26 ނޮވެމްބަރ 2020 - 10:00

ލަންޑަން (ނޮވެމްބަރު 26) - އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް ކުޅޭ ގަޑިތައް ނިންމުމުގައި އެންމެ ފަހު ބަސް ބުނުމުގެ އިހުތިޔާރު ޓީވީ ޗެނަލްތަކަށް ލިބޭ ގޮތަށް އޮންނަ އޮތުމަކީ ގޯހެއް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
މީގެ ކުރިން ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް އާއި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އަދި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ޕްރިމިއާ ލީގުގެ މެޗު ޝެޑިއުލް ކަނޑައެޅުމުގައި ސްކައި ސްޕޯޓްސް އާއި ބީޓީ ސްޕޯޓްސް އަށް ފަހު ބަސް ބުނުން އޮންނާތީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ޗެމްޕިއަންސް ލީގުގައި ރޭ އެޓަލަންޓާ އަތުން 2-0 އިން އަމިއްލަ ދަނޑުގައި ބަލިވި މެޗަށް ފަހު ކްލޮޕް ބުނީ ދެ ދުވަސް ފަހުން އަނެއްކާ މެޗެއް ކުޅެން ތާވަލުކޮށްފައި އޮތުމުން ފޯކަސް ހުރީ އެ ދިމާލަށް ކަމަށާއި އެކަމަކު ޓީވީ ޝެޑިއުލަށް ބަލައިގެން މެޗުތައް ރޭވުން އެއީ ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށެވެ.
"އަހަރެމެން ބުދަ ދުވަހު ކުޅެފައި އަނެއްކާ މި އޮތީ ހޮނިހިރު ދުވަހު 12:30 ގައި ކުޅެން. އަހަންނެއް ނުބުނާނަން މި މެޗުން ބަލިވީ އެ ސަބަބާ ހެދިއޭ. އެޓަލަންޓާ މޮޅަށް ކުޅެގެން މޮޅުވީ. އެކަމަކު މި މެޗުގައި އަހަރެމެންނަށް ވަރުބަލިވެގެން ދިމާވި ގޮތަށް ކޮންމެ ޓީމަކަށް ވެސް ދިމާވެދާނެ. މި މެޗުން ބަލިވީމަ އެ ޝަކުވާއެއް ކުރެވޭނެ ވަގުތެއް ނެތް. މިހާރު މި އޮތީ އަނެއް މެޗަށް ތައްޔާރުވާން ޖެހިފައި،" ކްލޮޕް ބުންޏެވެ.
"މި ނަތީޖާއާ މެދު ނުވިސްނާ އަހަންނަށް އޮތް ހިތްހަމަޖެހުމަކީ އަނިޔާއެއް ނުވެ ހުރިހާ ކުޅުންތެރިން އެނބުރި އައުން. އެއީ އަނެއް މެޗު މި އޮތީ ވަރަށް ކައިރީގައި. އަހަރެން ބުނާނީ މަރުހަބާއޭ ތި މީހުންނަށް (ޓީވީތަކަށް). ޓީވީތަކުން މި ގޮތަށް ޝެޑިއުލް ރޭވުމަކީ ހަމަ ކުށެއް ކުރުން ފަދަ."
ލިވަޕޫލް ދެން ކުޅޭ މެޗުގައި އަންނަ ހޮނިހިރު ދުވަހު ރަށުން ބޭރުގައި ބައްދަލުކުރާނީ ބްރައިޓަންއާ އެވެ.
މީގެ ކުރިން ޕްރިމިއާ ލީގުގައި ގާތްގާތުގައި ގިނަ މެޗުތައް ކުޅެނީ ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށެވެ. އެކަމަކު ކޮވިޑް-19އާ ހެދި މި ފަހަރު ސީޒަނުގެ ޝެޑިއުލް ތާށިކޮށް ރޭވިފައި އޮތްއިރު، ހަފްތާއެއްހާ ދުވަސްތެރޭ ތިން މެޗު ކުޅެން ޖެހޭ ފަހަރު ވެސް އާދެ އެވެ. ސަޕޯޓަރުން ދަނޑުތަކަށް ނުވައްދައި މެޗުތައް ކުޅެން ޖެހޭއިރު، މެޗު ރޭވުމުގައި ބަލަނީ ޓީވީ އާމްދަނީ އެންމެ ރަނގަޅަށް ލިބޭނެ ގޮތަށް ޝެޑިއުލް ކުރުމަށެވެ. އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ޕްރިމިއާ ލީގުގެ ގިނަ ކޯޗުން ވާހަކަ ދައްކާ އެއް ސަބަބަކީ މިހާރު ޝެޑިއުލް ރޭވިފައި އޮތްގޮތުން ގިނަ ކުޅުންތެރިންތަކަކަށް އަނިޔާގެ މައްސަލަ ކުރިމަތިވާތީ އެވެ.