26 ނޮވެމްބަރ 2020 - 18:42

ރާއްޖޭގައި މުސްލިމް ވޯލްޑް ލީގު (އެމްޑަބްލިއުއެލް) ގެ އޮފީހެއް ހަދަން މިއަދު މަޝްވަރާކޮށްފި އެވެ.
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ބޭއްވި ބައްދަލުވުމެއްގައި މިކަން މަޝްވަރާ ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެ އެމްޑަބްލިއުއެލްގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ބިން އަބްދުލްކަރީމެވެ. ރާއްޖޭގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ އިދާރާއެއް ގާއިމްކުރަން ވެސް އެ ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރެއްވި އިތުރު ކަންތައްތަކުގެ ތެރޭގައި ސައުދީގެ ރަސްފާނުގެ އެހީގައި މާލޭގައި ހަދާފައިވާ ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ކުރިއަށްދާ ގޮތް ވެސް ހިމެނެ އެވެ. އަދި ވޭތުވެ ދިޔަ އަހަރުތަކުގައި ރާއްޖެ އާއި މުސްލިމް ލީގާއި ދެމެދު އޮތް ގާތް ގުޅުން ވެސް މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އޯގައިނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ޝާހިދު ރަސްމީ ދަތުރެއްގައި ފުރާވަޑައިގަތީ މިދިޔަ ހޯމަ ދުވަހެވެ. އެ ބައްދަލުވުން ފަށާނީ މާދަމާ، ނައިޖާގަ އެވެ. އެމްޑަބްލިއުއެލްގެ އިސްވެރިންނާ މިއަދު އެ ބައްދަލުކުރެއްވީ އެ ގައުމުގައި ކުރެއްވި ޓްރާންސިޓް ދަތުރެެއްގައި ކަމަށް މިނިސްޓްރީން ބުންޏެވެ.