ބަލިވުމުގެ އުޒުރަކީ ވެމްބްލީ އެއް ނޫން: ޕޮޗެޓީނޯ
ބަލިވުމުގެ އުޒުރަކީ ވެމްބްލީ އެއް ނޫން: ޕޮޗެޓީނޯ

ލަންޑަން (ނޮވެމްބަރު 3) - ޗެމްޕިއަންސް ލީގުގައި ރޭ ބެޔާ ލެވަކޫސަން އަތުން ބަލިވި ޓޮޓެންހަމް ހޮޓްސްޕާސް އަށް ދިމާވަމުން އަންނަ މައްސަލަ އަކީ ހޯމް މެޗުތައް ވެމްބްލީގައި ކުޅެން ޖެހުން ނޫން ކަމަށް އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

ޓޮޓެންހަމް ދަނޑުގައި މަރާމާތުގެ ބައެއް މަސައްކަތްތައް ކުރިއަށްދާތީ އެ ޓީމުގެ ޗެމްޕިއަންސް ލީގު ހޯމް މެޗުތައް ކުޅެމުން އަންނަނީ ވެމްބްލީގަ އެވެ. މިހާތަނަށް ވެމްބްލީގައި ކުޅުނު ދެ މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ. އެ ޓީމު މި ވަގުތު އޮތީ ގްރޫޕް އީގެ ތިން ވަނައިގަ އެވެ. އެއީ ކުޅުނު ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު އެވެ.

"ބަލިވުމުގެ އުޒުރަކަށް ވެމްބްލީ ހަދަން ބޭނުމެއް ނޫން. އެއީ ކުޅުނު ދެ މެޗަށް ބެލިޔަސް އަހަރެމެންނަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވުނު. މައްސަލަ އަކީ ލަނޑު ނުޖެހުން. އެކަން ރަނގަޅު ނުވުމަކީ ބޮލު ރިހުމެއް،" ޕޮޗެޓީނޯ ބުންޏެވެ.

މުބާރާތުގެ ދެ ވަނަ ބުރުން ޖާގަހޯދަން ދެން އޮތް ދެ މެޗުން ޓޮޓެންހަމް މޮޅުވާން ޖެހެ އެވެ. އެ ޓީމަށް ދެން އޮތީ ރަށުން ބޭރުގައި މޮނާކޯއާ ދެކޮޅަށް ކުޅޭ މެޗެވެ. އެންމެ ފަހު މެޗު އޮތީ ވެމްބްލީގައި ސީއެސްކޭއޭ މޮސްކޯއާ ދެކޮޅަށެވެ.

"ދެން މިއޮތީ ގްރޫޕް އެއްވަނަ (މޮނާކޯ)އާ ދެކޮޅަށް ކުޅޭ މެޗު. މި މުބާރާތުގައި މިހާތަނަށް ޓޮޓެންހަމުން ހޯދި ހަތަރު ޕޮއިންޓް ވެސް ހޯދައިފައި މިއޮތީ ރަށުން ބޭރުގައި ކުޅުނު ދެ މެޗުން. މޮނާކޯ މެޗު ފަސޭހަ ނުވާނެ. ޓާގެޓަކީ މޮޅެއް،" ޕޮޗެޓީނޯ ބުންޏެވެ.

ލީގުގައި މެންޗެސްޓާ ސިޓީ އަތުން އަމިއްލަ ދަނޑުގައި މޮޅުވި މެޗަށް ފަހު ކުޅުނު އެއްވެސް މެޗަކުން ޓޮޓެންހަމް މޮޅެއްނުވެ އެވެ.