26 ނޮވެމްބަރ 2020 - 11:56

އަސްކަރިއްޔާއެއް އޮތުމުގެ ހަގީގީ ބޭނުމަކީ ހަނގުރާމަތަކާއި ލޭއޮހޮރުވުންތަކުން ދުރުވެ، ސުލްހަ ގާއިމްކުރުމާއި އަމާންކަން ދެމެހެއްޓުން ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ޚިދުމަތާ އަލަށް ގުޅުނު ސިފައިން ހުވާކުރަން ޅ. މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވިދާޅުވީ ސިފައިންގެ ތަމްރީނުތަކުގައި ހަތިޔާރު ބޭނުންކުރާނެ ގޮތް ދަސްކުރިއިރު، ސިފައިންގެ ވާޖިބަކީ ހަނގުރާމަ ކުރުމޭ ހިތަށް އެރުން އެކަށީގެންވާ ކަމަށެވެ. އެކަމަކު، އަސްކަރިއްޔާގެ ބޭނުމަކީ ލޭއޮހޮރުވުންތަކުން ދުރުވުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އަސްކަރީ ގާބިލްކަން އިތުރުކުރަން ޖެހޭނީ ވެސް ސުލްހަ ދެމެހެއްޓުމަށްޓަކައި ކުރިމަތިވާ ގޮންޖެހުންތަކާއި ހުރަސްތައް ނައްތައިލުމަށެވެ. ދުނިޔޭގައި މިހާރު ދިމާވެގެން އެންމެ ބޮޑު ގޮންޖެހުމަކީ ތަފާތު ބާވަތްތަކުގެ ޓެރަރިޒަމްގެ އަމަލުތައް ކަން ރައީސް ފާހަގަކުރެއްވި އެވެ.
"ތިޔަ ސިފައިން ހާސިލްކުރި އިލްމާއި ހޯދި ތަމްރީނަކީ ޓެރަރިޒަމް ފަދަ ނާތަހުޒީބު ވިސްނުންތަކުން ދުރުހެލިވެ ސުލްހަވެރި މުޖުތަމައެއް ބިނާކުރުމަށް މަގުފަހިކުރާނެ އިލްމާއި ތަމްރީންތަކެއްކަން އަޅުގަނޑަށް ޔަގީން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ސިފައިންގެ މީހެއްގެ ގޮތުގައި ހުރެ ގައުމަށް ކޮށްދޭ ތެދުވެރި ޚިދުމަތް ރަން ރިއްސާއި މުދަލާއި ފައިސާ އިން އަގު ނުކުރެވޭނެ ކަމަށެވެ. އެ ޚިދުމަތުގައި ދީނާއި ގައުމަށްޓަކައި ގުރުބާންވާ މުޖާހިދުންގެ ހިދުމަތަކީ ދުނިޔެ މަތީގައި އަގު ކުރެވޭނެ ވަރަށް ވުރެ މާމަތިވެރި ހިދުމަތެއް ކަން ރައީސް ފާހަގަކުރެއްވި އެވެ.
ޝަހީދު އަލިރަސްގެފާނާއި އުތީމު ބޮޑުތަކުރުފާނާއި ހުރާ ދޮންބަންޑާރައިންނާއި ޝަހީދު ހުސެއިން އާދަމް ފަދަ ބަތަލުންގެ ޒިކުރާ އާކުރާ ކޮންމެ ފަހަރަކު ލިބޭ ހިތްހަމަޖެހުމަކީ ރައީސް ވިދާޅުވި ގޮތުގައި، ގައުމުގެ ދިފާއުގައި ގުރުބާންވާން ތައްޔާރަށް އޮތް އަސްކަރީ ގާބިލް ފައުޖެއް މި ރާއްޖޭގައި އޮތުމެވެ.
ރައީސް ވިދާޅުވި ގޮތުގައި ސިފައިންގެ ތަމްރީނުތަކުގައި މުހިއްމު ދެ ސިފައަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމެވެ. ޚިދުމަތުގައި ދެމިތިބެން ކުރި ހުވައާ އެއްގޮތަށް ބަޣާވާތްތެރިންގެ ކިބައިން ދިވެހި ދައުލަތް ސަލާމަތްކުރުމުގެ ރޫހް އުފެދޭނީ މި ދެ ސިފަ ހުރެގެން ކަމަށް ރައީސް ވިދާޅުވި އެވެ.
ދީނާއި ގައުމުގެ ހައްގުގައި ގުރުބާންވެވޭނީ ވެސް އެ ސިފަ ހުރެގެން ކަމަށް އެ މަނިކުފާނު އެވެ.
"މި ގައުމުގެ ނަން ކިލަނބުކޮށްލަން ޣަދަރުވެރިން ރޭވި ހުރިހާ ރޭވުންތަކެއް ނާކާމިޔާބުކޮށްލީ މި މުއައްސަސާއިން އުފެއްދި ގައުމީ ބަތަލުން. އެހެންކަމުން ތިޔަ ސިފައިންނަކީ ފަޚުރުވެރި ދިވެހި އަސްކަރިއްޔާގެ ޝަރަފާއި އިއްޒަތް ދަމަހައްޓާނެ ސިފައިންކަމާ މެދަކު ޝައްކެއް ނެތް،" ރައީސް ވިދާޅުވި އެވެ.
ސިފައިންގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ސިފައިންނަށް ނަސޭހަތްތެރިވެވަޑައިގަންނަވަމުން އަޚުލާގީ ތިން ސިފައާ އެކު ޚިދުމަތުގައި ދެމިތިބެން އެދިވަޑައިގަތެވެ.
"ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ކޮންމެ މީހެއްގެ ކިބައިގައި، އަހުލާގީ އަދި ގައުމީ ވަރަށް މުހިންމު ތިން ސިފައެއް އަބަދުވެސް ހަރުލާފައި ހުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. އެންމެ ފުރަތަމަ ސިފައަކީ، އިސްލާމީ އަގީދާގައި، އަމަލާއި ބަހުން ސާބިތުވެ ހުރުން. ދެ ވަނަ ކަމަކީ، ކޮންމެ ހާލަތެއްގައި ވެސް ގައުމީ ޚިދުމަތުގައި ތިމާގެ އަމިއްލަ ނަފުސަށްވުރެ ދިވެހި ގައުމު އިސްކުރުން. ތިން ވަނަ ސިފައަކީ އެއިރެއްގައި ރައްޔިތުން ގާއިމުކޮށްފައި އޮންނަ ގާނޫނީ ވެރިކަމަށް ކިޔަމަންތެރިވެ ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށް އެހީތެރިވުން،" ރައީސް ވިދާޅުވި އެވެ.
ކޮވިޑް-19ގެ އިސް ސަފުގައި މަސައްކަތް ކުރުމާއި އެ ނޫން ވެސް ގައުމީ ކާރިސާތަކުގައި ސިފައިންކޮށްދެއްވާ ޚިދުމަތް ރައީސް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވި އެވެ. އެއާއެކު ޚިދުމަތާ އަލަށް ގުޅުނު ސިފައިން ތަމްރީންތަކުގެ ބޭނުން ހިފައި އަސްކަރީ ގާބިލްކަން އިތުރުކުރަން ވެސް ރައީސް އިލްތިމާސްކުރެއްވި އެވެ.