05 ނޮވެމްބަރ 2016 - 06:42

ޖަރުމަނު ކުންފުންޏަކުން ތަފާތު ގޮތަކަށް ފަރުމާކޮށްފައިވާ ބޫޓެއް މަގުބޫލުކަން ހޯދައިފި އެވެ. "މިމް އެ މޮއި" ކިޔާ ކުންފުންޏަކުން އުފެއްދި ބޫޓުގެ ހީލްސް ބަދަލުކޮށްލެވެ އެވެ. އެގޮތުން ފަސް ވައްތަރެއްގެ ހީލްސް އަށް ބަދަލު ކޮށްލެވޭނެ އެވެ.ފަތާ އަދި އުސް ސްޓައިލެއްގެ ހީލްސް ހިމެނޭ މި ކަލެކްޝަން މިހާރު އޮންލައިންކޮށް ލިބެން އެބަ ހުއްޓެވެ.

ކަޅު، ރަތް، ނޫ، ފެހި އަދިވެސް އިތުރު ކުލަތުން ލިބެން ހުންނަ ވަދު ލީ ބޫޓުގައި، ތިން ސެންޓިމީޓަރުގެ ހީލްސް އިން ފެށިގެން 10 ސެންޓިމީޓަރުގެ ހީލްސް ވެސް ފަސޭހަކަމާއި އެކު ބޭނުންކުރެވޭނެ އެވެ. މިމް އެ މޮއި އިން ނެރުނު ވީޑިއޯއެއްގައި މި ބޫޓުގެ ހީލްސް ބަދަލުކުރާ ގޮތް ދައްކަ އެވެ.
ބޫޓުގެ ދަށުގައިވާ ބަޔަކަށް ފިއްތާލުމަށްފަހު ހީލް ނައްޓާލާފައި އަނެއް ހީލް އަޅުވަނީ އެވެ. ހީލް ލައްވާލުމަށް ފަހު ފުންނާބުން ފިއްތާލުމުން އެ ހީލް ރަނގަޅަށް ބާރުވެ އެވެ. މި ބޫޓު އުފެއްދި ކުންފުނިން ބުނަނީ މިއީ އަންހެނުންނަށް ލިބޭ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.
އޮފީހުގައި މަސައްކަތް ކުރާއިރު އަރައިގެން އުޅެން ފަސޭހަ ވާނީ ފަތާ ބޫޓަކަށް ނުވަތަ ފްލެޓް އަކަށެވެ. ނަމަވެސް، ރަސްމީ މަސައްކަތް ނިންމާލުމަށް ފަހު ވަގުތުން ބޭރަށްދާ ނަމަ އުސް ބޫޓަކަށް އަރާލުމުގެ ފުރުސަތު މިމް އެ މޮއިގެ ބޫޓު ޑިޒައިނުން ލިބެ އެވެ.
ބައިނަލްއަގްވާމީ ބޫޓު ސައިޒުތަކަށް ފަރުމާކޮށްފައިވާ މި ބޫޓުގެ އަގުތައް އުޅެނީ 192 އާއި 230 ޑޮލަރާ ދެމެދުގަ އެވެ.