26 ނޮވެމްބަރ 2020 - 17:52

މި އަހަރުގެ ފުރަތަމަ 10 މަސް ދުވަހުގެ ތެރޭގައި ވައްކަމާއި ފޭރުން ފަދަ ބޮޑެތި ކުށްތަކުގެ 2،710 މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ހެޑް، ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް އަލީ ފާއިޒު ވިދާޅުވީ، މި އަހަރުގެ ފުރަތަމަ 10 މަސް ދުވަހު ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ވައްކަންތައް ކަމަށެވެ. އޭނާ ވިދާޅުވީ ވައްކަމުގެ މައްސަލަތަކުގެ ތެރެއިން ގިނަ ފައިސާ އަތުލައިގެންފައިވާ ކަމަށެވެ.
ސްކޭމް ކޯލްތައްކޮށް، އޮޅުވާލައިގެން ހޯދާފައިވާ ފައިސާގެ ތެރެއިން ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ އަތުލައި، އޭގެ ބޮޑުބައެއް ވެރިފަރާތާ ހަވާލުކޮށްފައިވާނެ ކަމަށާއި ފޭރިގެން ހޯދާފައިވާ ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހޯދައި ހަވާލުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ޖުމްލަ ގާތްގަނޑަކަށް 2.9 މިލިއަން ރުފިޔާގެ ތަކެތި ހަމައެކަނި ވޮލިއުމް ކްރައިމްގެ މައްސަލަތަކުގެ ތެރެއިން ހޯދައި ހަވާލުކޮށްފައިވާ ކަން ފާހަގަކޮށްލަން،" ފާއިޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ކޮވިޑް-19އާ ގުޅިގެން ކުރި ލޮކްޑައުން ތެރޭގައި ވައްކަމުގެ މައްސަލަތައް މަދުވި އެވެ. ނަމަވެސް ލޮކްޑައުން އަށް ލުއިދެމުން އަންނަ ވަރަކަށް މައްސަލަތައް ގިނަ ކަމަށް ވިދާޅުވި އެވެ.
ފާއިޒު ވިދާޅުވީ، ރާއްޖޭގެ ކުށުގެ ވެށީގައި އުޅޭ މީހުންނަށް ބަލާއިރު ގިނަ މީހުންނަކީ ތަކުރާރުކޮށް އެފަދަ ކުށްތަކުގައި ޝާމިލްވާ މީހުން ކަމަށެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެއްޗާއި ހުކުމްކޮށް ފަރުވާ ނުދެވި ތިބި މީހުންނާއި ޕެރޯލްގައި ދޫކޮށްފައި ތިބި މީހުންނާއި ކޮވިޑް-19 ގެ ހާލަތުގައި އުޅޭނެ ތަނެއް ނެތި މަގުމަތިވެފައި ތިބި މީހުން ވެސް ފާހަގަވާ ކަމަށް ވިދާޅުވި އެވެ.