25 ނޮވެމްބަރ 2020 - 19:45

ކޮވިޑް-19 ގެ ސަބަބުން މާލެއިން ރަށްރަށަށް ގޮސް ތިބި ދަރިވަރުން ކިޔަވަން ބޭނުންވާ ސްކޫލެއް އަންގަން އެދިއްޖެ އެވެ.
މާލޭގެ ސްކޫލުތަކުން، ބެލެނިވެރިންނަށް ފޮނުވި މެސެޖުގައި ބުނީ ދަރިވަރުން ކިޔަވަން ބޭނުންވާ ސްކޫލެއް މި އަހަރު ނިމުމުގެ ކުރިން އެ ސްކޫލަކަށް ހުށަހަޅަން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އެގޮތަށް އަމަލުނުކޮށްފި ނަމަ އެ ދަރިވަރަކު މި ވަގުތު ހުރި ސްކޫލެއްގައި ދާއިމީވާނެ ކަމަށް ވެސް ބުނެފައި ވެ އެވެ.
ކޮވިޑްގެ ސަބަބުން ވަޒީފާ ގެއްލި، މާލީގޮތުން ކުރިމަތި ގޮންޖެހުންތަކާ އެކު އެތައް ބަޔަކު ވަނީ މާލެ ދޫކޮށް ރަށްރަށަށް ބަދަލުވެފަ އެވެ. އޭގެ ތެރޭގައި ވަގުތީ ގޮތުން ބަދަލުވި މީހުން ވެސް ހިމެނެ އެވެ.
އެގޮތަށް ރަށަށް ބަދަލުވެފައިވާ ދަރިވަރުންނަށް މިނިސްޓްރީން ލުއިތަކެއް ވެސް ދީފައިވެ އެވެ. މާލޭގައި ރަޖިސްޓްރީވެފައިވާ ސްކޫލުގެ އޮންލައިން ކްލާސްތަކުގައި ބައިވެރިވަމުން، އެ ދަރިވަރުން މި ވަގުތު ހުރި ރަށުގެ ސްކޫލަށް ހާޒިރުވެގެން ކިޔެވޭނެ ފުރުސަތު ވަނީ ދީފަ އެވެ.
އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު މި އަހަރުގެ ފުރަތަމަ ޓާމު ނިމޭނެ އެވެ. އެއް މަހުގެ ބަންދަކަށްފަހު ޖެނުއަރީ 10، 2021 ގައި މި އަހަރުގެ ދެ ވަނަ ޓާމު ފަށާނެ އެވެ. ދިރާސީ އާ އަހަރު ފަށަން ހަމަޖައްސައިފައި ވަނީ އޮގަސްޓް 10، 2021 ގަ އެވެ.