26 ނޮވެމްބަރ 2020 - 22:32

ކޮވިޑް-19 އަށް ތައްޔާރު ކުރާ ވެކްސިން، ރާއްޖެ އަށް ބޭނުންވާ ވަރު ދެނެގަތުމަށް ބަލި މީހުންގެ މައުލޫމާތު ބައެއް ސިއްހީ ހިދުމަތް ދޭ ތަންތަނުން އެއްކުރަން ފަށައިފި އެވެ.
ކޮވިޑް-19އާ ގުޅޭ ވެކްސިނެއް އުފެއްދުމާއެކު، އެ އެންމެ ބޭނުންވާ ހައިރިސްކުގެ މީހުންނަށް ވެކްސިން ލިބޭނެކަން ކަށަވަރު ކުރުމަށް، ޑަބްލިޔުއެޗްއޯއިން އުފައްދާފައިވާ ކޮވެކްސް ފެސިލިޓީގައި ރާއްޖޭން ވަނީ ބައިވެރިވެފަ އެވެ. އެހެންވެ، އެ ކެޓަގަރީގައި ހިމެނޭ މީހުން ހޯދުމަށް ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް މެދުވެރިކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިހާރު ވަނީ އިއުލާން ކުރަން ފަށައިފި އެވެ.
އެގޮތުން ނ. ހޮޅުދޫ ސިއްހީ މަރުކަޒުން ކުރި އިއުލާނެއްގައި ބުނީ ވެކްސިން ބޭނުންވާ ވަރު އަންދާޒާ ކުރުމަށް، މިހާރު އެ ރަށުގައި ދިރިއުޅޭ މީހުންގެ ތެރެއިން، ވަކި ބަލިތަކާއި ވަކި އުމުރެއްގެ ބަޔަކު އެކަން އެންގުމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މި އަހަރުގެ ނިޔަލަށް 50 އަހަރު ފުރޭ މީހުންނާއި އުމުރުން 18-50 އަހަރުގެ ދިވެހިންނާއި ބިދޭސީންގެ ތެރެއިން، ކެންސަރަށް ފަރުވާ ކުރާ މީހުންނާއި ހަކުރު ބަލީގެ މީހުންނާއި އިސްކޮޅާ ގުޅުވައިގެން ބަރުދަން ހުންނަންވާ މިންގަނޑު 40އަށް ވުރެ މަތީ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށިވާ ބޭސްކާ މީހުންނެވެ. އަދި ކިޑްނީ އާއި ފުއްޕާމޭގެ ބަލިތަކާއި ހިތާ ގުޅުން ހުރި ބަލިތަކާއި އެނދުމަތިކޮށްފައި ތިބޭ މީހުންނާއި ސްޓްރޯކެއް ޖެހުމާއި ތެލެސީމިއާ ބަލީގައި ލޭ އަޅަން ޖެހޭ މީހުން ވެސް ރިޕޯޓު ކުރުމަށް އިއުލާނުގައި ވެ އެވެ.
މި އިއުލާން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި އެހެން ބައެއް ރަށްރަށުން ވެސް ވަނީ ކޮށްފަ އެވެ.
ކޮވެކްސް މެދުވެރިކޮށް، ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަށް ވެކްސިން ލިބޭނެ ކަމަށް އެޗްޕީއޭން ވަނީ ބުނެފަ އެވެ. އެކަމަކު އެންމެ ފުރަތަމަ ވެކްސިން ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ ބައްޔާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންނެވެ.
އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ވެކްސިން ދިނުމުގައި އިސްކަންދޭނެ މީހުން ކަނޑައެޅުމަަށް ފްރޭމްވޯކެއް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެޗްޕީއޭގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް(ޓެގު)ން ތައްޔާރު ކުރަމުން އަންނަ އެ ފްރޭމްވޯކުގެ ދަށުން ވެކްސިން ޖަހާނެ މީހުން ކަނޑައަޅައި، ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި، އެ ކެޓަގަރީއަށް ފެތޭ މީހުން އަންނަނީ ހޯދަމުންނެވެ.
ރާއްޖޭގައި މިހާރު ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު 12،000އަށް ވުރެ ވަނީ އިތުރުވެފަ އެވެ. އަދި 45 މީހުން ބަލީގައި މަރުވެފައިވާއިރު އެޑްމިޓްކޮށްގެން ވެސް ބައެއް މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. މުޅި ދުނިޔެއަށް ފެތުރިފައިވާ މި ބަލިން ދިފާއުވުމަށް އެކި ގައުމުތަކުން ގިނަ ވެކްސިންތަކެއް ހަދަމުން އަންނައިރު، އަދި އެއްވެސް ވެކްސިންއަކަށް ލައިސަންސެއް ނުލިބެ އެވެ. އެކަމަކު ބައެއް ވެކްސިންތައް މިހާރު ވަނީ 95 ޕަސެންޓް ކާމިޔާބުކޮށްފަ އެވެ.