އިލެކްޓްރޯނިކް ސާމާނު އުފައްދާ ޑައިޒަން އިން އޭޝިއާގައި ތިން ބިލިއަން ޑޮލަރު އިންވެސްޓްކުރަނީ
އިލެކްޓްރޯނިކް ސާމާނު އުފައްދާ ޑައިޒަން އިން އޭޝިއާގައި ތިން ބިލިއަން ޑޮލަރު އިންވެސްޓްކުރަނީ

ވެކިއުމް ކްލީނަރާއި އެއާ ޕިއުރިފަޔާ އާއި ހެއާ ޑްރަޔާ ފަދަ ސާމާނު އުފައްދާ އިނގިރޭސިވިލާތުގެ ޑައިޒަން ކުންފުނީގެ ވިޔަފާރި އޭޝިއާ އަށް އަމާޒުކޮށް، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޓެކްނޮލޮޖީގެ ދާއިރާ އަށް 3.67 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމައިފި އެވެ.

އިލެކްޓްރޯނިކް ސާމާނު އުފައްދާ ޑައިޒަން އިން އޭޝިއާގައި ތިން ބިލިއަން ޑޮލަރު އިންވެސްޓްކުރަނީ
އިލެކްޓްރޯނިކް ސާމާނު އުފައްދާ ޑައިޒަން އިން އޭޝިއާގައި ތިން ބިލިއަން ޑޮލަރު އިންވެސްޓްކުރަނީ

މީގެ 29 އަހަރު ކުރިން ވުޖޫދަށް އައި ކުންފުނިން ބުނީ އެތަނުގެ މަސައްކަތްތައް އިނގިރޭސިވިލާތުގެ އިތުރުން މިހާރު ސިންގަޕޫރާއި ފިލިޕިންސްގައި ފުޅާކުރަން ނިންމާފައިވާ ކަމަށެވެ. އެހެންވެ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޓެކް ދާއިރާ އަށް އިންވެސްޓްކުރަން ނިންމި 3.67 ބިލިއަން ޑޮލަރު (2.75 ބިލިއަން ޕައުންޑް) އިން އެ ގައުމުތަކުގައި ޑައިޒަންގެ މަސައްކަތްތައް ފުޅާވެ، ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ވެސް ފަހިވެގެން ދާނެ ކަމަށް ބުންޏެވެ.

ޑައިޒައިން މިދިޔަ އަހަރު އިއުލާންކޮށްފައިވާ ގޮތުގައި ކުންފުނީގެ ހެޑްކުއާޓަރަށް ސިންގަޕޫރުގައި ވެސް ގާއިމުކުރާނެ އެވެ.

އެ ކުންފުނީގެ ޗީފް އެކްޒެކެޓިވް ރޮނާލްޑް ކްރޫގާ ވިދާޅުވި ގޮތުގައި މި ވަގުތަކީ ޓެކްނޮލޮޖީގެ ދާއިރާ އަށް ވަރަށް ބޮޑަށް އިންވެސްޓްކުރަންވީ ވަގުތެކެވެ.

"އެހެންވެ ކުރިއަށް އޮތް ތަނުގައި އަހަރެމެންގެ މަސައްކަތްތައް ބައްޓަންވެގެން ދާނީ ވެސް ޓެކްނޮލޮޖީ އަށް ވަރަށް ބޮޑަށް ބަރޯސާވާ ގޮތަށް،" އޭނާ ވިދާޅުވި އެވެ. "އޭގެ މާނަ އަކީ ކުރިން އަހަރެމެން ނުއުފައްދާ ވަރަށް ގިނަ އުދެއްދުންތަކެއް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އުފައްދަން ފަށާނެއޭ. މިކަމުގެ ސަބަބުން ޑައިޒަންގެ މަސައްކަތްތައް ފުޅާވެގެން ދާނެ. މިއާ އެކު އާ އިންވެސްޓްމަންޓްވެގެން ދާނީ އާ ބާބެއްގެ ފެށުން ކަމަށް."

އެ ކުންފުން ބުނި ގޮތުގައި ކުރިއަށް އޮތް ތަނުގައި ރޮބޮޓާއި ނެކްސްޓް ޖެނެރޭނަން މޮޓޯ ޓެކްނޮލޮޖީ އާއި އިންޓެލިޖެންޓް ޕްރޮޑަކްޓްސް އާއި ކަނެކްޓިވިޓީ ފަދަ ދާއިރާތަކުން ގިނަ ރިސާޗްތަކެއް ހަދައި، ވިޔަފާރި ފުޅާކޮށް ތަރައްގީކުރާނެ އެވެ.

ޑައިޒަން އިން އަމާޒު ހިފާފައި އޮތް އަނެއް ކަމަކީ ތިމާވެއްޓާ ރައްޓެހި ދިގު މުއްދަތަކަށް ބޭނުން ކުރެވޭ ބެޓެރީ ޓެކްނޮލޮޖީ އެވެ. އެ ދާއިރާ އިން މިހާރު ވެސް އިނގިރޭސިވިލާތާއި އެމެރިކާ އަދި ޖަޕާންގައި އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.