ބާސެލޯނާ ކުޅުންތެރިންގެ މުސާރަ ކުޑަކުރަން އެއްބަސްވެއްޖެ
ބާސެލޯނާ ކުޅުންތެރިންގެ މުސާރަ ކުޑަކުރަން އެއްބަސްވެއްޖެ

ބާސެލޯނާ (ނޮވެމްބަރު 28) - ކޮވިޑް-19އާ ހެދި ބާސެލޯނާ މާލީ ގޮތުން ވެއްޓިފައިވާ އަޑިގަނޑުން އަރައިގަންނަން އެހީވުމުގެ ގޮތުން އެ ކްލަބްގެ ކުޅުންތެރިން މުސާރައިގެ ވަކި އިންސައްތަ އެއް ކުޑަކުރަން އެއްބަސްވެއްޖެ އެވެ.

ބާސެލޯނާ އަށް ލިބޭ އާމްދަނީއާ އަޅާކިޔާއިރު ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ އިންތިހާ އަށް ބޮޑުވެފައިވާތީ ކްލަބަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބުމުގެ ފުރުސަތު އޮތް ކަމަށް ސްޕެއިނުގެ ނޫސްތަކުން ފާއިތުވި މަސްތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ. ބާސެލޯނާ އިން އެކަމުން އަރައިގަންނަން ކުޅުންތެރިންނާ އެކު އެކި ލެވަލްގައި މަޝްވަރާތަކެއް ބާއްވަމުން އަންނަ ކަމަށް ވެސް އޭރު މީޑިއާގައި އަޑުފެތުުރުނެވެ.

ސްޕެއިނުގެ ނޫހަކަށް ބާސެލޯނާގެ އޮފިޝަލަކު ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ކުޅުންތެރިންނާ އެކު ބޭއްވުނު މަޝްވަރާތައް ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި ކްލަބަށް އެހީވުމުގެ ގޮތުން ތިން އަހަރަށް ބަހާލައިގެން ވަކި ވަރަކަށް މުސާރަ ނުނަގަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެއްބަސްވެވިފައިވާ ގޮތަށް ކުރިއަށް ދެވިއްޖެނަމަ ބާސެލޯނާގެ މުސާރައިން 145 މިލިއަން ޑޮލަރު ސަލާމަތްކުރެވޭނެ އެވެ.

މީގެ ކުރިން މިދިޔަ މާޗް މަހު ކޮވިޑާ ހެދި ފުޓްބޯޅަ ކުޅުން މެދުކަނޑާލާފައި އޮތް ތިން މަހެއްހާ ދުވަހަށް ބާސެލޯނާ ކުޅުންތެރިން 70 ޕަސެންޓް މުސާރަ ނުނަގަން ވެސް އެއްބަސްވި އެވެ.

ބާސެލޯނާގެ ރައީސްގެ މަގާމުން ޖޯސެފް ބާޓޮމެއު އިސްތިއުފާ ދިނުމުން މިހާރު ވަގުތީ ގޮތުން އެ ކްލަބާ ހަވާލުވެ ހުރި ކާލެސް ޓަސްކުއެޓްސް ވިދާޅުވީ އެ ކްލަބްގެ މާލީ ހާލަތުގެ ކަންތައްތައް އެހާ އާދައިގެ ގޮތަކަށް ނުނެގުމަށެވެ. ކްލަބް ހިންގަން މިހާރު ތިބި މީހުންނަށް ފެންނަން ހުރި މަންޒަރުތަކަށް ބަލާއިރު އާމްދަނީ އިތުރު ނުކުރެވިއްޖެނަމަ ކްލަބް އިތުރަށް މާލީ ގޮތުން ދަށް ހާލަތަކަށް ވެއްޓުމުގެ ފުރުސަތު ބޮޑު ކަމަށް ޓަސްކުއެޓްސް ވިދާޅުވި އެވެ.

ބާސެލޯނާގެ އާ ރައީސަކު ހޮވާ އިންތިހާބު ޖެނުއަރީ 24 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފައިވާއިރު ދެން އަންނަ ކޮންމެ ރައީސަކަށް ވެސް ކުރިމަތިވާނެ އެންމެ ބޮޑު ޗެލެންޖަކީ ކްލަބްގެ މާލީ ހާލަތު ރަނގަޅުކުރުމާއި އެ ޓީމު ދޫކޮށްލަން ނިންމި ލިއޮނަލް މެސީ އާ ކޮންޓްރެކްޓެއްގައި ސޮއިކުރުވުމެވެ. މެސީ މި ވަގުތު ބާސެލޯނާ ކޮންޓްރެކްޓްގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ.