26 ނޮވެމްބަރ 2020 - 06:57

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، "މެކްސިކޯ 1986" އޭނާ ޖެހި ދެ ގޯލަކީ، ފުޓްބޯޅައިގެ ތާރީހުގައި ފެނުނު އެންމެ މޮޅު ދެ ގޯލެވެ. އެ މުބާރާތް އާޖެންޓީނާ އަށް ކާމިޔާބުކޮށްދޭން އޭނާ ދެއްކި ކުޅުމަކީ ގިނަ ބަޔަކު ދެކޭ ގޮތުގައި ވޯލްޑް ކަޕެއްގައި އެއް ކުޅުންތެރިޔަކު މިހާތަނަށް ދެއްކި އެންމެ ތަފާތު ކުޅުމެވެ.

އެއީ އެތައް ބަޔެއްގެ ނަޒަރުގައި، ދުނިޔޭގެ ފުޓްބޯޅައިގެ ތާރީހު ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އެވެ؛ އުމުރުން 60 އަހަރުގައި، ރޭ ހާޓްއެޓޭކެއް ޖެހިގެން މަރުވި އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ އާމަންޑޯ މަރަޑޯނާ އެވެ.

"އޭނާގެ ވާތު ފައިގައި ޖެހޭ ފަހަރަށް ވުރެ ރަނގަޅު ތަޖުރިބާއެއް އެއްވެސް ބޯޅައަކަށް ކުރެވިފައި ނޯންނާނެ،" އާޖެންޓީނާގެ ކުރީގެ ކުޅުންތެރިޔާ ޖޯޖް ވަލްޑާނޯ ބުންޏެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ އުހަށް ދަތުރުކުރި މަރަޑޯނާ، އުފަންވީ އާޖެންޓީނާގެ ވެރިރަށް ބީނޯސް އޭރީޒްގެ އެންމެ ފަގީރު ހިސާބަށް 1960 ގަ އެވެ. ފުޓްބޯޅަ ކެރިއަރު ފެށީ އުމުރުން 16 އަހަރުގައި 1976 ގައި އާޖެންޓީނޯސް ޖޫނިއާސް އިންނެވެ. ހަމަ އެ އުމުރުގައި 1977 ވަނަ އަހަރު އާޖެންޓީނާ ގައުމީ ޓީމުން ފުރުސަތު ލިބުނެވެ. އަމިއްލަ ގައުމުގައި 1978 ބޭއްވި ވޯލްޑް ކަޕް އާޖެންޓީނާ ކާމިޔާބުކުރިއިރު އެ ޓީމުގައި ހިމެނުނުގެ ފުރުސަތު އޭނާ އަށް އޮތެވެ. އެކަމަކު މާ ހަގު ކުޅުންތެރިޔަކަށް ވާތީ ކޯޗު އޭނާ ޓީމުގައި ނުހިމެނީ އެވެ.

އޭނާގެ ޖާދޫ ދުނިޔެ އަށް އެންމެ ފުރަތަމަ ދައްކާލީ 1979 ވަނަ އަހަރު ޖަޕާނުގައި އޮތް ފީފާ ވޯލްޑް ޔޫތު ޗެމްޕިއަންޝިޕުގަ އެވެ. ސޯވިއެޓް ޔޫނިއަން ބަލިކޮށް އާޖެންޓީމާ ތަށި ހޯދިއިރު މަރަޑޯނާ ހަ ގޯލް ޖެހި އެވެ.

އޭނާގެ ފުރަތަމަ ވޯލްޑް ކަޕަކީ ސްޕެއިނުގައި 1982 ވަނަ އަހަރު އޮތް މުބާރާތެވެ. އެ މުބާރާތުގައި އުނދަގޫ ފެށުމަކަށް ފަހު އާޖެންޓީނާ ހަމަޖެހިލި ނަމަވެސް ދެ ވަނަ ބުރުގައި އިޓަލީ އާއި ބްރެޒިލް އަތުން ބަލިވެ ކެޓީ އެވެ. މަރަޑޯނާ އަށް ދިމާވި މައްސަލައަކީ އިދިކޮޅު ކުޅުންތެރިން އޭނާ އަށް ފައުލްކޮށް ހުއްޓުވުމެވެ. އިޓަލީ މެޗުގައި އެ ޓީމުގެ ކްލައުޑިއޭ ޖެންޓިލޭ ކުޅުނީ މަރަޑޯނާ މޭންމާކްކޮށް ބަނދެލައިގެންނެވެ. ބްރެޒިލް މެޗުގައި ވެސް ނުރައްކާތެރި ފައުލް އަމާޒުވި އެވެ. އެ ރުޅީގައި އޭނާ މެޗު ނިންމާލީ ރަތްކާޑެއް ހޯދައިގެންނެވެ.
މެކްސިކޯގައި 1986 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަކީ މަރަޑޯނާގެ ކެރިއަރުގެ އުސްއައްޔެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލުގައި އިންގްލެންޑް އަތުން އާޖެންޓީނާ 2-1 އިން މޮޅުވި މެޗުގައި މަރަޑޯނާ ޖެހި ދެ ގޯލުގެ ވާހަކަ އަދި ވެސް ދައްކާ ބާނުވެ އެވެ.
ފުރަތަމަ ގޯލް މަރަޑޯނާ ޖެހީ އޭރިއާ ތެރެއަށް ހުރަސްވި ބޯޅައަށް، އޭނާ އަށް ވުރެ އިސްކޮޅުން ހަތް އިންޗު ދިގު އިންގްލެންޑުގެ ގޯލްކީޕަރު ޕީޓާ ޝިލްޓަން އަށް ވުރެ މައްޗަށް ފުންމައިގެން އަރައި، އަތުން ޖަހަ އެވެ. އޭނާ ބޯޅައިގައި ޖެހި ވަގުތު ބޮލަށް ގެނައި ހަރަކާތާ އެކު ގިނަ ބަޔެއްގެ ލޮލަށް އޮޅުވާލެވުނެވެ. ޓިއުނީޝިއާގެ ރެފްރީ އަށް ވެސް ވީ އެވަރެވެ. އިނގިރޭސި ކުޅުންތެރިން އޭނާ ވަށާލި ނަމަވެސް ރެފްރީ އެ ލަނޑު ގަބޫލުކުރި އެވެ.
އޭނާ ދެ ވަނަ ގޯލަކީ މިދިޔަ ގަރުނުގެ އެންމެ މޮޅު ގޯލުގެ ގޮތުގައި ހޮވުނު ލަނޑެވެ. ސެންޓަ ސާކަލުން ފެށިގެން އިނގިރޭސި ހަ ކުޅުންތެރިން ކައިރިން ނައްޓައި އެއް ހާފު އެއްކޮށް ޑްރިބަލްކޮށް ގޮސް އޭނާ ގޯލަށް ބޯޅަ ވައްދާލީ ޝިލްޓަން އަށް އެއްވެސް ފުރުސަތެއް ނުދީ އެވެ.
ސެމީ ފައިނަލުގައި މަރަޑޯނާ ޖެހި ދެ ލަނޑާ އެކު ބެލްޖިއަމް އަތުން 2-0 އިން މޮޅުވެ އާޖެންޓީނާ ފައިނަލަށް ދަތުރުކުރި އެވެ. އަދި މެކްސިކޯ ސިޓީގެ އެޒްޓެކް ސްޓޭޑިއަމަށް އެއްވެ ތިބި ލައްކައަކަށް ވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ހުޅަނގު ޖަރުމަން 3-2 އިން ބަލިކޮށް މަރަޑޯނާގެ ކެޕްޓަންކަމުގެ ދަށުން އާޖެންޓީނާ ތަށި ހޯދި އެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސުވާލެއް ނެތް ގޮތެއްގައި މަރަޑޯނާ އެވެ. އާޖެންޓީނާ އިން ފޮނުވާލި ޝޮޓްތަކުގެ ދެބައިކުޅަ އެއްބައިގައި އޭނާގެ ހިއްސާ އޮތެވެ. މުޅި މުބާރާތުގައި 90 ފަހަރު ކާމިޔާބުކަމާ އެކު ބޯޅަ ޑްރިބަލްކުރި އެވެ. އޭނާ އަށް 53 ފައުލް އަމާޒުވި އެވެ. އެއީ ވެސް ރެކޯޑެކެވެ. އާޖެންޓީނާ އިން ޖެހި 14 ގޯލުގެ ތެރެއިން 10 ގޯލުގައި އޭނާ ހިއްސާ އޮތެވެ. އެއީ ފަސް ގޯލާއި ފަސް އެސިސްޓެވެ.
"އަހަރެންގެ ދެ ހުވަފެނެއް އެބައޮތް. ފުރަމަ ހުވަފެނަކީ ވޯލްޑް ކަޕުގައި ކުޅުން. އަނެއް ހުވަފެނަކީ އެ މުބާރާތް ކާމިޔާބުކުރުން،" އުމުރުން 17 އަހަރުގައި ބުނެފައިވެ އެވެ.
މަރަޑޯނާގެ ކެޕްޓަންކަމުގެ ދަށުގައި އާޖެންޓީނާ 1990 ގެ ވޯލްޑް ކަޕަށް ނުކުމެ، އޭނާ އަށް ދިމާވީ އަނިޔާގެ މައްސަލަތަކެވެ. ފުރަތަމަ މެޗުން ކެމަރޫން އަތުން ބަލިވެ އާޖެންޓީނާ ދެ ވަނަ ބުރަށް ދިޔައީ ވެސް ކިރިޔަކިރިޔާ އެވެ. ކުއާޓާ ފައިނަލުން އާޖެންޓީނާ އަށް މޮޅުވެވުނީ ޔޫގޮސްލާވިއާ އަތުން ޕެނަލްޓީ ޖަހައިގެންނެވެ. ޝޫޓްއައުޓުގައި މަރަޑޯނާގެ ޕެނަލްޓީ ބޭކާރުވީ އެވެ.
ސެމީ ފައިނަލުގައި އާޖެންޓީނާ ވާދަކުރަން ޖެހުނީ އޭނާ އޭރު ކުޅެމުން އައި އިޓަލީގެ ނަޕޯލީގެ ސްޓޭޑިއަމް ކަމަށް ސްޓޭޑިއޯ ސެން ޕައޮލޯގައި އިޓަލީއާ ދެކޮޅަށެވެ. ނަޕޯލީގެ ސަޕޯޓަރުން ގާތު މަރަޑޯނާ އެދުނީ އޭނާ އަށް ސަޕޯޓްކޮށްދިނުމަށެވެ. ނަޕޯލީ ސަޕޯޓަރުން ބުނީ މަރަޑޯނާ ދެކެ ލޯބިވާ ކަމަށާއި އެކަމަކު ގައުމަކީ އިޓަލީ ކަމަށެވެ. މަރަޑޯނާ ކާމިޔާބުކުރި ޕެނަލްޓީއާ އެކު އާޖެންޓީނާ އިން އިޓަލީ ޕެނަލްޓީ ޖަހައިގެން ބަލިކޮށް ފައިނަލަށް ދިޔަ އެވެ.
އެކަމަކު ފައިނަލުގައި ދިމާވީ ހިތްދަތި ގޮތެކެވެ. ކުރީ ފައިނަލުން ބަލިވުމުގެ ބަދަލު ހިފައި ހުޅަނގު ޖަރުމަނުން 1-0 އިން އާޖެންޓީނާ ބަލިކުރީ އެވެ. ކުރީ ފެންވަރުގެ ކުޅުމެއް ނުދެއްކުނު ނަމަވެސް މަރަޑޯނާ އެ މުބާރާތުގެ އޯލް ސްޓާ ޓީމުގައި ހިމެނުނެވެ.
ކޮކެއިނަށް ދެވި ހިފުމާއި ފަލަވުމުގެ މައްސަލަ އިން ކޮންމެވެސް ވަރަކަށް އަރައިގަނެ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕަށް މަރަޑޯނާ އާޖެންޓީނާ ގޮވައިގެން އަނެއްކާ ވެސް ނުކުތެވެ. ފުރަތަމަ މެޗުގައި ގްރީސް އަތުން 4-0 އިން އާޖެންޓީނާ މޮޅުވި މެޗުގައި މަރަޑޯނާ ލަނޑު ޖެހުމަށް ފަހު ކެމެރާ ކުރިމަތީގައި މޫނުމަތިން ދައްކާލީ އުފަލާއި، ރުޅީގެ މަސްހުނި އިހުސާސްތަކެވެ. އެއީ ވޯލްޑް ކަޕުގައި ފެނުނު އެންމެ ތަފާތު އެއް އުފާފާޅުކުރުމެވެ.
ޖެހިގެން އައި މެޗުގައި ނައިޖީރިއާ އަތުން 2-1 އިން އާޖެންޓީނާ އިން މޮޅުވީ އޭނާ މަގުފަހިކޮށްދިން ދެ ގޯލުންނެވެ. އެކަމަކު އެ މެޗަށް ފަހު މަނާބޭހަށް ޕޮޒިޓިވް ފީފާ އިން އޭނާ ސަސްޕެންޑްކުރީ އެވެ. އެއީ ވޯލްޑް ކަޕުގައި އޭނާގެ ފަހު ފެނިލުމެވެ. އަދި ދެ ވަނަ ބުރުގައި ރޫމޭނިއާ އަތުން ބަލިވެ އާޖެންޓީނާ ކެޓި އެވެ.
މަރަޑޯނާ ބުނި ގޮތުގައި އޭނާ މަނާބޭހަށް ޕޮޒިޓިވްވީ، އެނާޖީ ޑްރިންކެއްގެ ސަބަބުން ކަމަށެވެ. އޭނާ ބޭނުންކުރާ އާޖެންޓީނާ އެ އުފެއްދުން ހުސްވުމުން އޭރު ވޯލްޑް ކަޕުގައި ކުޅެން ގޮސް ހުރި އެމެރިކާ އިން އޭގެ އެމެރިކާ އުފެއްދުން ގަންނަން މަޖުބޫރުވީ ކަމަށާއި އޭގައި ހުރި ކެމިކަލެއްގެ ސަބަބުން ލަނޑު ލިބުނީ ކަމަށް މަރަޑޯނާ ބުނެފައިވެ އެވެ.
އެ މުބާރާތާ އެކު މަރަޑޯނާގެ ގައުމީ ޓީމުގެ ކެރިއަރުގައި 17 އަހަރަށް ފަހު ސިއްކަ ޖެހުނީ އެވެ. އޭނާ 91 މެޗުން 34 ގޯލް ޖަހައި ވޯލްޑް ކަޕުގެ ތަށި އެއް ފަހަރު އަދި ދެ ވަނަ މަގާމް އެއް ފަހަރު އާޖެންޓީނާ އަށް ހޯދައިދިނެވެ.
ކްލަބް ކެރިއަރު ވެސް ދިމާވީ ގައުމީ ޓީމުގައި ދިމާވި ގޮތެވެ. އަރައިގަން މާ އުހަށް އަރައި ފަހުން ވެއްޓުނީ އެވެ. ގައުމީ ޓީމާ ދާދި އެކުއެކީގައި ކްލަބް ކެރިއަރު އާޖެންޓީނޯސް ޖޫނިއޯސް އިން ފެށުމަށް ފަހު، އޭނާ ސަޕޯޓްކުރާ ކްލަބް ބޮކާ ޖޫނިއާސް އަށް 1981 ގައި ބަދަލުވެ އެ ޓީމާ އެކު އާޖެންޓީނާ ލީގު ކާމިޔާބުކުރި އެވެ.
އެ ޓީމުގައި އެއް ސީޒަން ހޭދަކުރުމަށް ފަހު 1982 ވަނަ އަހަރު އޭރުގެ ދުނިޔޭގެ ރެކޯޑް އަގަކަށް ސްޕެއިނުގެ ބާސެލޯނާ އަށް ބަދަލުވި އެވެ. އެ ޓީމާ އެކު ހޯދި ބޮޑު ކާމިޔާބަކީ 1983 ގެ ސްޕެނިޝް ކަޕެވެ. އެކަމަކު ތަފާތު މައްސަލަތައް ދިމާވެ 1984 ވަނަ އަހަރު ބާސެލޯނާ ދޫކޮށް އަނެއްކާ ވެސް ދުނިޔޭގެ ރެކޯޑް އަގަކަށް އިޓަލީގެ ނަޕޯލީ އަށް ބަދަލުވި އެވެ. އެއާ އެކު އޭނާ ވެގެންދިޔައީ ދުނިޔޭގެ ރެކޯޑް ދެ ފަހަރެއްގެ މަތިން ރެކޯޑް މުގުރާލި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
ނަޕޯލީ އަށް ހަތް ސީޒަނުގައި ކުޅެ އެ ޓީމަށް 1987 އާއި 1990 ގައި އިޓާލިއަން ލީގު ހޯދި އެވެ. އޭނާ އެއް ހަތް އަހަރު ނޭޕްލްސްގެ ރައްޔިތުންގެ ލޯބި އިންތިހާ އަށް ހޯދި އެވެ. މާފިއާއާ އެކުވެރިކަން ބޭއްވި އެވެ. ޓެކްސް އަށް މަކަރު ހެދުމުން އޭނާ ފަހާ ޓެކްސް އޮފިސަރުން ދުވަން ޖެހުނެވެ. ކޮކެއިން އަށް ދެވި ހިފައި ފުންމިން އެނގުންނުވާ ހިސާބަށް ދިޔަ އެވެ. ނަތީޖާއަކަށްވީ 1991 ވަނަ އޭނާ ފުޓްބޯޅައިން 15 މަހަށް ސަސްޕެންޑްކުރުމެވެ.
ފަހުން ސްޕެއިނުގެ ސެވިއްޔާ އާއި އާޖެންޓީނާގެ ނެވެލްސް އޯލްޑް ބޯއިސް އަށް ކުޅުމަށް ފަހު ކެރިއަރު ނިންމާލި އޭނާ ލޯބިވާ ބޮކާ ޖޫނިއާސްގެ ޖާޒީގައި 1997 ގަ އެވެ.
ކެރިއަރަށް ފަހު ވެސް ތަފާތު މައްސަލަތައް އޭނާ އަށް ދިމާވާން ފެށި އެވެ. ކިއުބާގެ ކޮމިއުނިސްޓް ޒައީމް ފިޑެލް ކާސްޓްރޯ ވަރުގަދަ ސަޕޯޓަރަށް ޑްރަގުން ސަލާމަތްވާން ރިހެބިލިޓޭޝަން ސެންޓަރުން އެތައް ފަހަރަކު ފަރުވީ ހޯދި އެވެ. އެކަމަކު އެކަމުން ސަލާމަތްވެ ދެން ދެވި ހިފީ ބަނގުރަލާއި ސުއްޓާ އަށާއި ކެއުމަށެވެ. އޭނާ އާދަޔާހިލާފަށް ފަލަވެ ސީރިއަސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެ 2007 ވަނަ އަހަރު މަރާ ވެސް ހަނގުރާމަކުރި އެވެ.
އެ ހާލަތުން އަރައިގަނެ ގިނަ ބަޔަކު ހައިރާންކޮށްލައި 2010 ގެ ވޯލްޑް ކަޕުގައި ވާދަކުރި އާޖެންޓީނާގެ ކޯޗުކަން ހޯދި އެވެ. ލިއޮނަލް މެސީއާ އެކު ގްރޫޕުގެ އެއް ވަނަ އާޖެންޓީނާ ހޯދި ނަމަވެސް ކުއާޓާ ފައިނަލުން ޖަރުމަން އަތުން 4-0 އިން ބަލިވެ ކެޓީ އެވެ. އެއާ އެކު ލިބުން ނާދިރު އެ ފުރުސަތު މަރަޑޯނާގެ އަތުން ގެއްލުނީ އެވެ. ފަހުން ވެސް ޔޫއޭއީ އާއި މެކްސިކޯ ކްލަބްތަކަށް ކޯޗުކޮށްދިން ނަމަވެސް ކޯޗިންގައި ކުރިއެރުމެއް ނުލިބުނެވެ.
އޭނާ އެންމެ ފަހުން އާއްމުންގެ ތެރެއިން ފެނުނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ތެރެއިންނެވެ. އެ މުބާރާތުގައި ނައިޖީރިއާ އަތުން 2-1 އިން އާޖެންޓީނާ މޮޅުވެ ދެ ވަނަ ބުރަށް ދިޔަ މެޗުގައި މަރަޑޯނާ މެޗު ބަލަން ހުރެ ވަރަށް ގަދަޔަށް ސަޕޯޓްކުރި އެވެ. މާޔޫސްކަމާއި އުފަލުގެ އިހުސާސް އޭނާ އެންމެ މަތީ މިނަށް ތަޖުރިބާކުރިއިރު، މެޗަށް ފަހު ސިއްހީ ފަރުވާ ވެސް ހޯދަން ޖެހުނެވެ. މަރަޑޯނާގެ ލޭގެ ޕްރެޝަރު މައްޗަށް ދިޔައީ އެވެ. އެ މެޗަށް ފަހު ބީބީސީގެ ބްރޯޑްކާސްޓަރު މާކް ޗެޕްމޭން ބުނީ އޭނާގެ ޒުވާން ދުވަސްވަރު މަރަޑޯނާ އަކީ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ ކަމަށާއި އެކަމަކު މިހާރު އޭނާ ފެންނަނީ ޓީވީ ބްރޯޑްކާސްޓުގެ ޑިރެކްޓަރުން ކަޓް ޝޮޓްތަކުގައި ބޭނުންކުރާ ޖޯކަރެއްގެ ގޮތުގައި ކަމަށެވެ. މަރަޑޯނާގެ ފަހުގެ ދިރިއުޅުން އެ ބަސްކޮޅުން ސިފަކުރެވޭނެ އެވެ.
މަރަޑޯނާ އަށް ދިމާވީ އެންމެ މައްސަލައެކެވެ؛ ވަރުގަދަ ހަށިގަނޑެއްގެ ވެރި އިސްކޮޅުން ކުރު، ހަލުވި ކުޅުންތެރިޔާގެ ފަޔަށް ބޯޅަ އެރުމުން އެ ބޯޅައިގެ ކޮންޓްރޯލް ހޯދި ގޮތަށް ދަނޑު ބޭރުގެ ދިރިއުޅުން ކޮންޓްރޯލެއް ނުކުރެވުނީ އެވެ. ނަތީޖާއަކަށްވީ ވިދަވިދާ އޮތް ކެރިއަރު އަނދިރިގަނޑެއްގެ ތެރެއަށް ވެއްޓުމެވެ. އެކަމަކު ފުޓްބޯޅަ ސަޕޯޓަރުން އޭނާ ހަނދާންކުރަނީ، މި ކުޅިވަރުގެ ވަރުގަދަ ލެޖެންޑެއްގެ ގޮތުގަ އެވެ.