ޖޭމްސް ބޮންޑްގެ ވީޑިއޯ ގޭމެއް؛ ގޭމް ހެދުމުގައި ހިއްސާ ވެވިދާނެ
ޖޭމްސް ބޮންޑްގެ ވީޑިއޯ ގޭމެއް؛ ގޭމް ހެދުމުގައި ހިއްސާ ވެވިދާނެ

އިނގިރޭސީ ޖާސޫސީ އެޖެންޓް ޖޭމްސް ބޮންޑަށް ބިނާކޮށް މުޅިން އޮރިޖިނަލް ވާހަކައަކަށް ވީޑިއޯ ގޭމެއް އުފެއްދުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

ޑިވެލޮޕްކުރުމުގެ މަރުހަލާގައި އޮތް ގޭމަށް މި ވަގުތު ދީފައިވާ ނަމަކީ "ޕްރޮޖެކްޓް 007" އެވެ. މި ގޭމް އުފައްދަނީ ގޭމް އުފައްދާ ކުންފުނި އައިއޯ އިންޓަރެކްޓިވާއި "ޖޭމްސް ބޮންޑް" ގެ ފިލްމުތައް ގެނެސްދޭ ސްޓޫޑިއޯ އެމްޖީއެމާއި އިއޯން ޕްރޮޑަކްޝަނާއި ޑެލްފީ ގުޅިގެންނެވެ.

ޖޭމްސް ބޮންޑް ވީޑިއޯ ގޭމް ގެނެސްދޭ ވާހަކަ ޑެންމާކްގެ ކުންފުނި އައިއޯ އިންޓަރެކްޓިވުން ހިއްސާކޮށް މިހާރު ވަނީ އޭގެ ޓީޒާ ޓްރެއިލާއެއް ވެސް ދައްކާލައިފަ އެވެ. އެ ކުންފުނިން ބުނިގޮތުގައި މަސައްކަތް މިހާރު ކުރިއަށްދާ ގޮތަށް ބަލާ އިރު، ވަރަށް ކައިރި މުސްތަގުބަލެއްގެ ތެރޭގައި ވަރަށް ޝައުގުވެރި ގޭމެއްގެ ގޮތުގައި "ޕްރޮޖެކްޓް 007" ގެނެސްދެވޭނެ އެވެ.

މި ގޭމްގެ މަސައްކަތުގައި އެކި ދާއިރާތަކުން ހިއްސާވާނެ ފަންނުވެރިން ހޯދަން ވެސް އައިއޯ އިން މިހާރު ވަނީ ހުޅުވާލައިފަ އެވެ.

އެ ދާއިރާތަކުގެ ތެރޭގައި ސީނިއާ މަލްޓިޕްލެޔާ ނެޓްވޯކް ޕްރޮގްރާމާ، ގޭމްޕްލޭ ޕްރޮގްރާމާ، އެކްޒެކެޓިވް ޕްރޮޑިއުސަރު، ޓެކްނިކަލް ޑިރެކްޓަރު، އޭއައި ޕްރޮގްރާމާ، ލީޑް ސައުންޑް ޕްރޮގްރާމާ، ސީނިއާ ޕްރޮޑިއުސާ، ގޭމްޕްލޭ ޑިރެކްޓަރު، ގޭމްޕްލޭ އެނިމޭޓަރު، ލީޑް ސިނެމެޓިކް އެނިމޭޓަރު، ލީޑް ގޭމް ޑިޒައިނާ، ސީނިއާ ކެރެކްޓާ އާޓިސްޓް، ލީޑް މަލްޓިޕްލެޔާ ނެޓްވޯކް ޕްރޮގްރާމާ، އާޓް ޕީޕަލް މެނޭޖަރު، ޑިޒައިން ޕީޕަލް މެނޭޖަރު، އެޗްއާރް ކޯޑިނޭޓާ، ކިއުއޭ ސްޕެޝަލިސްޓް، އޮންލައިން ޕްރޮގްރާމާ ފަދަ ދާއިރާތައް ހިމެނެ އެވެ.

މި ނޫން ދާއިރާތަކުން ވެސް "ޕްރޮޖެކްޓް 007" ގައި ހިއްސާވާން ޝައުގުވެރިވާ މީހުންނަށް އެޕްލައިކުރުމުގެ ފުރުސަތު އެބައޮތެވެ.

ގޭމްގެ ޓީޒާއާ އެކު އައިއޯ އިން ހިއްސާކުރި ލިންކުން އެޕްލައިކުރެވޭނެ އެވެ. ތިން ގޮތަކަށް އެޕްލައިކުރެވި ދާނެ އެވެ. އެއީ އީމެއިލުންނާއި ލިންކެޑްގެ އިތުރުން ޖޮބްއިންޑެކްސްގެ އެހީގަ އެވެ.

"ޕްރޮޖެކްޓް 007" އާ ބެހޭ ގޮތުން އައިއޯ އިންޓަރެކްޓިވްގެ ސީއީއޯ ހަކާން އަބްރާކް ވިދާޅުވީ މުޅިން އޮރިޖިނަލް ޖޭމްސް ބޮންޑެއް ތަރައްގީކުރުމަކީ ވަރަށް ތާރީހީ ކަމެއް ކަމަށެވެ.

"އަހަރެމެންގެ ކްރިއޭޓިވް ޓީމް އަދި މަސައްކަތަށް ޕެޝަނޭޓް ޓީމް އޮތީ ވަރަށް ބޮޑު ޖޯޝަކާއި ފޯރިއެއްގެ ތެރޭގައި. ބޭނުން ވަނީ އަހަރެމެންގެ ސްޓޫޑިއޯގެ ތާރީހުގައިވެސް ހަދާ އެންމެ މޮޅު ވީޑިއޯ ގޭމަށް ޕްރޮޖެކްޓް 007 ހަދަން." އޭނާ ވިދާޅުވި އެވެ.

ނަމަވެސް މި ގޭމް އާންމުންނާ ހަމައަށް ގެންނާނެ ސީދާ ސުންގަޑިއެއް އަދި ކަނޑައަޅައިފައެއް ނެތެވެ. އެކަމަކު އައިއޯ އިން ދޭން އޮތް އުފާވެރި ޚަބަރަކީ އެ ތަނުގެ "ހިޓްމޭން" ގޭމް ސީރީޒްގެ ތިން ވަނަ ކޮންސޯލް އަންނަ ޖެނުއަރީ މަހުގެ 20 ގައި ލިބެން ފަށާނެ ވާހަކަ އެވެ.

ސިނަމާގެ އެންމެ ވަރުގަދަ އަދި އެންމެ ދުވަސްވީ މަގުބޫލު އެއް ކެރެކްޓާގެ ގޮތުގައި ފާހަގަކުރެވޭ ޖޭމްސް ބޮންޑަކީ 1962 ގައި ބޮޑު ސްކްރީނަށް އުފަންވި ކެރެކްޓާއެކެވެ.

ކުރިއަށް އޮތީ މި ސީރީޒްގެ 25 ވަނަ ފިލްމެވެ. އެއީ ޑެނިއަލް ކްރެއިގް ބޮންޑްގެ ރޯލުން ފެންނާނެ ފަސް ވަނަ އަދި ފަހު ފިލްމު "ނޯ ޓައިމް ޓު ޑައި" އެވެ. ކުރިން މި އަހަރު ގެނެސްދޭން އުޅުނު ފިލްމު މިހާރު ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ އެޕްރީލް 2 އަށެވެ.