26 ނޮވެމްބަރ 2020 - 11:51

ކޮލަމްބޯ (ނޮވެމްބަރު 26) - ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯ އަކީ ކޮރޯނާވައިރަހަށް އަދިވެސް ހައި ރިސްކް އޭރިއާއެއް ކަމަށް އޮފިޝަލުން ބުނެފި އެވެ.

ނޭޝަނަލް އޮޕަރޭޝަންސް ސެންޓަ ފޯ ޕްރިވެންޝަން އޮފް ކޮވިޑް-19 އިން ބުނީ ލަންކާ އިން އަންގާރަ ދުވަހު ޕޮޒިޓިވްވި ކޮރޯނާވައިރަހުގެ 458 ކޭހުގެ ތެރޭން 259 މީހުން ޕޮޒިޓިވްވެފައި ވަނީ ކޮލަމްބޯ އިން ކަމަށެވެ. މީގެ އިތުރުން ކަލުތަރަ ޑިސްޓްރިކްޓުން 78 އަދި ގަމްޕަހާ ޑިސްޓްރިކްޓުން 23 މީހުން ޕޮޒިޓިވްވެފައިވެ އެވެ.
އަނެއްކޮޅުން މިނުވަންގޮޑާ އާއި ޕެލިޔަގޮޑާގެ ކްލަސްޓާ އިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 17،432 އަށް އަރައިފަ އެވެ. އޭގެ ތެރޭން 11،156 މީހުން ވަނީ ރަނގަޅުވެފަ އެވެ.
ކެންޑީގައި ވެސް ކޮރޯނާވައިރަސް ފެތުރޭތީ މިހާރު ވަނީ 45 ސްކޫލެއް ބަންދުކޮށްފަ އެވެ. މި ހަފުތާގެ ކުރީކޮޅު ކެންޑީން ވަނީ 27 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.
ލަންކާ އިން މިހާތަނަށް ވަނީ 21،469 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 94 މީހުން މަރުވެފަ އެވެ. އިއްޔެ އެކަނިވެސް ވަނީ 502 މީހުން ޕޮޒިޓިވްވެފަ އެވެ.