26 ނޮވެމްބަރ 2020 - 09:06

އޭއެފްސީން ކަނޑައަޅާ ހުރިހާ ޝަރުތެއް ފުރިހަމަކޮށް، ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އިން ޔޫތު ފުޓްބޯޅަ ކުރިއަރުވަން ކުރާ މަސައްކަތް އޭއެފްސީގެ އެލީޓް ޔޫތު ސްކީމުން ބަލައިގެންފި އެވެ.
ގްރާސްރޫޓް ލެވެލްގައި ފުޓްބޯޅަ ކުރިއަރުވަން އެފްއޭއެމުން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް އޭއެފްސީން ވަނީ މިދިޔަ އަހަރު ރާއްޖެ އަށް ބްރޮންޒް މެމްބާޝިޕް ދީފަ އެވެ. މި އަހަރު އެފްއޭއެމްގެ ގްރާސްރޫޓް ފުޓްބޯޅަ އާއި ޔޫތު ފުޓްބޯޅަ ކުރިއަރުވަން އެކި ގޮތްގޮތުން ކުރި މަސައްކަތުގެ ނަތީޖާ އަކަށްވީ އޭއެފްސީ އެލީޓް ޔޫތު ސްކީމުން ރާއްޖެ ބަލައިގަތުމެވެ.
އޭއެފްސީން ފާހަގަކުރާގޮތުގައި ރާއްޖޭގެ ހާލަތު އޮތްގޮތުން މާ ބޮޑު ކުޅިވަރު ވަސީލަތްތަކެއް ނެތް ނަމަވެސް އެފްއޭއެމްގެ ބުރަ މަސައްކަތުން ވަނީ ވަރަށް ހަރުދަނާ ޔޫތު ސިސްޓަމެއް ގާއިމްކޮށްފަ އެވެ. އޭގެ ތެރޭގައި ގައުމީ ފެންވަރުގެ ޓްރެއިނިން ސެންޓަރެއް ގާއިމްކުރަން ކުރެވުނު މަސައްކަތާއި ހަރުދަނާ ކްލަބް އެކެޑަމީތަކެއް ކުރިއަށް ގެންދިއުމުގައި އެހީތެރިވުމާއި މުބާރާތްތައް ރާވައި އިންތިޒާމް ކުރުން ހިމެނެ އެވެ. މީގެ އިތުރުން ރަނގަޅު ކޯޗުން ޔޫތު ލެވަލްގައި ވެސް މަސައްކަތްކުރެވޭ ވަރަށް ތަމްރީނު ކުރުމުގައި އެފްއޭއެމުން އަދާކުރި ރަނގަޅު ރޯލު އޭއެފްސީން ވަނީ އަގުވަޒަންކުރެ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެންމެ ފުރަތަމަ އެ އިދާރާގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތުމަށް ފަހު ވަނީ "ޓުވާޑްސް ފިއުޗާ" ބެނާގެ ދަށުން މުސްތަގުބަލަށް ފެންވަރު ރަނގަޅު ޓީމުތަކެއް ބޭއްވުމުގެ ވިސްނުމުގައި ޔޫތު ފުޓްބޯޅައިން ފެށިގެން ސީނިއާ ޓީމާ ހަމައަށް ޑިވެލޮޕްމަންޓުގެ މުހިއްމު މަސައްކަތްތަކެއް ފަށްޓަވައިފަ އެވެ.
އޭއެފްސީ ބަލައިގަތް އެފްއޭއެމްގެ ޔޫތު ފުޓްބޯޅައިގެ މަސައްކަތްތަކަކީ ޔޫތު އެެކެޑަމީ ލީގާއި ކްލަބް މުބާރާތްތައް 12 އަހަރާއި 18 އަހަރާ ދެމެދުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބޭއްވުމާއި މުޅި ރާއްޖޭގެ 18 އެކެޑަމީ އަކަށް އެފްއޭއެމުން އެހީތެރިވެދިނުން ހިމެނެ އެވެ. ރާއްޖޭން އޭއެފްސީގެ އެލީޓް ޔޫތު ސްކީމުގެ 20 ކެޓަގަރީގެ ކަންތައްތައް ފުރިހަމަކޮށް ވަނީ މަތީ ދަރަަޖައެއް ދީފަ އެވެ. އެލީޓް ޔޫތު ސްކީމުގެ ތެރެއަށް ވަންނަން މަދުވެގެން 11 ކެޓަގަރީ ފުރިހަމަކުރަން ޖެހެ އެވެ.
އެލީޓް ޔޫތު ސްކީމް އިން މެމްބަރު ގައުމެއް ބަލައިގަންނަން ނިންމާއިރު ބަލާ 20 ކެޓަގަރީ ހިމެނެނީ ލީޑަޝިޕް، ޕްލޭނިން، އޮގަނައިޒޭޝަން، ސްޓާފިން، ރެކްރޫޓްމަންޓް، ފައިނޭންސް، ފެސިލިޓީސް، ޓީމްސް، ކޯޗިން، ޕްލޭއިން، ޕްލޭޔާ ޕާފޯމަންސް، ހެލްތު، ފިޓްނަސް، ސައިކޮލޮޖީ، ވެލްފެއާ، އެޑިއުކޭޝަން، ކޮލެބްރޭޝަން، އެސެސްމަންޓް، ރޫލްސް އަދި ރިޒަލްޓް އެވެ.
ބައްސާމްގެ ލީޑަޝިޕްގެ ފުރަތަމަ ދައުރުގައި ޔޫތު ލެވަލް އާއި ޑިވެލޮޕްމަންޓް މަސައްކަތް ކުރަމުން ވެސް ވަނީ ކާމިޔާުބީތަކެއް ހޯދައިފަ އެވެ. ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުން ނިސްބަތުން ޒުވާން ސްކޮޑަކާ އެކު 2018 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބުކުރިއިރު، 19 އަހަރުން ދަށުގެ ގައުމީ ޓީމުން ވަނީ ސާފް މުބާރާތުގެ ލޯ މެޑަލް ހޯދައިފަ އެވެ. މިއީ އުމުރު ފުރާ ގައުމީ ޓީމަކުން ހޯދި ފުރަތަމަ މެޑަލް އެވެ. އަދި މިދިޔަ އަހަރު ގައުމީ އަންހެން ޓީމުން ސައުތު އޭޝިއަން ގޭމްސްގައި ލޯ މެޑަލް ހޯދިއިރު، މިއީ ސަރަހައްދީ ގޭމްސް އަކުން އަންހެން ޓީމު ހޯދި ހަމައެކަނި މެޑަލް އެވެ.
މިދިޔަ ދައުރުގައި ޔޫތު ފުޓްބޯޅައިގައި ބޭއްވި އެންމެ ހާއްސަ މުބާރާތަކީ ޔުއެފާގެ އެހީގައި އައްޑޫގައި ބޭއްވި 15 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތެވެ. މީގެ އިތުރުން އެފްއޭއެމް އިން 2018 ވަނަ އަހަރު މަސައްކަތް ފެށި ގައުމީ ފުޓްބޯޅަ ސްކޫލްގެ މަސައްކަތް އަންނަ އަހަރު ފަށަން މަސައްކަތްކުރަމުން އަންނައިރު، އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން އެ ސްކޫލަށް ހާއްސަ ކަރިކިއުލަމް އެއް ތައްޔާރުކުރަން އެފްއޭއެމާއި އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ މަސައްކަތްކުރަމުންނެވެ.