ޓްރަމްޕުގެ ކޭމްޕުން ހުށަހެޅި މައްސަލަ އިސްތިއުނާފުން ވެސް ނާކާމިޔާބު
ޓްރަމްޕުގެ ކޭމްޕުން ހުށަހެޅި މައްސަލަ އިސްތިއުނާފުން ވެސް ނާކާމިޔާބު

ވޮޝިންޓަން (ނޮވެމްބަރު 29) - ޕެންސިލްވޭނިއާގެ ވޯޓު ކާމިޔާބު ކުރީ ޖޯ ބައިޑަންކަން ރަސްމީކޮށް އިއުލާން ކުރުން ހުއްޓުވުމަށް އެމެރިކާގެ ފެޑެރަލް އިސްތިއުނާފް ކޯޓަކަށް ރައީސް ޑޮނަލްޑް ޓްރަމްޕުގެ ކޭމްޕުން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

ތިން ފަނޑިޔާރުން ހިމެނޭ ބެންޗުން ބުނެފައި ވަނީ ޓްރަމްޕުގެ ކޭމްޕުން ވަކި ތުހުމަތެއް ސަރީޚަކޮށްދީފައި ނުވަތަ ހެކި ހުށަހަޅާފައި ނުވާ ކަމަށެވެ. އިސްތިއުނާފް ކޯޓުގެ މި ނިންމުމަކީ ނޮވެމްބަރު 3 ވަނަ ދުވަހުގެ ނަތީޖާ އަނބުރާލުމަށް ޓްރަމްޕަށް ކުރިމަތިވި އަނެއްކާ ވެސް ބޮޑު ގޮންޖެހުމެކެވެ.

ބުރާސްފަތި ދުވަހު ޓްރަމްޕް ވިދާޅުވެފައި ވަނީ އިންތިޚާބު ކާމިޔާބުކުރީ ބައިޑަންކަން ރަސްމީކޮށް އިއުލާންކޮށްފި ނަމަ ވައިޓް ހައުސް އިން ޖާގަ ދެއްވާނެ ކަމަށެވެ. ނަމަވެސް ހުކުރު ދުވަހު ވަނީ ޚިޔާލު ބަދަލުވެ ވޯޓު އޮޅުވާލާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ބައިޑަން އަށް ވައިޓް ހައުސް އަށް ވަދެވަޑައިގަނެވޭނީ އެމަނިކުފާން ހޯއްދެވި ކަމަށް ބުނާ 80 މިލިއަން ވޯޓުގެ ސައްހަކަން ކަށަވަރުކޮށްފައި ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

ޓްރަމްޕުގެ ކޭމްޕުން ތާޑް ސާކިޓް އެޕީލްސް ކޯޓަށް ހުށަހަޅާފައި ވަނީ ޕެންސިލްވޭނިއާގެ ޕޯސްޓަލް ވޯޓިން ބާތިލް ކުރުމަށް ހުށަހެޅި މައްސަލައަށް ދަށު ކޯޓުން ދެކޮޅު ހަދާފައިވާތީ އެކަން އަލުން ބަލައިދިނުމަށެވެ. ދަށު ކޯޓުގެ ނިންމުމާ އެކު 20 އިލެކްޓޯރަލް ކޮލެޖް ވޯޓު ހިމެނޭ ޕެންސިލްވޭނިއާގެ ކާމިޔާބުކުރީ ބައިޑަންކަން ވަނީ ސެޓިފައިކޮށްފަ އެވެ.

އިސްތިއުނާފް ކޯޓުގެ ނިންމުން ހާމަކުރަމުން ފަނޑިޔާރު ސްޓެފާނޯސް ބިބާސް ވިދާޅުވީ މިނިވަން، އިންސާފުވެރި އިންތިޚާބަކީ އެމެރިކާގެ ޑިމޮކްރެސީގެ ދިރުން ކަމަށެވެ. އިންތިޚާބުގެ ހަމަހަމަކަން ގެއްލުމާ ދެކޮޅަށް ހުށަހަޅާ މައްސަލައަކީ ބޮޑު ކަމެއް ކަމަށާއި އެކަމަކު އިންތިޚާބު އިންސާފުވެރި ނޫން ކަމަށް އެކަނި ބުނެލުމުން ނުފުދޭނެ ކަމަށެވެ.

"މައްސަލަ ހުށަހަޅާއިރު ބަޔާންކުރަން ވާނެ ކުރާ ތުހުމަތެއް. ދެން އެކަން ސާބިތުކޮށްދޭނެ ޖެހޭނެ. މި ކޯޓަށް ހުށަހެޅި މައްސަލައިގައި އެކަމެއް ނެތް،" ފަނޑިޔާރު ވިދާޅުވި އެވެ.

އިސްތިއުނާފް ކޯޓުގެ ނިންމުން ސުޕްރީމް ކޯޓަށް ގެންދާނެކަމުގެ އިޝާރާތް ޓްރަމްޕުގެ ކެމްޕެއިން ވަކީލް ވަނީ ދެއްވައިފަ އެވެ.