28 ނޮވެމްބަރ 2020 - 17:00

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައި، އިދިކޮޅު ކޯލިޝަނުން ކަނޑުމަތީގައި މިއަދު މުޒާހަރާ ކޮށްފި އެވެ.
ޔާމީން ޖަލަށްލާން ހުކުމް ކުރިތާ މިއަދު އެއް އަހަރު ފުރުމާ ގުޅިގެން އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ކަނޑުމަތީގައި މުޒާހަރާކުރަން ފެށީ މިއަދު މެންދުރު ހުޅުމާލެއިން ފުރި ދޯނިތަކެއްގަ އެވެ. ޔާމީނަށް ކުރަމުންދާ އަނިޔާ ހުއްޓާލައި، އެމަނިކުފާނު ވަގުތުން މިނިވަން ކުރަން އެ މުޒާހަރާގައި ގޮވާލަމުންދިޔަ އެވެ.
މީގެ ކުރިން ވެސް އިދިކޮޅު ކޯލިޝަނުން ކަނޑުމަތީގައި މުޒާހަރާކުރި އެވެ. އޭރު މުޒާހަރާ ކުރިއަށް ގެންދިޔައީ ކ. މާފުށީި ޖަލު ކައިރިއަށް ދޯނިތަކުގައި ގޮސްގެންނެވެ.
މީގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގައި ވެސް ޔާމީން މިނިވަން ކުރަން ގޮވާލައި، މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުންޏެވެ.
ޔާމީން ފަސް އަހަރަށް ޖަލަށްލާން ކުރި ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފް ކޮށްފައިވާއިރު، އެ މައްސަލަ މިހާރު އޮތީ ހައި ކޯޓުގައި ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.