ދެވަނަ ރާޅާ އެކު ޕާކިސްތާނުގެ ހޮސްޕިޓަލްތައް ފުރިއްޖެ
ދެވަނަ ރާޅާ އެކު ޕާކިސްތާނުގެ ހޮސްޕިޓަލްތައް ފުރިއްޖެ

އިސްލާމްއާބާދު (ނޮވެމްބަރު 26) - ޕާކިސްތާނުގައި ކޮރޯނާވައިރަހުގެ ދެވަނަ ރާޅާ އެކު މުޅި ގައުމުގެ އެކި ހިސާބުތަކުގެ ހޮސްޕިޓަލްތަކުގެ އިންޓެންސިވް ކެއާ ޔުނިޓްތައް ފުރެމުންދާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ދެވަނަ ރާޅާ އެކު ޕާކިސްތާނުގެ ހޮސްޕިޓަލްތައް ފުރިއްޖެ
ދެވަނަ ރާޅާ އެކު ޕާކިސްތާނުގެ ހޮސްޕިޓަލްތައް ފުރިއްޖެ

ވަރަށް ގިނަ ޑޮކްޓަރުން އޭއެފްޕީ އަށް ބުދަ ދުވަހު ބުނެފައި ވަނީ ހޮސްޕިޓަލްތައް ފުރިފައިވުމުން، ކޮވިޑް-19 ގެ ގިނަ އަދަދެއްގެ ބަލި މީހުންނަށް ފަރުވާ ނުދެވި އަނބުރާ ފޮނުވާލަން ޖެހޭ ކަމަށެވެ.

"ކުރިއަށް އޮތީ ބިރުބޮޑު ދެ ހަފުތާ. ގައުމުގެ ހާލަތު އިތުރަށް ގޯސްވާނެ،" ޕާކިސްތާން މެޑިކަލް އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް ގައިސަރު ސައްޖާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހޮސްޕިޓަލްތަކުގެ 95 ޕަސެންޓް އެނދު މިހާރު ވަނީ ފުރިފައި ކަމަށެވެ. ގިނަ ހޮސްޕިޓަލްތައް ފުރިފައިވުމުން ބަލި މީހުންނަށް ފަރުވާ ނުދީ އަނބުރާ ފޮނުވާލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައްޖާދު ވިދާޅުވީ ދެ ވަނަ ރާޅާ އެކު ކޮރޯނާވައިރަހުގެ ނުރައްކާ މިފަހަރު މާބޮޑު ކަމަށެވެ. ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ތައުލީމްދޭ ހުރިހާ ތަންތަނެއް ބަންދުކޮށް، ރެސްޓޯރެންޓްތަކުން ކެއިންބުއިމުގެ ޚިދުމަތް ދިނުން މަނާކޮށްފަ އެވެ.

ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ އެހެން ގައުމުތައް ލޮކްޑައުން ކުރި ނަމަވެސް ބޮޑުވަޒީރު އިމްރާން ޚާންގެ ސަރުކާރުން ޕާކިސްތާން ލޮކްޑައުންކޮށްފައެއް ނުވެ އެވެ. އަދި އެ ގައުމުގައި ބަލި ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައިވާ ކަމަށް ކުރިން ބުނެފައިވެ އެވެ. ނަމަވެސް އަނެއްކާވެސް ކޭސްތައް އިތުރުވާން ފެށުމުން މިހާރު ވަނީ ސިއްހީ ގައިޑްލައިންތަކަށް ތަބާވުމަށް އިލްތިމާސް ކުރަން ފަށައިފަ އެވެ.

"ދެ ވަނަ ރާޅުން ސަލާމަތްވުމަށް ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރަން ޖެހިފައި މިވަނީ،" ނޫސްވެރިންނާ ބުދަ ދުވަހު ވާހަކަ ދައްކަވަމުން އިމްރާން ޚާން ވިދާޅުވި އެވެ.

އަވަށްޓެރި އިންޑިއާ އާއި އީރާންއާ ޚިލާފަށް ޕާކިސްތާނުގައި ފުރަތަމަ ރާޅުގެ ނުރައްކާ އެހާ ބޮޑެއް ނޫނެވެ. ސަބަބެއް ކަމަށް އޮފިޝަލުން ބުނަނީ ޒުވާން އާބާދީ އާއި ޕާކިސްތާން މީހުން ގައުމުން ބޭރަށް ދަތުރުކުރާލެއް މަދުވުމުން ކަމަށެވެ.

ފެބްރުއަރީ މަހު ޕާކިސްތާނުން ކޮރޯނާވައިރަސް ފެނުމާ ގުޅިގެން މިހާތަނަށް އެ ގައުމުން ވަނީ 382,892 މީހުން ޕޮޒިޓިވްވެ 7،803 މީހުން މަރުވެފަ އެވެ. އިއްޔެ އެކަނިވެސް ވަނީ 3،009 މީހުން ޕޮޒިޓިވްވެ 59 މީހުން މަރުވެފަ އެވެ.

އިމްރާން ޚާންގެ ސްޕެޝަލް އެސިސްޓެންޓް އޮން ހެލްތު ފައިސަލް ސުލްތާން ވިދާޅުވީ ދެ ވަނަ ރާޅު މާ ނުރައްކާ ކަމަށާއި ބަލި ފެތުރޭލެއް ހަލުވިކަމުން ކަންބޮޑުވާން ޖެހޭ ކަމަށެވެ.

އޮކްޓޯބަރު މަހު މެދަކާ ހަމައިން ޕާކިސްތާނުގައި ދަނީ ސަރުކާރާ ދެކޮޅު ހަރަކާތްތައް ފުޅާކޮށް، އެއްވުންތައް ބާއްވަމުންނެވެ. ގިނަ މީހުން ތިބެނީ މާސްކް ވެސް ނާޅަ އެވެ.

ޕަންޖާބް ޕްރޮވިންސްގެ ޔަންގް ޑޮކްޓާސް އެސޯސިއޭޝަންގެ ޗެއާމަން ޚިޒާރު ހަޔާތު ވިދާޅުވީ ލާހޯރުގައި ވެންޓިލޭޓަރު ހުސްވެ ކްރިޓިކަލް ކެއާ ޔުނިޓްތައް ފުލްވެފައިވާ ކަމަށެވެ.

"ކޮރޯނާވައިރަސް ޕާކިސްތާނުގައި މިހާރު ވަނީ އޭގެ އެންމެ ނުބައި ހާލަތުގައި. ސަރުކާރަށް ޖެހޭނީ ފުލް ލޮކްޑައުނަކަށް ދާން،" އޭނާ ވިދާޅުވި އެވެ.