25 ނޮވެމްބަރ 2020 - 22:01

ނޯޓް: މިއީ އިނގިރޭސި ވިލާތުގެ ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކްލްގެ ދެ ވަނަ ދަރިކަލުން ބައިގެން ދިޔަކަން ހާމަކޮށް، އެކަމުގައި ކުރިމަތިވި ހިތާމަޔާ އެކު، މިފަދަ ހިތްދަތިކަން ތަހަންމަލްކުރާ މީހުންނަށް އެހީވުމަށް ބާރު އަޅައި ނިއު ޔޯކް ޓައިމްސްގައި ޝާއިއުކުރެއްވި ލިޔުމެއްގެ ތަރުޖަމާ އެވެ.
***
އެއީ ޖުލައި މަހެއްގެ، ހަމަ އާދައިގެ ހެނދުނެކެވެ. އެ ދުވަހު ވެސް އޮތީ ތުއްތު ދަރިފުޅު ތަންމަތިން ނެގުމުގެ ކުރިން ނާސްތާ ތައްޔާރުކުރާއި ކުއްތާތަކަށް ކާން ދިނުމާއި ވިޓަމިން ސަޕްލިމެންޓް ނެގުމާއި އިސްޓާކީނު ޖޯޑުން މަދުވާ ކިބަ ހޯދުމާއި މޭޒު ދަށަށް ވަދެ ގެއްލުނު ކުލަ ޗޯކު ހޯދުމާއި އިސްތަށިގަނޑު ނަގައި ބޮލު މެދަށް އައްސާލުމެވެ.
ދަރިފުޅުގެ ޑައެޕާ ބަދަލުކުރަން ހުއްޓާ އެރި ތޫނު ތަދުގަނޑަކާ އެކު ތަޅުންމަތީ އިށީނދެވުނީ ދެމައިން ހަމަޔަކަށް އެޅޭތޯ ވައި އަޑުން ނާނާއެއް ވެސް ކިޔަމުންނެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ހިއްސުތަކުން ބުނެދިނެވެ.
އަލަތު ދަރިފިޅު އުރުގައި އޮތް އިރު ދެ ވަނަ ދަރިފުޅު ބީވެގެން ދަނީކަން އެނގުނެވެ.
ގަޑިއިރުތަކެއް ފަހެވެ. އަހަރެން އޮތީ ހޮސްޕިޓަލު އެނދުގައި، ފިރިމީހާގެ އަތުގައި ހިފަހައްޓާލައިގެންނެވެ. އެ އަތްތިލަ ވަނީ ފިނިވެފަ އެވެ. އަހަރެމެން ދެ މީހުންގެ ލޮލުން އައި ކަރުނައިގެ ތެތްކަމެވެ. އެ އަތްތިލާގައި ބޮސްދިނީމެވެ. ކުރިމަތީގައި ހުރި ހުދު ފާރަށް ބަލަން އޮވެ، އެ ވޭނުން އަރައިގަނެވޭނެ ގޮތަކާ މެދު ވިސްނޭތޯ މަސައްކަތްކުރީމެވެ.
ހަނދާނަށް އައީ މިދިޔަ އަހަރު އަހަންނާއި ހެރީ ދެކުނު އެފްރިކާ އަށް ކުރި ދިގު ދަތުރުގެ ހިނދުކޮޅެކެވެ. އަހަރެން ހުރީ ވަރުބަލިވެފަ އެވެ. އޭރު ތުއްތު ފިރިހެން ދަރިފުޅަށް ބުއް ދެމެވެ. މަސައްކަތްކުރަން ޖެހުނީ އާންމުންގެ ކުރިމަތީގައި ހިތްވަރުގަދަކަމުގެ މޫނެއް ދައްކާށެވެ.
"ކިހިނެއްތޯ؟،" ނޫސްވެރިޔަކު އަހަންނާ ސުވާލުކުރި އެވެ. ވަރަށް ތެދުވެރި ޖަވާބެއް ދިނީ - އަލަށް މަޔަކަށްވާ މީހުންނާއި މަޔަކަށް ވެފައިވާ މީހުންނާއި އެކި ކަންކަމުގައި، ވަންހަނާގައި ވޭން އަޅަމުންދާ އެތައް ބަޔަކާ އެ ޖަވާބު ގުޅޭނެކަން ނޭނގި އެވެ. ކުއްލިއަކަށް ދެވުނު ޖަވާބަކީ ސިއްރުނުކޮށް ހާލަތު ބަޔާންކުރަން މީހުންނަށް ދެވުނު ހިތްވަރެއް ކަމަށް ވެދާނެ އެވެ. އެކަމަކު އަހަންނަށް އެންމެ ބޮޑު އެހީއަކަށްވީ ސީދާކޮށް ދެވުނު ޖަވާބެއް ނޫނެވެ. ކުރި ސުވާލެވެ.
"ހާލު އަހާލީތީ ޝުކުރިއްޔާ،" އަހަރެން ބުނީމެވެ. "އަހަރެންގެ ހާލު ރަނގަޅުތޯ މާ ގިނަ ބަޔަކު ނާހާ."
އަހަރެންގެ ކުދިކުދި ވެފައިވާ ނަފްސާ އެކު ފިރިމީހާގެ ހިތް ހަލާކުވަމުން ދިޔަ މަންޒަރު ބަލަން ހޮސްޕިޓަލުގެ އެނދުގައި އިން އިރު އެނގުނީ މި ވޭނުން އަރައިގަތުމުގެ ހަމައެކަނި ފެށުމަކީ ކިހިނެއްތޯ އަހައި [ހާލު ބެލުން] ކަމެވެ.
އަހަރެމެން އެންމެން ރަނގަޅު ހެއްޔެވެ؟ މިއީ އެތައް ބައެއްގެ ދިރިއުޅުން ސުމަކަށް ގެންދިޔަ އަހަރެކެވެ. ގެއްލުމާއި ވޭނަކީ މި 2020 ވަނަ އަހަރު މުޅި ދުނިޔެއަށް އައި ވަބާއެކެވެ. ހިތް ނޭދޭ ކަންކަމާއި ބަލިމަޑުކަމުގެ ސަބަބުންނެވެ. މި ހުރިހާ ވާހަކައެއް ވެސް އަހަރެމެން އަހައިފީމެވެ؛ އަންހެނަކު އޭނާގެ ދުވަސް ހަމަ އެހެން އާދައިގެ ދުވަހެކޭ އެއްގޮތަށް ފަށާނެ އެވެ. އެކަމަކު ދެން ލިބެނީ އޭނާގެ އުމުރުން ދުވަސްވީ މަންމަ ކޮވިޑް-19 ގައި ދުނިޔެ ދޫކުރި ޚަބަރާ އެކު ފޯން ކޯލެކެވެ. ފިރިހެނަކު ހެނދުނު ހޭލާއިރު ހުރިހާ ކަމެއް ވެސް ރަނގަޅެވެ. ކުޑަކޮށް ކަންނެތްވެފައި ހުރެދާނެ އެވެ. އެކަމަކު އެއްވެސް އާދަޔާ ހިލާފް ކަމެއް ނެތެވެ. ދެން ޕޮޒިޓިވް ވަނީ ކޮރޯނާވައިރަހަށެވެ. ހަފުތާތަކެއް ފަހުން - އެތައް ސަތޭކަ ބަޔަކަށް ދިމާވި ގޮތަށް - އޭނާ ވެސް ކޮވިޑް ބަލީގައި މަރުވެދާނީ އެވެ.
ބްރެއޯނާ ޓޭލާ ކިޔާ ޒުވާން އަންހެނަކު ނިދަން އޮށޯތީ އާދައިގެމަތިން އޭނާ ކޮންމެ ރެޔަކު ވެސް ދާ ގޮތަށެވެ. އެކަމަކު ފުލުހުންގެ ރެއިޑެއްގައި ހެދުނު ބޮޑު ގޯހަކާ ހެދި އޭނާ އަށް އަނެއް ދުވަހުގެ ހެނދުނެއް ނުފެނުނެވެ. ޖޯޖް ފްލޮއިޑް ކޮންވެނިއެންސް ސްޓޯރަކުން ނުކުމެ ހިނގައިގަތީ ފަހު ނޭވާ ދޫކޮށްލަން ޖެހޭނީ މީހެއްގެ ބަރުދަނަށް ކަކޫ ދަށުގައި ފިތިގެންކަން ނޭނގި ހުރެ އެވެ. އޭނާ އެންމެ ފަހުން ވެސް ގޮވާލީ މަންމައަށެވެ. ސުލްހަވެރި މުޒާހަރާތައް ބަދަލުވީ ހަމަނުޖެހުމަށެވެ. ސިއްހަތު ބަދަލުވީ ބަލިމަޑުކަމަށެވެ. އެއްބައިވަންތަކަން އޮތް ތަންތަނުގައި މިހާރު ބައިބައިވުމެވެ.
މި ހުރިހާ ކަމަކަށް ވުރެ ވެސް ބޮޑަށް ފެންނަނީ ހަގީގަތަކީ މިހާރު އަހަރެމެން ގަބޫލުކުރާ އެއްޗެއް ނޫންކަމެވެ. އަހަރެމެން މި ތަޅާފޮޅަނީ އެއްބަޔަކު އަނެއް ބަޔަކު ގަބޫލުކުރާ ހަމަތަކާއި ހަގީގަތާ ހެދި އެވެ؛ އަހަރެމެން ބައިބައިވެފައި މި ވަނީ ހަގީގަތަކީ ހަމަ ހަގީގަތުގައި ވެސް ހަގީގަތްތޯ ބެލުމުގަ އެވެ. އަހަރެމެން ދެބަސްވަނީ ސައިންސަކީ ހަގީގަތެއްތޯ ސުވާލުކުރަމުންނެވެ. އިންތިހާބެއް ކާމިޔާބުވީތޯ ނުވަތަ ނާކާމިޔާބުވީތޯ ކުރެވޭ ބަހުސްގަ އެވެ. ދެބަސްވަނީ ގޮތްދޫކުރަންޖެހޭތޯ ބެލުމުގަ އެވެ.
މިހާރު މި އޮތް ބަލިމަޑުކަމުގައި އިޖުތިމާއީ އެކަހެރިކަން މަޖުބޫރުވެފައި ވާއިރު މުޖުތަމައުގެ ބައިބައިވުން މިކަމާ ގުޅުމުން އަހަރެމެންގެ އެކަނިވެރިކަން މި ވަނީ ދުވަހަކު ވެސް ނުވާހާ ބޮޑުވެފަ އެވެ.
ޓީން އޭޖްގެ ފަހުކޮޅު، މެންހަޓަންގެ ކާރޫބާރުބޮޑު މަގަކުން ސިޓީގެ ހަލަބޮލިކަމުގެ ތެރެއަށް ނަޒަރު ހުއްޓިފައި އިނދެ ޓެކްސީއެއްގައި ދަނިކޮށް ފެނުނީ ފޯނުން ވާހަކަ ދައްކަމުން ދިޔައިރު ކަރުނައިން ދެ ލޯ ފުރިފައި ހުރި އަންހެނެކެވެ. އެއީ އޭނާގެ ވަރަށް ޕްރައިވެޓް ވަގުތުކޮޅަކަށް ވިޔަސް ހުއްޓި ހުރީ އެންމެން ހިނގަމުން ދިޔަ މަގުގެ އެއްފަރާތުގަ އެވެ. އޭރު އެ ސިޓީ އަށް އަހަރެން ވެސް އަލެވެ. އެ އަންހެން މީހާ އެހީތެރިކަމެއް ބޭނުންވޭތޯ އަހާލަން ޓެކްސީ މަޑުކޮށްލެވިދާނެތޯ އަހަރެން އެހީމެވެ.
ޑްރައިވަރު ބުނީ ނިއު ޔޯކް މީހުން އެ މީހުންގެ ޒާތީ ދިރިއުޅުން ވެސް މަގުމައްޗަށް ގެނެސްފައިވާ ކަމަށެވެ. "އަހަރެމެން ލޯބިވަނީ ވެސް، ރޮނީ ވެސް މަގުމަތީގައި. އެހެންވެ އަހަރެމެން ޖަޒުބާތުތަކާއި ވާހަކަތައް ހުންނާނީ އެންމެންނަށް ވެސް ފެންނަން،" އޭނާ އަހަރެން ގާތު ބުނި ވާހަކަ ހަނދާން އެބަހުއްޓެވެ. "ކަންބޮޑުނުވޭ. ކޮންމެވެސް މީހަކު އެ އަންހެން މީހާ އަށް ވެގެން އުޅޭ ގޮތެއް ބަލާނެ."
އެތައް އަހަރެއް ފަހުން، ލޮކްޑައުން އާއި އެކަހެރިކަމަށް ފަހު، ދަރިއަކު ގެއްލި ދިއުމަށް ފަހު، މި ގައުމުން ގަބޫލުކުރަމުން އައި ހަގީގަތްތައް ގެއްލި ދިއުމަށް ފަހު އަހަރެންގެ ހަނދާނަށް އަންނަނީ އެ އަންހެން މީހާ އެވެ. އެއްވެސް މީހަކު އެ މީހާގެ ހާލު ބަލައިނުލައި ދޫކޮށްލާފައިވާ ނަމަ ވާނީ ކިހިނެއްހެއްޔެވެ؟ އޭނާގެ ކެކުކުޅުންތައް އެއްވެސް މީހަކަށް ނުފެނިވާ ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ އެއްވެސް މީހަކު އެހީވެފައި ނުވާ ނަމަ ވާނީ ކިހިނެއްހެއްޔެވެ؟
އެ ދުވަހަށް އެނބުރި ގޮސް، ޑްރައިވަރު ގާތު، އެތަނަށް މަޑުކޮށްލަދޭން ބުނެވޭނެ ނަމައޭ ހިތަށް އަރަ އެވެ. އެކަނިވެރި ދިރިއުޅުމުގެ ނުރައްކާ އެނގިއްޖެ އެވެ؛ ހިތާމަ އާއި ބިރުވެރިކަމާއި އެހެން މީހުންގެ އެހީ އެންމެ ބޭނުންވާ ހިނދު އެކަނި އުޅެން ޖެހުމެވެ. "ކިހިނެއްހޭ" އަހާލާނެ ހަމަ އެކަކުވެސް ނެތީ އެވެ.
ދަރިއަކު ގެއްލި ދިއުމަކީ ބަރުދާސްތު ނުކުރެވޭ ފަދަ ވޭނެކެވެ. އެތައް ބަޔަކަށް ތަޖުރިބާކުރަންޖެހޭ އެކަމަކު މަދު މީހަކު ނޫނީ ނުދައްކާ ވާހަކައެކެވެ. އަހަރެމެން ދެމަފިރިންނަށް ކުރިމަތިވި މި ހިތްދަތިކަމުގައި އަހަރެމެންނަށް އެނގުނު އެއް ކަމަކީ ކޮންމެ 100 އަންހެނެއްގެ ތެރެއިން 10 އާއި 20 އާ ދެމެދުގެ އަދަދެއްގެ މީހުންނަކީ ބައިގެން ދިއުމުގެ ހިތްދަތިކަން ތަހަންމަލްކުރާ މީހެއްކަމެވެ. މިއީ މިހާ އާންމު ކަމަކަށް ވިޔަސް އެއީ ދައްކަން ލަދުވެތި ވާހަކައަށް ހަދައި، ހިތާމަކުރަނީ އެކަނިމާއެކަންޏެވެ.
ބައެއް މީހުން ހިތްވަރާ އެކު އެ ވާހަކަ ކިޔައިދީފައިވެ އެވެ. އެ މީހުން ވަނީ އެކަކު ނަމަވެސް މި ވާހަކަ ދެއްކުމީ ދެން ތިބި މީހުން ވެސް މިކަމުގެ ހަގީގަތް ކިޔައިދޭން އެޅޭ ބާރެއް ކަމަށް ގަބޫލުކޮށްފަ އެވެ. އެއީ އަހަރެމެން އެންމެން މި ވާހަކަ ފާޅުގައި ދައްކަން ލިބޭ ލައިސަންސެކެވެ. އޯގާތެރި ހިތަކާ އެކު، އަނެކާގެ ވާހަކަ އަހައި ސުވާލުކުރާ ނަމަ ވޭނުން ބަރުވެފައިވާ ހިތްތަކަށް ލިބޭނީ ލުއިކަމެވެ - އެންމެންނަށެވެ. އެންމެން އެކުގައި މި އުދާސްތައް ހިއްސާކުރަން ދައުވަތު ދިނުމަކީ މި ވޭނުން އަރައިގަތުމުގެ ފުރަތަމަ ފިޔަވަޅެވެ.
އަހަރެމެންގެ ޗުއްޓީ ރާވާއިރު އެތައް ބަޔަކު މިވަގުތު މި ތިބީ އެ މީހުންގެ ލޯބިވާ މީހުންނާ ވަކިވެފަ އެވެ. އެކަނިވެރިވެފަ އެވެ. ބަލިވެފަ އެވެ. ބިރުވެރިކަމުގަ އެވެ. ބައިބައިވުމުގެ ތެރޭގަ އެވެ. ހޯދަނީ ހިތްހަމަޖެހުމެއް ލިބޭނެ ކޮންމެވެސް ކަމެއް ފެނޭތޯ އެވެ. އެހެން މީހުންގެ ހާލު ބަލައި، ކިހިނެއްތޯ އަހާލަން އަޒުމެއް ކަނޑައަޅަމާ ހިނގާށެވެ. ކިތަންމެ ބޮޑެތި ދެބަސްވުންތަކެއް ހުރެ، އިޖުތިމާއި ގޮތުން ދުރުގައި އުޅުނަސް އެންމެން ކުރަން ޖެހުނު އެއް ތަޖުރިބާއަކުން ހަގީގަތުގައި މި ތިބީ ދުވަހަކު ވެސް ނުވާ ވަރަށް އެންމެން ގުޅިފަ އެވެ.
އަހެރެމެން ހޭނެމުން މި އަންނަނީ، މާސްކުން މޫނު ނިވާވެ ތިބެންޖެހޭ ނިއު ނޯމަލް އަށެވެ. ނަމަވެސް އެކަމުގެ ސަބަބުން އަހަރެމެންނަށް އެކަކު އަނެކަކުގެ ލޮލަށް ބަލަން ޖެހެ އެވެ - ބައެއް ލޮލުގައި އުޖާލާކަމެވެ. ބައެއް ލޮލުގައި ކަރުނަ އެވެ. ފުރަތަމަ ފަހަރަށް، އެތައް ޒަމާނަކަށް ފަހު އަހަރެމެން އިންސާނުން އެކަކު އަނެކަކަށް ފެންނަނީ އެވެ.
އެންމެންގެ ހާލު ރަނގަޅު ހެއްޔެވެ؟
އަދި ރަނގަޅުވާނެ އެވެ.