25 ނޮވެމްބަރ 2020 - 14:31

އަނިޔާ ލިބޭ ގިނަ އަންހެނުންނަށް އެކަށީގެންވާ އެހީ ނުލިބޭ ކަމަށާއި އަންހެނުންނަށް އަނިޔާކުރާ ގިނަ ބަޔަކަށް އަދަބު ނުލިބި މިނިވަންކަމާ އެކު އުޅޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގްވާމީ ގޮތުން މިއަދު ފާހަގަކުރާ، އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުމުގެ ދުވަހާ ގުޅިގެން ނައިބު ރައީސް ދެއްވި ވީޑިއޯ ހިތޯބުގައި ވިދާޅުވީ ރާއްޖޭގައި ކޮންމެ ތިން އަންހެނެއްގެ ތެރެއިން އެކަކީ ކޮންމެވެސް ކަހަލަ އަނިޔާއެއް ލިބިފައިވާ މީހެއް ކަމަށް ތަފާސް ހިސާބުން ދައްކާއިރު އޭގެ ތެރެއިން ގިނަ އަންހެނުންނަށް، އެކަމުން ސަލާމަތްވެ ދިރިއުޅުން ބިނާކުރަން އެކަށީގެންވާ އެހީ ނުލިބޭ ކަމަށެވެ.
"...އެ މީހުންގެ ދިރިއުޅުން އަލުން ބިނާކުރަން ބޭނުންވާ އެހީ އާއި ރައްކާތެރިކަން އެކަށީގެންވާ ވަރަކަށް ނުލިބޭ. އަދި އަނިޔާ ކުރާ މީހުންނަށް އެއްވެސް އަދަބެއް ނުލިބި ސަލާމަތްވޭ،" ފައިސަލް ވިދާޅުވި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވާން އެޅި ފިޔަވަޅުތަކުގެ ސަބަބުން ދިރިއުޅުމުގެ ހާލަތަށް ގިނަ ބަދަލުތަކެއް އައި ކަމަށާއި މި ދަތިކަމުގެ ތެރޭގައި އަންހެނުންނަށް އަނިޔާ ލިބުން އިތުރުވި ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
"އެހެންވެ، ކޮވިޑުން އަރައިގަންނަން އަޅުގަނޑުމެން ކުރާ މަސައްކަތުގައި އަންނެހުންނަށް ކުރާ އަނިޔާއަށް އިންސާފުހޯދައި ދިނުމަކީ ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް،" ނައިބު ރައީސް ވިދާޅުވި އެވެ.
އަންހެނުންނަށް ކުރާ އަނިޔާއަށް އިންސާފު ހޯދައި ދިނުމަކީ މި ސަރުކާރުން ވެފައިވާ ވައުދެއްކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ އަންހެނުންނަށް ރައްކާތެރިކަމާ އެކު ތިބެވޭނެ ތަންތަން ހެދުމާއި އިންސާު ލިބޭނެ ގޮތަށް ޝަރުއީ ނިޒާމް އިސްލާހުކުރުން ހިމެނޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ސަގާފަތުގައި ހިމެނޭ އަންހެނުންނަށް ގެއްލުންވާ ފަދަ ކަންތައްތައް ނައްތާލަން ވެސް މި ސަރުކާރުން އެބަ މަސައްކަތްކުރަން،" ފައިސަލް ވިދާޅުވި އެވެ.
އަންހެނުންނަށް ކުރާ އަނިޔާ އަކީ ވަކި ގައުމަކަށް އޮތް މައްސަލައެއް ނޫން ކަމަށާއި އަދި މި އަނިޔާ ނައްތާލަން މަސައްކަތްކުރަން ޖެހޭނީ ހުރިހާ ގައުމެއް ގުޅިގެން ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
އަންހެނުންނަށް ކުރާ އަނިޔާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ނޮވެމްބަރު 25 އެވެ. މި ދުވަހާ އެކު "ސިކްސްޓީން ޑޭސް އޮފް އެކްޓިވިޒަމް" ފަށައި، އެކި ކަންތައްތަކާ ދެކޮޅަށް މަސައްކަތްކުރާ ހާއްސަ ކެމްޕެއިނެއް ހިންގަ އެވެ. މި ކެމްޕެއިން ނިންމާލާނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު 10 ވަނަ ދުވަހު، ދުނިޔޭގެ އިންސާނީ ހައްގުތަކާ ގުޅޭ ދުވަހު އެވެ.