ބީއެމްއެލުން ކުޑަކުދިންގެ ހިޔާއަށް ކޮމްޕިއުޓަރުތަކެއް ހަދިޔާކޮށްފި
ބީއެމްއެލުން ކުޑަކުދިންގެ ހިޔާއަށް ކޮމްޕިއުޓަރުތަކެއް ހަދިޔާކޮށްފި

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކޮމްޕިއުޓަރުތަކެއް މިއަދު ހަދިޔާކޮށްފި އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބައިތިއްބާ ހިޔާއަށް ފަސް ކޮމްޕިއުޓަރު ހަދިޔާކުރީ، މުޖުތަމައަށް އެހީވުމުގެ ގޮތުން އެ ބޭންކުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުންނެވެ. އެއީ، ހިޔާގައި ތިބި ކުދިން އޮންލައިންކޮށް ކިޔެވުމަށް އިތުރު ވަސީލަތްތައް ގާއިމްކުރުމުގެ ގޮތުން ވެދިން އެހީއެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ހިޔާގައި ކިޔަވާ ކުދިންނަށް އޮންލައިން ކްލާސްތަކުގައި ބައިވެރިވުމަށް އިތުރު އެހީއަކަށް އެ ކޮމްޕިއުޓަރުތައް ވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އަދި އޭގެ ސަބަބުން އެ ކުދިންގެ ކިޔެވުމާއި ހުނަރު ތަރައްގީކުރުމުގެ އެހީއަކަށް ވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތައުލީމީ ދާއިރާއަކީ ބީއެމްއެލްގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ މުހިންމު އެއް ދާއިރާކަމަށްވާތީ އެ ބޭންކުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރަމުން އަންނަ ޖަމިއްޔާތަކާއި ސްކޫލްތަކާ ގުޅިގެން ތައުލީމީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި އަހަރުގެ ކުރީކޮޅު  ބޭންކުން ވަނީ 10 ރަށެއްގައި ހިންގާ ސްކޫލްތަކުގެ ސެން ކްލާސްތަކަށް ބޭނުންވާ ވަސީލަތްތައް ވެސް ފޯރުކޮށްދީފަ އެވެ.