ކޮވިޑްގެ އެކްޓިވް ކޭސް 1،120 އަށް
ކޮވިޑްގެ އެކްޓިވް ކޭސް 1،120 އަށް

ކޮވިޑް-19 ގެ އެކްޓިވް ކޭސްތަކުގެ އަދަދު 1،120 އަށް އަރައިފި އެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތައް މި ފަހުން 600 އިން ވެސް ތިރި އެވެ. އެކަމަކު މިހާރު އެ ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު ވަނީ އަނެއްކާ ވެސް އިތުރުވެފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 1،516 ސާމްޕަލް ޓެސްޓުކުރި އެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން 34 މީހުން އަދި ދެ ރިސޯޓަކާއި ތަރައްގީކުރަމުން އަންނަ އަށް ރިސޯޓަކުން ޕޮޒިޓިވްވި އަށް މީހުންނާ އެކު މުޅި ޖުމްލަ 44 މީހުން ޕޮޒިޓިވްވެފައިވެ އެވެ.

އަލަށް ޕޮޒިޓިވްވި މީހުންނާ އެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 12،854 އަށް އެރީ އެވެ.

އެ ބަލިން 21 މީހަކު މިއަދު ރަނގަޅުވެފައިވާތީ ކޮވިޑުން ރަނގަޅުވި ޖުމްލަ އަދަދު 11،681 އަށް އެރީ އެވެ.

ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން 95 މީހަކަށް ފަރުވާ ދެ އެވެ.