ކަރަންޓީން 14: މިއީ ކިހިނެއް ކަނޑައަޅާ މުއްދަތެއް؟
ކަރަންޓީން 14: މިއީ ކިހިނެއް ކަނޑައަޅާ މުއްދަތެއް؟

ކޮވިޑް-19 ފެތުރިފައިވާ ރަށަކުން ނުވަތަ އެ ބަލި ފެތިރިފައިވާ ގައުމަކުން ޓޫރިސްޓުން އަންނަ ރަށެއްގައި އުޅޭ މީހުން އެހެން ރަށްރަށަށް ދިއުމުން ދެ ހަފުތާގެ މުއްދަތަށް ކަރަންޓީނުވާން ޖެހުމަކީ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ. އަހަރެމެންނަށް ބޮޑު ޗުއްޓީ ކުރިމަތިވި އިރު ވެސް މި ހާލެއްގައި އުޅެން ޖެހެމުން ޝަކުވާ ވަރަށް ބޮޑެވެ. އެ ޝަކުވާގެ އެއް ސުވާލަކީ ހަމަ 14 ދުވަހު ކޮންމެހެން ކަރަންޓީނުގައި ހުންނަން ޖެހޭ ހެއްޔޭ އެވެ.

ބައްޔެއް ފެތުރިފައިވާ ތަނަކުން، އެ ބަލި ނެތް ތަނަކަށް ދާ ނަމަ ކަރަންޓީނުވުމަކީ އެތައް ޒަމާނެއް ކުރިން ފެށިގެން ވެސް ދުނިޔޭގައި ކުރަމުން އަންނަ ކަމެކެވެ. ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް މުޅި ދުނިޔެ އަށް ފެތުރިގަތުމުން މި ކަރަންޓީނު މުޅި ދުނިޔެ އަށް ވެސް އާންމުވީ އެވެ. މިއީ އާ ބައްޔަކަށް ވުމުން، ބައްޔާއި ބަލީގެ ވައިރަހާ ބެހޭ ގޮތުން އެނގެމުން ދިޔަ ވަރަކަށް މި ބައްޔާ ގުޅިގެން އަމަލުކުރަންޖެހޭ ގޮތަށް އަދިވެސް ބަދަލު އަންނާނެ އެވެ.

އެކަމަކު މިއީ ކޮން 14 ދުވަހެއް ހެއްޔެވެ؟

މިއީ މި ސުވާލަށް ޔުނިވާސިޓީ އޮފް ނޯތު ކެރޮލައިނާގެ ގިލިންސް ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ވައިރޮލޮޖިސްޓް ރޭޗެލް ގްރަހަމް ދެއްވާފައިވާ ޖަވާބެވެ.

ކަރަންޓީނުވާން ޖެހޭ މުއްދަތު ގުޅިފައިވަނީ ވައިރަހެއް ހަށިގަނޑުގެ ސެލްތަކަށް ވަދެ ވައިރަސް އާލާވާން ފެށުމަށް ނަގާ މުއްދަތަށެވެ. ހަށިގަނޑަށް ވައިރަހެއް ވަނުމުން އެ މީހަކީ ވައިރަސްގެ "ހޮސްޓް" އެވެ. ވައިރަސް ދިރިހުރުމަށް ހޮސްޓެއް ބޭނުންވެ އެވެ. އަދި އެ ހޮސްޓުގެ ތެރޭގައި ވައިރަސްތައް. އާލާކޮށް ގިނަކުރުމަށް ފަހު އެހެން ހޮސްޓަކަށް އެ ވައިރަސް ފަތުރަ އެވެ. އެއް ހޮސްޓުން އަނެއް ހޮސްޓަށް ނުވަތަ އެކެއްގެ ފަރާތުން އަނެކަކަށް ވައިރަސް ފޯރާނީ ވައިރަސް އަރާފައި ހުރި މީހެއްގެ ހަށިގަނޑުގައި އެކަމަށް ބޭނުންވާ ވަކި މިންވަރަކަށް ވައިރަސް ގިނަކުރެވުމުންނެވެ. މިކަން ކުރުމަށް ވައިރަސް ހަށިގަނޑުގެ ސެލްތަކަށް ފެތުރިގަނެ އެވެ. ވަކި މިންވަރަކަށް ވައިރަސް ގިނަވުމުން، ވައިރަސް ހުރި މީހާ ކެއްސައި ކިނބިހިއެޅުން ފަދަ ކަންކަން ކުރާއިރު އޭގައި ވެސް ވައިރަސް ހުންނާނެ އެވެ. އާ ހޮސްޓަކަށް ވައިރަސް ފޯރާނީ މި ޒަރިއްޔާތަކުންނެވެ. "އިންކިއުބޭޝަން ޕީރިއަޑް" އޭ ކިޔަނީ ހަށިގަނޑަށް ވައިރަސް ވަދެ އާލާވެ، އެހެން މީހުންނަށް ވައިރަސް ފޯރާ ވަރަށް ވައިރަސް ގިނަވާން ނަގާ މުއްދަތަށެވެ.

"ވައިރަސްގެ ބާވަތުން އަދި ވައިރަސްގެ ހޮސްޓުގެ ގޮތުން އިންކިއުބޭޝަން މުއްދަތު ތަފާތުވެދާނެ،" ރޭޗެލް ވިދާޅުވެފައިވެ އެވެ.

ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަހުގެ އާންމު އިންކިއުބޭޝަން މުއްދަތަކީ ގާތްގަނޑަކަށް ފަސް ދުވަހެވެ. މި ވައިރަސް އިންފެކްޓުވާ މީހުންގެ 97 ޕަސެންޓް މީހުންގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ 11-12 ދުވަސް ތެރޭގަ އެވެ. އަދި 99 ޕަސެންޓަކީ 14 ދުވަސް ތެރޭގައި ބަލީގެ އަލާމާތް ފެންނަން ފަށާ މީހުންނެވެ.

އެހެންވެ، ކޮވިޑް-19 ކޮންޓްރޯލްކުރުމުގައި މި ކަނޑައަޅާ 14 ދުވަހުގެ ކަރަންޓީނު މުއްދަތަކީ ވީހާވެސް ޔަގީންކަން ބޮޑުކުރުމަށް "ސޭފްޓީ މާޖިން" އެއް ވެސް ލާފައި ކަނޑައަޅާފައި އޮންނަ މުއްދަތެކެވެ. މި ކަރަންޓީނު މުއްދަތު އެކި ގައުމުތަކުގައި އަދި އެކި ހާލަތްތަކުގައި އިތުރުވުމާއި ކުރުވުން ބިނާވަނީ ބަލި ފެތުރުމުގެ ރިސްކު އޮތް މިންވަރާއި ގައުމެއްގެ ހާލަތާ ގުޅޭ ގޮތުން އެ ގައުމެއްގެ ސިއްހީ އިދާރާތަކުގެ ނިންމުންތަކަށެވެ.