27 ނޮވެމްބަރ 2020 - 17:53

ވޮޝިންޓަން (ނޮވެމްބަރު 27) - އެމެރިކާގެ ވެރިކަމަށް ދެން ވަޑައިގަންނަވާނީ ޖޯ ބައިޑަންކަން ރަސްމީކޮށް އިއުލާން ކުރުމުން ވައިޓް ހައުސް އިން ނުކުމެވަޑައިގަންނަވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ އިންތިޚާބުން ނާކާމިޔާބުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ "ރޭސް އަދި ނުނިމޭ" ކަމަށެވެ. އިންތިޚާބުން ނާކާމިޔާބުވި ކަމަށް ގަބޫލް ކުރައްވަން ޓްރަމްޕް އަދިވެސް ދެކޮޅު ހައްދަވަ އެވެ. ޓްރަމްޕް ގެންދަވަނީ ވޯޓު އޮޅުވާލި ކަމަށް ތުހުމަތު ކުރައްވަމުންނެވެ.
ޓްރަމްޕް ބަލި ގަބޫލް ނުކުރެއްވި ނަމަވެސް ވަކިވަކި ސްޓޭޓަތަކުން މިހާރު ދަނީ ބައިޑަންގެ ކާމިޔާބީ ރަސްމީކޮށް އިއުލާން ކުރަމުންނެވެ.
އިންތިޚާބުގައި ރައްޔިތުންގެ އަޣުލަބިއްޔަތު ވޯޓުން ޓްރަމްޕަށް ވުރެ އިތުރަށް ބައިޑަން ހޯއްދެވި ވޯޓު ވަނީ 5.9 މިލިއަނަށް އަރައިފަ އެވެ. އެމެރިކާގައި އިންތިޚާބު ކާމިޔާބު ކުރާ ފަރާތެއް ކަނޑައަޅާ އިލެކްޓޯރަލް ކޮލެޖް ސިސްޓަމް އިން ވެސް ބައިޑަން ވަނީ 306 ވޯޓު ހޯއްދަވައިފަ އެވެ. ޓްރަމްޕަށް ލިބިވަޑައިގެންނެވީ 232 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ. އިންތިޚާބު ކާމިޔާބު ކުރާ ކެންޑިޑޭޓަކު މަދުވެގެން 270 ވޯޓު ހޯދަން ޖެހެ އެވެ.
ނަތީޖާ ރަސްމީކޮށް އިއުލާން ކުރުމަށް އިލެކްޓަރުން ބައްދަލު ކުރާނީ ޑިސެމްބަރު 14 ގަ އެވެ. ބައިޑަން ހުވާ ކުރައްވާނީ ޖެނުއަރީ 20 ގަ އެވެ.
ބަލި ގަބޫލް ނުކުރެއްވި ނަމަވެސް ޓްރަމްޕް ވަނީ ވެރިކަން ބަދަލު ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ހުއްދަ މިިދިޔަ ހަފުތާގައި ދެއްވައިފަ އެވެ.