03 ނޮވެމްބަރ 2016 - 07:57

ލަންޑަން (ނޮވެމްބަރު 3) – ކުޅިވަރުގެ ރޫހާ ހިލާފުވުމުގެ ދެ އަމަލާ ގުޅިގެން އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ އެއް މެޗަށް ސަސްޕެންޑްކޮށް 58،000 ޕައުންޑުން ޖޫރިމަނާކޮށްފި އެވެ.
އެފްއޭ އިން މޮރީނިއޯ އެއް މެޗަށް ބެންޗަށް ނާދެވެ ގޮތަށް ސަސްޕެންޑްކޮށް 8000 ޕައުންޑުން ޖޫރިމަނާކުރީ ހޮނިހިރު ދުވަހު ޕްރިމިއާ ލީގުގައި ބާންލީއާ ލަނޑެއް ނުޖެހި އެއްވަރުވި މެޗުގެ ހާފް ވަގުތު ޓަނެލް ތެރޭގައި ހިނގައިދިޔަ ކަމަކާ ގުޅިގެންނެވެ. ރެފްރީ މާޓިން ކްލެޓެންބާގް ވަނީ އޭނާ އެ މެޗުގައި ވެސް ބެންޗުން ފޮނުވާލައިފަ އެވެ. އެ މެޗުގައި ހިނގައިދިޔަ ކަންތައްތައް ބެލުމަށް މޮރީނިއޯ އަށް ދިން ސަސްޕެންޝަނާ ގުޅިގެން އާދީއްތަ ދުވަހު ސްވަންސީ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ އަށް ޓީމަށް ބެންޗުން އިރުޝާދެއް ނުދެވޭނެ އެވެ.
މޮރީނިއޯ އިތުރު 50،000 ޕައުންޑުން ޖޫރިމަނާކުރީ ރެފްރީ އެންތަނީ ޓޭލާއާ ބެހޭގޮތުން ދެއްކި ވާހަކަތަަކަކާ ގުޅިގެންނެވެ. ލިވަޕޫލާ ދެކޮޅަށް މިދިޔަ މަހުގެ 17 ވަނަ ދުވަހު ކުޅުނު މެޗުގެ ކުރިން މޮރީނިއޯ ބުނީ ޓޭލާ އަށް އެ މެޗުގައި ރެފްރީކަންކުރަން ދަތިވާނެ ކަމަށެވެ. އޭނާ ވަނީ އެ މެޗަށް ޓޭލާ ހަމަޖެއްސީ ޔުނައިޓެޑަށް ޕްރެޝަރުކުރުމުގެ ގޮތުން ކަމަށް ތުހުމަތުކޮށްފަ އެވެ. މެޗުގެ ކުރިން ރެފްރީންނާ ބެހޭގޮތުން ވާހަކަދެއްކުން އޮންނަނީ ކޯޗުންނަށް މަނާކޮށްފަ އެވެ.
ކުރިން ޗެލްސީ އަށް ކޯޗުކޮށްދިން އިރު ވެސް އަދި ރެއާލް މެޑްރިޑާއި އިންޓަ މިލާނުގައި ވެސް މޮރީނިއޯ އަކީ ރެފްރީންނަށް ފާޑުކިޔާ ކޯޗެކެވެ. އޭގެ ސަބަބުން އޭނާ އަށް ވަރަށް ގިނަ އަދަބުތައް ވަނީ ލިބިފަ އެވެ.