28 ނޮވެމްބަރ 2020 - 10:13

މެންޗެސްޓާ (ނޮވެމްބަރު 28) - މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް އާއި އެ ޓީމަށް ކުރިން ކުޅުނު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާ އެއް ގޮތް ކަމެއް އެބަހުރި ކަމަށް ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.
މިދިޔަ އަހަރު ޖެނުއަރީ މަހު ޔުނައިޓެޑާ ގުޅުނު ފަހުން ފެނާންޑޭސް އަންނަނީ ތަފާތު ފޯމެއްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ގިނަ ގޯލުތަކެއް ޖެހިއިރު، ލަނޑު ޖަހަން ފުރުސަތު ވެސް އަންނަނީ ތަނަވަސްކުރަމުންނެވެ. އެގޮތުން އޭނާ ވަނީ 35 މެޗުން 21 ގޯލު ޖަހައި 13 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ފެނާންޑޭސް ވަނީ އެ ޓީމު މޮޅުކޮށްދޭން މުހިއްމު ރޯލެއް ކުޅެފަ އެވެ. ފެނާންޑޭސް އަށް ތައުރީފުކޮށް ސޯލްޝެއާ ބުނީ ފެނާންޑޭސްގެ ރޯލު ޔުނައިޓެޑްގެ ނަތީޖާތަކުން ފެންނަން އެބައޮތް ކަަމަށެވެ.
"ތެދެއް. ފެނާންޑޭސްގެ އެބަހުރި ރޮނާލްޑޯއާ އެއްގޮތް ކަމެއް. ހަމައެކަނި އޭނަ އައި ފަހުން ޔުނައިޓެޑްގެ ނަތީޖާތައް ބަލާލިޔަސް އެއީ ހެއްކެއް. ދެން އަނެއްހެން އަހަރެންގެ ނަޒަރުގައި ބުނާނަމަ ދެ ކުޅުންތެރިންނަކީ ވެސް ޓީމު މޮޅުކުރަން ކޮންމެ ކަމެއް ވެސް ކޮށްފާނެ ދެ ކުޅުންތެރިން،" ރޮނާލްޑޯއާ އެކު ޔުނައިޓެޑަށް ކުޅުނު ސޯލްޝެއާ ބުންޏެވެ.
މީގެ 11 ވަަރަކަށް އަހަރު ކުރިން ޔުނައިޓެޑް ދޫކޮށް ރޮނާލްޑޯ ރެއާލް މެޑްރިޑަށް ބަދަލުވި ފަހުން ޔުނައިޓެޑަށް އެ ފެންވަރުގައި ކުޅޭނެ ކުޅުންތެރިއެއް ހޯދުމުގައި ވަނީ ގިނަ ދަތިތަކާ ކުރިމަތިލައިފަ އެވެ. މަޝްހޫރު ކުޅުންތެރިންތަކެއް ގެނައި ނަމަވެސް ފެންވަރު ސާބިތުކުރުމުގައި މައްސަލަތަކެއް ދިމާވި އެވެ.
ފަހަކަށް އައިސް ފެނާންޑޭސް އެންމެ މޮޅަށް ކުޅޭ މެޗުތަކަކީ ޔުނައިޓެޑުން ރަށުންބޭރުގައި ކުޅޭ މެޗުތަކެވެ. ލީގުގައި މާދަމާރޭ ޔުނައިޓެޑުން ރަށުންބޭރުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅޭ މެޗަކީ ފެނާންޑޭސް އަށް މުހިއްމު ދައުރެއް އަދާކުރެވޭނެ މެޗެއްގެ ގޮތުގައި ސޯލްޝެއާ ދެކެ އެވެ.
"ސައުތެމްޓަނަކީ ޕާސިން ގޭމެއް ޓެކްޓިކަލީ މޮޅަށް ކުޅެން މަސައްކަތްކުރާ ޓީމެއް. އެ ކަަހަލަ ޓީމުތަކާ ދެކޮޅަށް ފެނާންޑޭސް އެޓޭކިން ހާފުގައި ޖާގަ ހޯދައިގެން ރަނގަޅަށް ކުޅޭ. މިއީ އޭނާ ރަނގަޅަށް ކުޅޭނެ މެޗެއް ކަމަށް އަހަރެން ދެކެނީ،" ސޯލްޝެއާ ބުންޏެވެ.
މި ފަހަރު ޕްރިމިއާ ލީގުގައިި ޔުނައިޓެޑްގެ ނަތީޖާތައް ޖުމްލަކޮށް ދަށް ވުމުން ސޯލްޝެއާގެ މަގާމާ މެދު ސުވާލުތަކެއް އުފެދުނެވެ. އެކަމަކު ޗެމްޕިއަންސް ލީގުގައި ނަތީޖާތައް ރަނގަޅުވުމުން ކޮންމެ ފަހަރަކު ވެސް ޓީމު ހަމަޔަކަށް އަޅުވަން ސޯލްޝެއާ އަށް ފުރުސަތު ލިބެނީ އެވެ.