ޑެނިއަލް ކްރެއިގް ބޮލީވުޑް ޑައިރެކްޓަރަކާ އެކު
ޑެނިއަލް ކްރެއިގް ބޮލީވުޑް ޑައިރެކްޓަރަކާ އެކު

ހަތަރު ފިލްމެއްގައި ބޮންޑްގެ ރޯލް ކުޅުނު އިނގިރޭސި އެކްޓަރު ޑެނިއަލް ކްރެއިގް ބޮންޑްގެ ރޯލުން ދެން ނުފެނުނަސް، މާޔޫސް ވާނެ ކަމެއް ނެތެވެ.

ޑެނިއަލް ކްރެއިގް ބޮލީވުޑް ޑައިރެކްޓަރަކާ އެކު
ޑެނިއަލް ކްރެއިގް ބޮލީވުޑް ޑައިރެކްޓަރަކާ އެކު

ބެލުންތެރިންނަށް އެ ނޫން ވެސް ތަފާތު ފިލްމުތަކުން، އެކި ރޯލްތަކުން އޭނާ ފެނިގެން ދާނެ އެވެ. ހޮލީވުޑްގެ އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން ކްރެއިގަށް މިހާރު ވަނީ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރަކާ އެކު މަސައްކަތްކޮށްލަން ފުރުސަތު ލިބިފަ އެވެ.

އެއީ ނެޝަނަލް އެވޯޑް ހޯދާފައިވާ ފިލްމް "ޕާން ސިންގް ތޯމަރް" އާއި "ހާސްފިލް" ފަދަ މޮޅެތި ފިލްމްތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ޓިގްމާންޝޫ ދޫލިއާ ޑައިރެކްޓް ކުރާ ފިލްމެކެވެ.

މި ފިލްމަކީ އިޓަލީގެ ޕްރޮޑަކްޝަން ހައުސްއެއް ކަމަށްވާ ހިއުމެނިސީ ވޯލްޑް ސިނެމާ އެންޓަޓައިންމަންޓުން އުފައްދާ ފިލްމެކެވެ. މިއީ ގާނޫނާ ހިލާފަށް ގައުމުތަކަށް އެތެރެވާ މީހުންނާ ބެހޭ ގޮތުން ހަދާ ފިލްމެކެވެ.

މި ޕްރޮޖެކްޓާ ބެހޭ ގޮތުން ހިއުމެނިސީގެ ފަރާތުން ވާހަކަ ދެއްކި އެންޖެލޯ އެންޓޯނިއޯ ޓްރީލޯ ވަނީ ހޮލީވުޑްގެ އެކްޓަރަކާއި ބޮލީވުޑްގެ ޑައިރެކްޓަރަކާ އެކު ފިލްމެއް ހަދާކަން ކަށަވަރުކޮށް ދީފަ އެވެ. އެކަމަކު އެ މީހުންގެ ނަމެއް އޭނާ ހާމައެއް ނުކުރެ އެވެ.

"މި ޕްރޮޖެކްޓް އަދި އޮތީ އޭގެ އެންމެ ފުރަތަމަ މަރުހަލާގައި. އެހެންވެ މީގެ ތަފުސީލަކަށް ދާން އަދި ތަންކޮޅެއް އަވަސް،" އެންޓޯނިއޯ ބުންޏެވެ. "ހުރިހާ ކަމެއް ފައިނަލްވީމާ ފިލްމް ރަސްމީކޮށް އިއުލާން ކުރާނެ."

އެކަމަކު އޭނާ ވަނީ ހޮލީވުޑްގައި ވެސް މަސައްކަތް ކުރާ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އިރްފާން ހާން ފިލްމުން ފެނިދާނެ ކަމުގެ އިޝާރާތެއް ވެސް ދީފަ އެވެ.

"އިންޑިއާ އިން ފިލްމަށް އެޕްރޯޗް ކުރާ ތަރިންގެ ތެރޭގައި އިރްފާން ހިމެނޭ،" އެންޖެލޯ ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން ނިއު ދިއްލީގައި ކުޅޭ ޗެރިޓީ ފުޓްބޯޅަ މެޗަކަށް ވަރަށް އަވަހަށް ކްރެއިން އިންޑިއާ އަށް ދާނެ އެވެ. އަދި އެ ދަތުރުގައި އޭނާ ޓިގްމާންޝޫ އާ ބައްދަލުކޮށް ޕްރޮޖެކްޓާ ބެހޭ ގޮތުން މަޝްވަރާ ވެސް ކުރާނެ އެވެ.

"ބޮންޑް" އާއި ޓިގްމާންޝޫގެ ފިލްމަށް އިންތިޒާރު ކުރަމާ ހިނގާށެވެ.