޕްރޮގްރާމުގެ ފަހަތުގައި ހުންނެވި ފަރާތަކީ ފަޚްރިޒާދާ ކަމަށެވެ. އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެޕްރީލް، 2018 ވަނަ އަހަރު ދެއްވި ޕްރެޒެންޓޭޝަނެއްގައި ވެސް ވަނީ ފަޚްރިޒާދާގެ ނަން ފާހަގަ ކުރައްވައިފަ އެވެ.

އެމެރިކާގެ ތިން އޮފިޝަލަކާ ހަވާލާދީ ނިއު ޔޯކް ޓައިމްސް އިން ވަނީ އީރާނުގައި ދިން ހަމަލާގެ ފަހަތުގައި ވަނީ އިޒްރޭލް ކަމަށް ބުނެފަ އެވެ.

ފަޚްރިޒާދާ އަވަހާރަކޮށްލީ ދަމަވާންދު ކައުންޓީގެ އަބްސާދު ޓައުންގައި ދިން ހަމަލާއެއްގައި ޒަޚަމްވެގެން ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ. އީރާނުގެ ޑިފެންސް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފަޚްރިޒާދާ ދަތުރު ކުރެއްވި ވެހިކަލަށް ހަތިޔާރު އަޅައިގެން ތިބި ޓެރަރިސްޓުންގެ ބަޔަކު ހަމަލާދީފައިވާ ކަމަށެވެ. ޓެރަރިސްޓުންނާއި ފަޚްރިޒާދާގެ ބޮޑީގާޑުންނާ ދެމެދު ހަމަލާތައް ބަދަލު ކުރުމަށް ފަހު، ފަޚްރިޒާދާ ވަރަށް ބޮޑަށް ޒަޚަމްވެގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ބުނެފައިވެ އެވެ.