28 ނޮވެމްބަރ 2020 - 10:15

ލަންޑަން (ނޮވެމްބަރު 28) - އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާރޭ ޓޮޓެންހަމާ ދެކޮޅަށް އަމިއްލަ ދަނޑުގައި ޗެލްސީން ކުޅޭ މެޗަކީ އެ ޓީމުގެ ވެރިޔާ ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް އެ ކްލަބާ ހަވާލުވި ފަހުން ކުޅޭ 1000 ވަނަ މެޗަށްވުމުން އޭނާ އަށް ޓަކައި އެ މެޗުން މޮޅުވާން ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް އެދިއްޖެ އެވެ.
މިދިޔަ ސީޒަނުގައި ޗެލްސީގެ ކޯޗުކަމާ ހަވާލުވި ލަމްޕާޑް ބުނީ ކުޅުންތެރިއެއްގެ ގޮތުގައި އެ ޓީމަށް އޭނާ ކުޅެދިން 13 އަހަރު ވެސް ޓީމު ކުރިއަރުވަން ފެނުނު ޖޯޝް މިއަދު ވެސް އަބްރަމޮވިޗްގެ ކިބައިން ފެންނަ ކަމަށެވެ.
"ކޯޗެއްގެ ގޮތުގައި ވެސް ކުޅުންތެރިއެއްގެ ގޮތުގައި ވެސް މި ފަދަ ގިނަ މެޗުތަކެއްގައި އަހަރެން ބައިވެރިވެފައިވާނެ. އަހަރެން އަބަދުވެސް އޭނާ (އަބްރަމޮވިޗް) އަށް ޓަކައި ޝުކުރުވެރިވަން،" ލަމްޕާޑް ބުންޏެވެ.
"އޭނަ (އަބްރަމޮވިޗް)ގެ ސަޕޯޓް ނެތި އަހަރެމެންނަށް މި ހުރިހާ ކާމިޔާބެއް ނުހޯދޭނެ. ހާއްސަކޮށް އޭނާ އަބަދުވެސް އެދޭ މާލީ އެހީތައް އެބަޖެހޭ ފާހަގަކުރަން. އަހަރެން ކުޅުންތެރިންނަށް ދޭނެ މެސެޖަކީ މި މެޗު އޭނަ އަށް ދޭ ހަދިޔާއެއްގެ ގޮތުގައި ވިޔަސް މޮޅުވާށޭ. މިއީ އަބްރަމޮވިޗަށް ވަރަށް ހާއްސަ މެޗެކޭ."
އަބްރަމޮވިޗްގެ މިލްކިއްޔާތުގައި އެކިއެކި ވިޔަފާރިތަކުން ލިބޭ ހިއްސާއާ އެކު 11.9 ބިލިއަން ޑޮލަރު އެބަހުއްޓެވެ. ރަޝިޔާގެ ވެސް އެންމެ ބޮޑެތި މަހުޖަނުންގެ ތެރޭގައި ހިމެނޭ އަބްރަމޮވިޗް، ޗެލްސީ ގަނެފައި ވަނީ 2003 ވަނަ އަހަރު 180 މިލިއަން ޑޮލަރަށެވެ. މިހާރު އެ ކްލަބުގެ އަގު އެތައް ގުނައެއް ބޮޑުވާނެ އެވެ.
ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ ގާތް ގުޅުމެއް އޮންނަ އަބްރަމޮވިޗް ވަނީ މީގެ ކުރިން ރަޝިޔާގެ ޗުކޮޓްކާ ސަރަހައްދުގެ ގަވަރްނަރުކަން ވެސް ކޮށްފަ އެވެ. އަބްރަމޮވިޗް ޗެލްސީއާ އެކު ހާއްސަ އަދަދަކަށް މެޗު ފުރިހަމަކުރަން ތައްޔާރުވަމުން އަންނައިރު، މި މެޗުގައި އޭނާއާ އިދިކޮޅަށް ނުކުންނަ ޓީމު ޓޮޓެންހަމްގައި ހުރީ އަބްރަމޮވިޗްގެ ދައުރުގައި ޗެލްސީގެ އެންމެ ކާމިޔާބު ކޯޗު ހޯސޭ މޮރީނިއޯ އެވެ.
ހާއްސަ މެޗަކާ ކުރިމަތިލީ ނަަމަވެސް އަބްރަމޮވިޗަށް އެ މެޗު ބަލާލަން ދަނޑަށް ދިއުމުގެ ފުރުސަތެއް ނެތެވެ. އަބްރަމޮވިޗްގެ އިނގިރޭސި ވިލާތުގެ އިންވެސްޓް ވިސާ 2018 ވަނަ އަހަރު މެއި މަހު ވަނީ ހަމަވެފަ އެވެ. އިނގިރޭސި ވިލާތާއި ރަޝިޔާއާ ދެމެދު ބޮޑު ޑިޕްލޮމެޓިކް މައްސަލައެއް އުފެދިފައިވާތީ އަބްރަމޮވިޗްގެ އިންވެސްޓް ވިސާ އަދިވެސް އޮތީ އާ ނުކޮށްދީ އެވެ. އެއީ ރަޝިޔާގެ ކުރީގެ ޖާސޫސަށް އިނގިރޭސި ވިލާތުގައި ވިހަ ދިން މައްސަލައެއްގަ އެވެ. ވިސާ ނުލިބި އިނގިރޭސި ވިލާތަށް އެތެރެ ވެވޭނެ ގޮތެއް ނެތުމުން އަބްރަމޮވިޗް އޭރުން ފެށިގެން ޗެލްސީގެ މެޗެއް ބަލަން ދަނޑަށް ނުދެ އެވެ. އޭގެ ފަހުން އަބްރަމޮވިޗް ދަނޑަށް ގޮސް ބެލި ޗެލްސީގެ ދެ މެޗަކީ އާސެނަލާ ދެކޮޅަށް 2019 ވަނަ އަހަރު ކުޅުނު ޔޫރޮޕާ ލީގުގެ ފައިނަލާއި މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ރަޝިއާގެ ކްރަސްނޮޑާ އަތުން ޗެލްސީ މޮޅުވި މެޗެވެ.
އުމުރުން 54 އަަހަރުގެ އަބްރަމޮވިޗް މިހާރު ވަނީ އިޒްރޭލުގެ ރަށްވެއްސަކަށްވެ އެ ގައުމުގައި ދިރިއުޅެން ފަށައިފަ އެވެ. އޭނާ އަކީ އިޒްރޭލުގެ ސަރުކާރާ ގާތްގުޅުމެއް އޮންނަ މީހެކެވެ.