25 ނޮވެމްބަރ 2020 - 10:47

އިނިގރޭސި ވިލާތަށް ދަތުރުކުރާ މީހުން ކޮވިޑް-19 އާ ގުޅިގެން ކަރަންޓީނު ވާން ޖެހޭ މުއްދަތު ފަސް ދުވަހަށް މަދުކުރަން ނިންމައިފި އެވެ.
އެހެން ގައުމުތަކެކޭ އެއްގޮތަށް އިނގިރޭސި ވިލާތުގައި ވެސް "ލުއި ލިސްޓު" ގައި ނުހިމެނޭ ގައުމުތަކުގެ މީހުން ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް ކަރަންޓީނު ވަމުން އައީ 14 ދުވަހަށެވެ. ނަމަވެސް އަންނަ މަހުގެ 15 އިން ފެށިގެން އެ ގައުމަށް ދާ މީހުން ކަރަންޓީނުގައި ތިބެން ޖެހޭނީ ފަސް ދުވަހަށް ކަމަށް މިހާރު ވަނީ ކަނޑައަޅައިފަ އެވެ.
މިއީ އިނގިރޭސި ވިލާތުގެ "ލުއި ލިސްޓު" ގައި ނުހިމެނޭ ގައުމުތަކުން އެ ގައުމަށް ދާ މީހުންނަށް ލުޔެއް ދިނުމަށް ގެނައި ބަދަލެކެވެ. މި ބަދަލު ގެނައި ނަމަވެސް "ލުއި ލިސްޓު" ގައި ހިމެނޭ ގައުމުތަކުން އިނގިރޭސި ވިލާތަށް ދާ މީހުން ކުރިއެކޭ އެއްގޮތަށް ކަރަންޓީނު ވާކަށް ނުޖެހޭނެ އެވެ. އެ "ލުއި ލިސްޓު" ގައި ރާއްޖެ ވެސް ހިމެނެ އެވެ.
އިނގިރޭސި ވިލާތުން ކަރަންޓީނަށް ދޭ ލުޔާއެކު، އެ ގައުމުން އެހެން ގައުމުތަކަށް ދާ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އިނގިރޭސި ވިލާތުގެ ޓްރާންސްޕޯޓް ސެކްރެޓަރީ ގްރާންޓް ޝެޕްސް ވިދާޅުވީ، މި ލުޔަކީ އެ ގައުމުގެ ދަތުރުފަތުރުގެ ސިނާއަތު އަލުން އިޔާދަ ކުރުމަށް އެހީވުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ.
އިނގިރޭސި ވިލާތުގެ "ލުއި ލިސްޓު" ގައި ރާއްޖެ ހިމެނުމުން އެ ގައުމުން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ކޮވިޑް-19 އާ ގުޅިގެން ބަންދު ކޮށްފައި އޮތް ރާއްޖޭގެ ބޯޑަރު އަލުން ހުޅުވި ފަހުން މިހާތަނަށް ތިންވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިނގިރޭސި ވިލާތުންނެވެ. އެއީ 4،745 ޓޫރިސްޓުންނެވެ.