03 ނޮވެމްބަރ 2016 - 08:16

ބާސެލޯނާ (ނޮވެމްބަރު 3) – އާސެނަލްގެ ޗިލީ ފޯވާޑް އެލެކްސިސް ސަންޗޭޒް ސްޕެއިނުގެ ބާސެލޯނާ އަށް ކުޅުނު ދުވަސްވަރު ޓެކްސް އަށް މަކަރު ހަދާފައިވާ ކަމަށް ސްޕެއިނުގެ ކަމާބެހޭ ފަރާތްތަކުން ތުހުމަތުކޮށްފި އެވެ.
ބާސެލޯނާގެ ޕްރޮސެކިއުޓަރުން ބުނެފައިވާ ގޮތުގައި ސަންޗޭޒް ވަނީ 2012 އާއި 2013 ވަނަ އަހަރާ ދެމެދު 983،443 ޔޫރޯ އިން ޓެކްސް އަށް މަކަރު ހަދައިފަ އެވެ. އެގޮތުން ސަންޗޭޒް އިމޭޖް ރައިޓްސް ވިއްކީ ކުޑަ އަދަދެއްގެ ޓެކްސްއެއް ދައްކަން ޖެހޭ މޯލްޓާގެ ކުންފުނިތަކެއް މެދުވެރިކޮށް ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
އެކަމަކު މި ވާހަކަތައް އޭނާގެ އޭޖެންޓް ވަނީ ދޮގުކޮށްފަ އެވެ. އޭނާ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަންޗޭޒް ދިރިއުޅެފައިވާ ކޮންމެ ގައުމެއްގެ ގާނޫނާއި ގަވާއިދުތަކަށް ބޯލަނބާފައިވާ ކަމަށެވެ. އެގޮތުން ސްޕެއިނުގެ ޓެކްސް އިދާރާތަކަށް ޓެކްސް ފައިސާ ބަރާބަރަށް ދައްކާފައިވާ ކަމަށާއި އަދި އޭނާގެ އިމޭޖް ރައިޓްސް އާއި އެނޫން ވެސް އަމިއްލަ އާމްދާނީގެ ފައިސާ އިން ވެސް ޓެކްސް ދައްކާފައިވާ ކަމަށް ބުނެފައިވެ އެވެ.
މިފަދަ މައްސަލައެއްގައި ބާސެލޯނާގެ ލިއޮނަލް މެސީގެ މައްޗަށް ސާބިތުވެ އޭނާ އަށް ވަނީ 21 މަސް ދުވަހުގެ ޖަލު ހުކުމެއް އައިސްފަ އެވެ. އެކަމަކު ފުރަތަމަ ފަހަރަށް މިފަދަ ކުށެއް ކުރާ މީހަކަށް ދެ އަހަރަށް ވުރެން މަދު މުއްދަތެއްގެ ޖަލު ހުކުމެއް އައިސްފިނަމަ ޖޫރިމަނާ ދައްކައިގެން ޖަލު ހުކުމް ތަންފީޒު ނުކޮށް ސަލާމަތްވެވެ އެވެ.
މެސީ އަދި އޭނާގެ ބައްޕަ ހޮރާސިއޯގެ މައްޗަށް ސާބިތުވީ ކުޑަ އަދަދެއްގެ ޓެކުހެއް ދައްކަން ޖެހޭ އުރުގުއޭ އަދި ބެލިޒާގެ ކުންފުނިތަކެއް މެދުވެރިކޮށް މެސީގެ އިމޭޖް ރައިޓްސް ވިއްކައިގެން ސްޕެއިން ސަރުކާރަށް ޓެކްސް ނުދައްކައި މަކަރު ހެދި ކަމުގެ ކުށެވެ. މެސީ އާއި އޭނާގެ ބައްޕަ ބޭނުންކުރި މި "އުކުޅާ" އެކު 2007-2009 އަށް މެސީ އަށް އިމޭޖް ރައިޓްސް ވިއްކައިގެން ލިބުނު 4.16 މިލިއަން ޔޫރޯ އިން، ސްޕެއިނަށް ދައުލަތަށް ޓެކްސްގެ ގޮތުގައި އެއްވެސް ވަރެއް ނުދައްކައި ސަލާމަތްވީ އެވެ. އެއީ އެޑިޑާސް އާއި ޕެޕްސީ ކޯލާ އަދި ކުވޭތު ފުޑް ކޮމްޕެނީ ފަދަ ކުންފުނިތަކަށް އިމޭޖް ރައިޓްސް ވިއްކައިގެން ލިބުނު އާމްދަނީ އެވެ.