ބޮބީ އަށް ސަނީ ފިލްމެއް ޕްރޮޑިއުސްކޮށް ދެނީ
ބޮބީ އަށް ސަނީ ފިލްމެއް ޕްރޮޑިއުސްކޮށް ދެނީ

ފިލްމީ ކެރިއަރު އަލުން ކޮޅަށް ޖެހޭތޯ މަސައްކަތްކުރަމުން އަންނަ އެކްޓަރު ބޮބީ ޑިއޯލަށް، ބޭބެ ސަނީ ޑިއޯލް ފިލްމެއް ޕްރޮޑިއުސްކޮށްދޭން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި ކުރީގެ މަޝްހޫރު އެކްޓަރު ދަރުމެންދުރާގެ ދެ ދަރިން ކަމަށްވާ ސަނީ އާއި ބޮބީގެ އާއިލީ ފިލްމު ކުންފުނި ވިޖޭތާ ފިލްމްސް އަށް ސަނީ ޕްރޮޑިއުސްކުރާ ފިލްމަކީ ބޮބީ ބަތަލުގެ ރޯލު ކުޅޭނެ ފިލްމެކެވެ. އެކަމަކު އެއާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ.

ވިޖޭތާ އިން އެންމެ ފަހުން ގެނެސްދިން ފިލްމަކީ ސަނީގެ ދޮށީ ފިރިހެން ދަރިފުޅު ކަރަން ޑިއޯލް ބޮލީވުޑަށް ތައާރަފުކުރި ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް" އެވެ. އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޯކް ސަބާގެ މެމްބަރުކަން ވެސް މިދިޔަ އަހަރުން ފެށިގެން ކުރަމުން އަންނަ ސަނީ ޑައިރެކްޓްކުރި އެ ފިލްމަކީ ބެލުންތެރިންނަށް ކަމުދިޔަ ފިލްމަކަށް ނުވި ތާނގައި އެ ފިލްމަށް ފަހު، ކަރަން އަށް މިހާތަނަށް ކުޅޭނެ އިތުރު ފިލްމެއް ވެސް ނުލިބެ އެވެ.

ދަރޭގެ އާއިލާގެ ޖާދޫ މިހާރު ހިންދީ ސިނަމާ އިން ވަރަށް ބޮޑަށް ފަނޑުވެގެން ގޮސްފައިވާ އިރު، ބޮބީ އަންނަނީ 2018 ގެ "ރޭސް 3" އަށް ފަހު، އަލުން ކެރިއަރު ދިރުވޭތޯ މަސައްކަތްކުރަމުންނެވެ. އެ ފިލްމުގެ ފަހުން ބޮބީ ފެނިގެން ދިޔަ އުފެއްދުންތަކުގެ ތެރޭގައި "ހައުސްފުލް 4" އާއި ނެޓްފްލިކްސްގެ ފިލްމު "ކްލާސް އޮފް 83" އާއި އެމް އެކްސް ޕްލެޔާގެ ވެބް ސީރީޒް "އާޝްރަމް" ހިމެނެ އެވެ.

ޝާހްރުކް ޚާންގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓުން ހެދި "ކްލާސް އޮފް 83" އަށް ފަހު، ބޮބީ ދާދި ފަހުން ވަނީ އެ ސްޓޫޑިއޯގެ އެހެން ޕްރޮޖެކްޓަކަށް ވެސް ސޮއިކޮށްފަ އެވެ. އެއީ އޭނާ އާއި ސާނިޔާ މަލްއުތުރާ އެކީގައި ކުޅޭނެ "ލަވް ހޯސްޓެލް" އެވެ. އޭގެ ކާސްޓްގައި ވިކްރާންތު މަސީ ވެސް ހިމެނެ އެވެ.

މީޑިއާތަކުން ވަރަށް ފަހުން ބުނެފައިވާ ގޮތުގައި ދަރޭ އާއި ސަނީ އާއި ބޮބީ އެކީގައި ކުޅުނު 2007 ގެ "އަޕްނޭ" ގެ ސީކްއެލްއެއް އެ މީހުންނާ އެކު ހަދަން ނިންމާފައިވެ އެވެ. އެކަމަކު އެއީ އަދި ކަށަވަރު ވާހަކައަކަށް ނުވެ އެވެ.