މަރަޑޯނާގެ ގަބުރާ އެކު ފޮޓޯ ނެގި މީހާ މާފަށް އެދިއްޖެ
މަރަޑޯނާގެ ގަބުރާ އެކު ފޮޓޯ ނެގި މީހާ މާފަށް އެދިއްޖެ

މިދިޔަ ބުދަ ދުވަހު މަރުވި އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއެގޯ މަރަޑޯނާގެ ޖަނާޒާގެ ތެރޭގައި ހުޅުވާފައި އޮތް ސަންދޯކުގެ ތެރޭގައި މަރަޑޯނާގެ ގަބުރު ފެންނަ ގޮތަށް ނެގި ސެލްފީއެއްގެ މައްސަލަ ހޫނުވުމުން އެ ސެލްފީ ނެގި މީހާ މާފަށް އެދިއްޖެ އެވެ.

މަރަޑޯނާގެ ގަބުރާ އެކު ފޮޓޯ ނެގި މީހާ މާފަށް އެދިއްޖެ
މަރަޑޯނާގެ ގަބުރާ އެކު ފޮޓޯ ނެގި މީހާ މާފަށް އެދިއްޖެ

އެ ފޮޓޯ ނެގީ ހުކުރު ދުވަހު އޮތް ޖަނާޒާގެ ކަންކަމުގައި އުޅުނު މަރަޑޯނާގެ ވަރަށް ބޮޑު ފޭނެއް ކަމަށްވާ ކްލައުޑިއޯ ފެނާންޑޭޒެވެ. އެ ފޮޓޯގައި އޭނާގެ ފިރިހެން ދަރިފުޅު ފޮޓޯ ނެގުމުން ރަނގަޅު ކަމަށް ބުނެ ބޮޑުވައި އިނގިލި ދައްކައިލާ މަންޒަރު ފެންނަ އިރު، އިތުރު މީހަކު ވެސް ފޮޓޯ އަށް އަރާފައިވެ އެވެ. އެ ފޮޓޯ އާންމުވެ، އާންމުންގެ ފާޑުކިޔުންތައް އަމާޒުވުމުން ފެނަންޑޭޒް ބުނީ އެ އަމަލާ ދޭތެރޭ ހިތާމަކުރާ ކަމަށާއި އެންމެންގެ ކިބައިން މާފަށް އެދޭ ކަމަށެވެ.

"އެ ފޮޓޯ ނެގީ ހަމަ ހަނދާނަކަށް. އެއީ މަރަޑޯނާ އަށް ކުޑައިމީސްކުރުމުގެ ގޮތުން ކުރި ކަމެއް ނޫން. އަދި އަހަރެންގެ ދަރިފުޅު ތަމްޕްސް އަޕް ދައްކާލައިގެން އިނީ އޭނާ އަކީ ފޮޓޯއެއް ނަގާ އިރު އާންމުކޮށް އެގޮތަށް އިޝާރާތްކުރާ ކުއްޖަކަށްވާތީ،" އާޖެންޓީނާގެ ރޭޑިއޯ 10 އަށް ފެނާންޑޭޒް ބުންޏެވެ.

އޭނާ ބުނީ އެ ފޮޓޯ އެކި މީހުން ނުބައި ގޮތްގޮތަށް މާނަކޮށް ބައެއް މީހުންގެ ފަރާތުން މަރުގެ އިންޒާރު ވެސް ލިބިފައިވާ ކަމަށެވެ.

"މިހާރު އަހަންނާއި އާއިލާގެ މީހުންގެ ފުރާނަ އަށް ގެއްލުމެއް ވެދާނެތީ ބިރުވެރިކަމެއްގެ ތެރޭގައި މި ތިބީ،" ފެނަންޑޭޒް ބުންޏެވެ.

ފޮޓޯގެ މައްސަލާގައި މަރަޑޯނާގެ ވަކީލު މާޓިއަސް މޯލާ ވެސް ފާޑު ވިދާޅުވެ، އެ ފޮޓޯ އަކީ "ގަމާރުކަމުގެ އަމަލެއް ކަމަށް" ސިފަކުރައްވާފައިވެ އެވެ. އަދި ދައުވާކުރާނެ ކަމުގެ އިންޒާރު ވެސް ދެއްވާފައިވެ އެވެ.

މަރަޑޯނާގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިޔަ ސެޕިލިއޯސް ޕިނިއާ ފިއުނަރަލް ޕާލާ އިން ބުނީ ފޮޓޯ ނެގި މީހާ އޭނާގެ ދަރިފުޅާއި އޭގައި ފެންނަ ތިން ވަނަ މީހާ އަކީ ޖަނާޒާގެ ކަންކަމަށް ވަގުތީ ގޮތުން ނެގި މީހުންގެ ތެރެއިން ބައެއް ކަމަށެވެ. އެ ކުންފުނީގެ މެނޭޖަރު މާޓިއަސް ޕިކޯން ބުނީ އެ މީހުންނާ އެކީ މަސައްކަތްކުރި ބައެއްގެ ފަރާތުން އެފަދަ އަމަލެއް ފެނުމަކީ ވަރަށް ހިތާމަކުރާ ކަމެއް ކަަމަށާއި އެކަމާ ލަދުވެތިވާ ކަމަށެވެ.

ސެޕިލިއޯސް ޕިނިއާ ފިއުނަރަލް ޕާލާ އަކީ ކުރިން ވެސް މަރަޑޯނާގެ އާއިލާގެ ބައެއް މީހުންގެ ޖަނާޒާ އިންތިޒާމުކޮށްދިން ބައެކެވެ. އެހެންވެ އެ އާއިލާގެ އިތުބާރު އެތަނަށް އޮންނަ ކަމަށް ވެސް މެނޭޖަރު ވިދާޅުވި އެވެ.

"ނަމަވެސް މި ދިމާވި ކަމަކީ އަހަރެމެން ވަރަށް ހިތާމަކުރާ ކަމެއް. އެފަދަ ކަމެއް ދިމާވެގެން ނުވާނެ ކަމަށް އަހަރެމެން ގަބޫލުކުރަން،" އޭނާ ވިދާޅުވި އެވެ.

ދުނިޔޭގައި އުފެދުނު އެންމެ ހުނަރުވެތި ފުޓްބޯޅަ ތަރިންގެ ތެރޭގައި ހިމެނޭ މަރަޑޯނާ، 60، ހާޓް އެޓޭކެއް ޖެހިގެން މަރުވުމުން އާޖެންޓީނާގެ ޕްރޮސެކިއުޓަރުންތަކެއް އިސް ނަގައިގެން މިހާރު ވަނީ އެކަމާ ގުޅުން ހުރި މައްސަލައެއް ބަލަން ފަށައިފަ އެވެ.