މުހިއްމު މެޗަކަށް ނުކުންނައިރު އަސަދުﷲ އަނިޔާގައި
މުހިއްމު މެޗަކަށް ނުކުންނައިރު އަސަދުﷲ އަނިޔާގައި

އެފްއޭ ކަޕް ކުއާޓާ ފައިނަލް ފަހު މެޗުގައި މިރޭ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ނުކުންނައިރު އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އަށް އަނިޔާވެއްޖެ އެވެ.

އަސަދުﷲ ފައިގެ ފަލަމަސްގަނޑަށް އަނިޔާވީ މިރޭގެ މެޗަށް ތައްޔާރުވާން ބޭއްވި މާޒިޔާގެ ފަރިތަކުރުންތަކުގެ ތެރެގަ އެވެ. މިރޭގެ މެޗުގައި އަސަދުﷲ ފެނުމުގެ އޮތީ ކުޑަ ފުރުސަތެކެވެ.

މި ސީޒަނުގެ މިހާތަނަށް 26 ލަނޑު ޖަހާފައިވާ އަސަދުﷲ އަކީ މާޒިޔާގެ މުހިއްމު ކުޅުންތެރިޔެކެވެ. ފާއިތުވި އަހަރުތަކުގައި މާޒިޔާއިން ހޯދި ގިނަ ކާމިޔާބީތަކުގައި އަސަދުﷲގެ ދައުރު ބޮޑެވެ. އޭނާ އަކީ މިދިޔަ ދެ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ވެސްމެ އެވެ. މިސީޒަނުގައި މާޒިޔާ އިން މިހާތަނަށް ކުޅުނު ގިނަ މެޗުތަކުގައި އަސަދުﷲ ވަނީ ކުޅެފަ އެވެ.

ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް މާޒިޔާ އިން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މާޒިޔާ މޮޅުވީ 5-1 އާއި 1-0 އިންނެވެ. އަނެއް މެޗު އެއްވަރުވީ 1-1 އިންނެވެ.

ކޯޗު އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން މާޒިޔާ އެންމެ ފުރަތަމަ ކާމިޔާބުކުރި މުބާރާތަކީ 2014 ވަނަ އަހަރުގެ އެފްއޭ ކަޕެވެ. އެ ފަހަރު ފައިނަލުގައި މާޒިޔާ މޮޅުވީ ނިއު ރޭޑިއަންޓް އަތުން ޕެނަލްޓީ ޖަހައިގެންނެވެ.

މި ފަހަރުގެ ސީޒަނުގައި މިހާތަނަށް މާޒިޔާ އިން ވަނީ ޗެރިޓީ ޝީލްޑާއި އުރީދޫ ދިވެހި ޕްރިމިއާ ލީގު ކާމިޔާބު ކޮށްފަ އެވެ. މާޒިޔާ އިން ވަނީ ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރަން ޓާގެޓްކޮށްފަ އެވެ. މި މުބާރާތުގެ އިތުރުން ސީޒަނުގައި ދެން ބާކީ އޮތީ ޕްރެޒިޑެންޓްސް ކަޕެވެ. އެ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނަކީ ވެސް މާޒިޔާ އެވެ.

މި ސީޒަނުގައި އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކޮށް ގަދަ ހަތަރެއްގައި ނިންމާލާފައިވާ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް މާޒިޔާ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.