އއ. މާގާ ވިއްކާލަން ބިޑަށް ހުޅުވާލައިފި
އއ. މާގާ ވިއްކާލަން ބިޑަށް ހުޅުވާލައިފި

އއ. އަތޮޅުގައި ރިސޯޓެއް ގޮތުގައި ތަރައްގީކުރަމުން އަންނަ މާގާ ވިއްކާލަން ހަބީބް ބޭންކުން ބިޑަށް ހުޅުވާލައިފި އެވެ.

މާގާ އަކީ ބިގް ސްޓޯން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ތަރައްގީކުރަމުން އައި ރިސޯޓެކެވެ. މި ރިސޯޓުގެ މަސައްކަތް މިހާރު އޮތީ ހުއްޓިފަ އެވެ.

މި ރަށް ބިގް ސްޓޯނަށް ދޫކޮށްފައިވަނީ 2064 ވަނަ އަހަރާ ހަމައަށެވެ. އެހެންވެ ލީޒް މުއްދަތުގައި އަދި އިތުރަށް 44 އަހަރު ބާކީ އެބަ އޮތެވެ.

މިއީ 2.8 ހެކްޓަރުގެ ރަށެކެވެ. މި ރަށަށް ގިނަ ބަޔަކު ޝައުގުވެރިވާ ސަބަބަކީ ރަށުގައި އޮންނަ ގުދުރަތީ ގޮނޑުދޮށާއި ބޮޑު ފަޅެވެ.

ހަބީބް ބޭންކުން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މި ފުރުސަތުގެ ދަށުން ހުށަހަޅާ ބިޑު 4.25 މިލިއަން ޑޮލަރު ނުވަތަ އެއަށްވުރެ ބޮޑު އަދަދަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި ބިޑު ހުށަހެޅުމުގެ ކުރިން 5،000 ޑޮލަރު ނޮން ރިފަންޑެބަލް ޕާޓިސިޕޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށް ބޭންކުން ބުންޏެވެ.

އެ ބޭންކުން މި ރަށް ބިޑަށް ހުޅުވާފައިވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ. އަންނަ މަހުގެ 17 ވަނަ ދުވަހާ ހަމައަށް ބޭންކު ހުޅުވާފައި ހުންނަ ގަޑިތަކުގައި ބިޑު ހުށަހެޅޭނެ އެވެ.

ބިޑުކުރުމާ ބެހޭ އިތުރު މައުލޫމާތު https://connect.mihaaru.com/6087 މެދުވެރިކޮށް ލިބޭނެ އެވެ.