ކޮވިޑް ހަރަދު 2.7 ބިލިއަނަށް އަރައިފި
ކޮވިޑް ހަރަދު 2.7 ބިލިއަނަށް އަރައިފި

ކޮވިޑް-19 ކޮންޓްރޯލްކުރުމުގެ މަސައްކަތާއި އެކަމާ ގުޅިގެން އެހެން ކަންކަމަށް ދައުލަތުން ކުރަމުން އަންނަ ހަރަދުތައް 2.7 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ހަފްތާގެ ނިޔަލަށް ސިއްހީ އަދި އިޖުތިމާއީ ކަންތައްތަކަށް 1.3 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި އިކޮނޮމިކް ރެސްޕޮންސްގެ ދަށުން 1.36 ބިލިއަން ރުފިޔާ މިހާތަނަށް ވަނީ ހޭދަކޮށްފަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށެވެ. އެއީ 871.8 މިލިއަން ރުފިޔާ އެވެ. އަދި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ރާއްޖެ އަށް ބޭނުންވާ ސިއްހީ ސާމާނު ގެނައުމަށެވެ. ސިއްހީ ސާމާނު ގެނައުމަށް 527 މިލިއަން ރުފިޔާ މިހާތަނަށް ވަނީ ހޭދަކޮށްފަ އެވެ.

އިކޮނޮމިކް ރެސްޕޮންސްގެ ދަށުން ކުރި ހޭދަތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކޮވިޑް ރިކަވަރީ ލޯނުތަކަށެވެ. މި ލޯނުތަކަށް 1.15 ބިލިއަން ރުފިޔާ މިހާތަނަށް ވަނީ ހޭދަކޮށްފަ އެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ސަބަބުން އާމްދަނީއަށް އަސަރު ކުރި މީހުންނަށް ދެމުން އަންނަ އިންކަމް ސަޕޯޓުގެ ދަށުން މިހާތަނަށް 143.8 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ރާއްޖޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވާ އަދަދު ވަނީ ކުރިއާ އަޅާ ބަލާއިރު ދަށްވެފަ އެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް-19އަށް 12،854 މީހުން ޕޮޒިޓިވވެފައިވާއިރު މީގެ ތެރެއިން 11،681 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި 46 މީހަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފަ އެވެ.