25 ނޮވެމްބަރ 2020 - 21:36

އާޖެންޓީނާގެ ފުޓުބޯޅަ ލެޖެންޑް އަދި ދުނިޔޭގެ ތާރީޚުގައި ފެނުނު އެންމެ މޮޅު އެއް އެޓޭކިން މިޑްފީލްޑަރު ޑިއެގޯ މަރަޑޯނާ މިރޭ މަރުވެއްޖެ އެވެ.
މިދިޔަ މަހު 60 ވަނަ އުފަން ދުވަސް ފާހަގަކުރި މަރާޑޯނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
މަރަޑޯނާގެ ސިކުނޑީގައި ލޭ ކޮޅެއް ގަނޑުވެފައި ހުރުމުގެ ސަަބަބުން ވަނީ މި މަހު ކުރީކޮޅު ކުއްލި އޮޕަރޭޝަނެއް ކޮށްފަ އެވެ. މަރަޑޯނާ މަރުވިކަން މިރޭ އޭނާގެ އާއިލާގެ ފަރާތަކާ ހަވާލާދީ އާޖެންޓީނާގެ މީޑިއާ އިން ރިޕޯޓްކުރީ އޭނާ އޮޕަރޭޝަނަށް ފަހު ހޮސްޕިޓަލުން ދޫކޮށްލިތާ ދެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.
އާޖެންޓީނާ އަށް 1986 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރި ކެޕްޓަންގެ ކްލަބް ކެރިއަރުގައި ވަނީ ސްޕޭނުގެ ބާސެލޯނާ އާއި އިޓަލީގެ ނަޕޯލީ އަށް ކުޅެފަ އެވެ. އިޓަލީގެ ކްލަބާ އެކު ވަނީ ސީރީއާ ދެ ފަހަރު ހޯދައިފަ އެވެ.
މަރަޑޯނާ އަށް މީގެ ކުރިން ވެސް ވަނީ ސިއްހީ އެތައް މައްސަލަތަކެއް ދިމާވެފަ އެވެ. މީގެ ކުރިން ވެސް ދެ ފަހަރަކަށް ހާޓް އެޓޭކެއް ޖެހި ފަރުވާ ހޯދާފައިވެ އެވެ. އަދި ހެޕަޓައިޓިސް އަށް ވެސް ވަނީ ފަރުވާ ހޯދައިފަ އެވެ. އަދި މީގެ އަހަރުތަކެއް ކުރިން އޭނާ ވަނީ ގޭސްޓްރިކް މައްސަލަތަކުގެ ސަބަބުން ހިތުގެ އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ. މަސްތުވާ ތަކެއްޗަށް ދެވިހިފުމުގެ ސަބަބުން އެކަމަށް ވެސް ވަނީ އެތައް ފަރުވާއެއް ހޯދައިފަ އެވެ. ކްލަބު ކެރިއަރުގައި ވެސް މަނާ ބޭސް ބޭނުން ކުރުމުގެ ސަބަބުން އެކި ފަހަރު މަތިން ވަނީ އަދަބު ލިބިފަ އެވެ.
އާޖެންޓީނާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މަރަޑޯނާގެ ދިރިއުޅުމުގައި އުޅެފައިވާ ގޮތުން ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް އޭނާގެ ޕާސަނަލް ޑޮކްޓަރު މީގެ ދެ އަހަރު ކުރިން ވަނީ ބުނެފަ އެވެ.
ހަތަރު ވޯލްޑް ކަޕެއްގައި އާޖެންޓީނާ އަށް ކުޅުނު މަރަޑޯނާ ގައުމީ ޓީމަށް ކުޅުނު 91 މެޗުގައި ވަނީ 34 ގޯލު ޖަހައިފަ އެވެ. މަރަޑޯނާގެ ކެޕްޓަންކަމުގައި އާޖެންޓީނާ ވަނީ އިޓަލީގައި 1990 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް ފައިނަލުގައި ކުޅެފަ އެވެ. ނަމަވެސް ވެސްޓް ޖަރުމަނާ ވާދަކޮށް ފައިނަލުގައި 1-0 އިން ބަލިވުމުން މުބާރާތުގެ ތަށި ވަނީ ގެއްލިފަ އެވެ. އެމެރިކާގައި 1994 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގައި ވެސް އާޖެންޓީނާގެ ކެޕްޓަންކަން މަރަޑޯނާ ކުރި އެވެ. ނަމަވެސް މަނާ ބޭހަށް ޕޮޒިޓިވްވުމުން ވަނީ އަނބުރާ ގައުމަށް ފޮނުވާލައިފަ އެވެ.
މަރަޑޯނާގެ ފުޓުބޯޅަ ކެރިއަރުގެ ދެ ވަނަ ހާފުގައި ވަނީ ކޮކޭން އަށް ދެވިހިފައި އެކަމުން ސަލާމަތް ނުވެވިގެން އުޅެނިކޮށް، ޑްރަގަށް ޕޮޒިޓިވްވެ 15 މަހަށް، 1991 ވަނަ އަހަރު ސަސްޕެންޑްކޮށްފަ އެވެ.
ޕްރޮފެޝަނަލް ފުޓުބޯޅަ އިން މަރަޑޯނާ ރިޓަޔާ ކުރީ 37 ވަނަ އުފަން ދުވަހު އެވެ. އޭރު ކުޅެމުން ދިޔައީ އާޖެންޓީނާގެ ބޮކާ ޖޫނިއާސް އަށެވެ. އާޖެންޓީނާގެ ދެ ޓީމަކަށް ކޯޗުކޮށް ދިނުމަށް ފަހު ގައުމީ ޓީމާ 2008 ވަނަ އަހަރު ހަވާލުވި އެވެ. ނަމަވެސް 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުއާޓާ ފައިނަލުގައި ޖަރުމަން އަތުން ބަލިވި މެޗަށް ފަހު ކޯޗުކަން ދޫކޮށްލި އެވެ.
މަރަޑޯނާ ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި މެކްސިކޯގެ ޓީމުތަކަށް ވެސް ކޯޗު ކޮށްދީފަ އެވެ. ސިކުނޑީގެ އޮޕަރޭޝަން ކުރުމާ ހަމައަށް ކޯޗުކޮށްދެމުން ދިޔައީ އާޖެންޓީނާގެ ޓީމެއް ކަމަށްވާ ޖިމްނޭސިއާ އަށެވެ.
އުފަންވީ: އޮކްޓޯބަރު 30، 1960
އުފަންވީ: ބިއުނަސް އޭރީޒް، އާޖެންޓީނާ
އިސްކޮޅު: 1.65 މީޓަރު
އާޖެންޓިނޯސް ޖޫނިއާސް (1978-1981)
ބޮކާ ޖޫނިއާސް (1981-1982)
ބާސެލޯނާ (1982-1984)
ނަޕޯލީ (1984-1991)
ސެވިއްޔާ (1992-1993)
ނެވެލްސް އޯލްޑް ބޯއީސް (1993)
ބޮކާ ޖޫނިއާސް (1995-1997)
ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރުން (1986)
ފީފާ ވޯލްޑް ކަޕް ރަން ބޯޅަ (1986)
ޔޫއެފާ ކަޕް ކާމިޔާބު ކުރުން (1989)
އިޓާލިއަން ޗެމްޕިއަންކަން (1990،1987)
އާޖެންޓީނާ ޗެމްޕިއަންކަން (1981)
ސްޕެނިޝް ސުޕަ ކަޕް (1983)
ސްޕެނިޝް ކަޕް (1983)
އިޓާލިއަން ކަޕް (1987)
އިޓާލިއަން ސުޕަ ކަޕް (1990)
އިޓަލީގައި އެންމެ ގިނަ ގޯލް ޖެހި (1988)، އާޖެންޓީނާ (1980،1979)
ރޭސިން ކްލަބު (1995)
އާޖެންޓީނާ (2008-2010)
އަލް ވަސްލް، ޔޫއޭއީ (2011-2012)
އަލް ފުޖައިރާ، ޔޫއޭއީ (2017-2018)
ޑޮރާޑޯސް، މެކްސިކޯ (2018-2019)
ޖިމްނޭސިއާ، އާޖެންޓީނާ (2019-2000)