ލީގު ހުޅުވަން ކުޅުނު މެޗު ބިދޭސީ ކުޅުންތެރިންގެ ޓީމު ކާމިޔާބުކޮށްފި
ލީގު ހުޅުވަން ކުޅުނު މެޗު ބިދޭސީ ކުޅުންތެރިންގެ ޓީމު ކާމިޔާބުކޮށްފި

ގައުމީ ވޮލީބޯޅަ ލީގު ހުޅުވުމުގެ ގޮތުން މިރޭ ކުޅުނު ހާއްސަ މެޗުން ރާއްޖޭން ހޮވާލެވުނު ކުޅުންތެރިންގެ ޓީމުގެ މައްޗަށް 3-1 ސެޓުން ރާއްޖޭގައި ކުޅޭ ބިދޭސީ ކުޅުންތެރިންގެ ޓީމު ކުރި ހޯދައިފި އެވެ.

ލީގު ހުޅުވަން ކުޅުނު މެޗު ބިދޭސީ ކުޅުންތެރިންގެ ޓީމު ކާމިޔާބުކޮށްފި
ލީގު ހުޅުވަން ކުޅުނު މެޗު ބިދޭސީ ކުޅުންތެރިންގެ ޓީމު ކާމިޔާބުކޮށްފި

ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ގިނަ ކުޅުންތެރިން ހިމެނޭ ދިވެހި ޓީމުން މިރޭގެ މެޗުގެ ފުރަތަމަ ސެޓު ވަނީ 25-20 ޕޮއިންޓުން ކާމިޔާބުކޮށްފަ އެވެ. މި ސެޓުގެ ކުރީކޮޅު އެންމެ ޕޮއިންޓެއްގެ ތަފާތަކާ އެކު ރާއްޖޭގެ ޓީމު ކުރީގައި އޮތް ނަަމަވެސް ސެޓުގެ ފަހުކޮޅަށް ދިޔައިރު ރާއްޖޭން ވަނީ ބޮޑު ލީޑެއް ނަގައިފަ އެވެ.

ލީގު ހުޅުވަން ކުޅުނު މެޗު ބިދޭސީ ކުޅުންތެރިންގެ ޓީމު ކާމިޔާބުކޮށްފި
ލީގު ހުޅުވަން ކުޅުނު މެޗު ބިދޭސީ ކުޅުންތެރިންގެ ޓީމު ކާމިޔާބުކޮށްފި

އަފްގާނިސްތާނުގެ އޮމަދު އާއި ޕާކިސްތާނުގެ ޖެހާން ނޫރާދުގެ އިތުރުން އިންޑިއާ އާއި ސްރީ ލަންކާގެ ކުޅުންތެރިން ހިމެނުނު ބިދޭސީ ޓީމުން ދެ ވަނަ ސެޓު ކާމިޔާބުކުރީ 25-23 އިންނެވެ. އެ ޓީމުން ލީޑު ނެގީ ތިން ވަނަ ސެޓު 25-18 އިން ކާމިޔާބުކޮށްގެންނެވެ. ސެޓު ފެށިގެން އެ ޓީމުން ނެގި ލީޑު ސެޓު ނިމެންދެއް ދަމަހައްޓާ ފަސޭހަކަމާ އެކު ކާމިޔާބުކުރި އެވެ.

ފަހު ދެ ސެޓުގައި ރާއްޖޭން ޓީމު އެއްކޮށް ބަދަލުކޮށް ޒުވާން ގިނަ ކުޅުންތެރިންނަށް ފުރުސަތު ދިން އިރު ބިދޭސީ ކުޅުންތެރިންގެ ޓީމުން މެޗު ކާމިޔާބުކުރީ ފަހު ސެޓު 25-21 އިން ކާމިޔާބުކޮށްގެންނެވެ. މި ސެޓުގެ ކުރީކޮޅު ބިދޭސީ ޓީމުން ބޮޑު ލީޑެއް ނެގި ނަމަވެސް ރާއްޖޭގެ ޒުވާން ކުޅުންތެރިން ކަމަށްވާ މުހައްމަދު ޝާއިން އާއި ހުސެއިން ވިޝާމް (ބުޅިކޭ) އާއި ހަސަން ނިލާމް ފަދަ ކުޅުންތެރިންގެ ހިތްވަރާ އެކު ސެޓުގެ ފަހުކޮޅު އެންމެ ޕޮއިންޓަކަށް ތަފާތު ކުޑަކުރި އެވެ. އެކަަމަކު ބިދޭސީ ކުޅުންތެރިންގެ ޓީމުން ވަނީ އަލުން ތަފާތު ބޮޑުކޮށް ސެޓު ކާމިޔާބުކޮށްފަ އެވެ.

މިއީ ދިވެހި ޓީމަކާ ދެކޮޅަށް ބިދޭސީ ކުޅުންތެރިންގެ ޓީމެއް ރާއްޖޭގައި ކުޅުނު ފުރަތަމަ ރަސްމީ ވޮލީބޯޅަ މެޗެވެ.

މި މެޗުގައި ރާއްޖޭގެ ޓީމަށް ކޯޗުކޮށްދިނީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު ކަމަށްވާ އިބްރާހިމް ރަޝީދު (ސަތޯ) އެވެ. އެހީތެރިންނަކީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ތިން ފަހަރު ހާސިލްކޮށްފައިވާ ނިޒާރު އިބްރާހިމާއި ކުރީގެ ކުރީގެ ކުޅުންތެރިޔާ އަދި ކޯޗު އިބްރާހިމް ޝިހާމް (ސަޑިއްކެ) އެވެ.

ރާއްޖޭގެ ޓީމަށް ކުޅުނު ކުޅުންތެރިންގެ ތެރޭގައި އެއް ވަނަ ކުޅުންތެރިޔާ އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) އާއި އިޝާން މުހައްމަދު (ބަޓިސް) އާއި އަހުމަދު އަބްދުލްކަރީމް (ލޯންގޭ) އާއި އަލީ ހުޒާމާއި އަލީ އާމިރާއި ޖަވާމް އަލީ އަދި އަހުމަދު އަނިލް ނަސީރު ހިމެނެ އެވެ.

މިރޭގެ މެޗު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ވޮލީބޯޅަ ކުރިއަރުވަން ސަރުކާރުން ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި އަތޮޅުތެރޭގައި ވޮލީބޯޅަ ކޯޓް އެޅުމުގެ އިތުރުން މާލީ ގޮތުން ވެސް އެހީތައް ދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކުޅިވަރު ތަރައްގީކުރުމުގެ ތެރެއިން ޒުވާނުން ކުރިއެރުވުމަށްޓަކައި ވޮލީބޯޅަ އަށް ކުރިއަށް އޮތްތަނުގައި އިތުރު އެހީތައް ސަރުކާރުން ވެދެއްވާނެ ކަމަށެވެ.

ގައުމީ ވޮލީ ލީގުގެ ފުރަތަމަ މެޗުތައް އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ. އެ ދުވަހު އޮންނާނީ އަންހެން ޑިވިޝަންގެ ދެ މެޗެވެ. ހުކުރު ދުވަހު ހަވީރު ފުރަތަމަ މެޗުގައި މޯލްޑިވިއަން ރެކްރިއޭޝަން ކްލަބް ބައްދަލުކުރާނީ ފުވައްމުލަކު މިސްކިތްމަގު އެކުވެރިންގެ ގުޅުމާ އެވެ. ދެ ވަަނަ މެޗުގައި އެރޭ ކްލަބް ޕޯލް ސްޓާ ނުކުންނާނީ ޕޮލިސް ކްލަބާ ދެކޮޅަށެވެ. އަންހެން ޑިވިޝަންގައި މި ހަތަރު ކްލަބްގެ އިތުރުން ދެން ވާދަކުރަނީ ފިސްޑާ އެވެ.

ފިރިހެން ޑިވިޝަންގައި ޖުމްލަ ހަ ކްލަބް ވާދަކުރެ އެވެ. އެއީ ސްޕޯޓްސް ކްލަބް ސިޓީ، ޕޮލިސް ކްލަބް، ސްޓެލްކޯ ރެކްރިއޭޝަން ކްލަބް، ގުޑީސް ސްޕޯޓްސް ކްލަބް، ދިވެހި ސިފައިންގެ ކްލަބް އަދި މޯލްޑިވިއަން ރެކްރިއޭޝަން ކްލަބެވެ.

ފިރިހެން ޑިވިޝަންގެ ފުރަތަމަ ތިން މެޗު އޮންނާނީ އަންނަ ހޮނިހިރު އެވެ. އެ ދުވަހު ފުރަތަމަ މެޗުގައި ސްޕޯޓްސް ކްލަބް ސިޓީ ނުކުންނާނީ ޕޮލިހާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި ސްޓެލްކޯ ބައްދަލުކުރާނީ ގުޑީސްއާ އެވެ. އެރޭ ކުޅޭ މެޗުގައި ސިފައިން ބައްދަލުކުރާނީ މޯލްޑިވިއަންއާ އެވެ.