ރަޝިޔާގެ ވެކްސިން ވެސް 95 ޕަސެންޓް ކާމިޔާބު
ރަޝިޔާގެ ވެކްސިން ވެސް 95 ޕަސެންޓް ކާމިޔާބު

މޮސްކޯ (ނޮވެމްބަރު 25) - ކޮރޯނާވައިރަހަށް ރަޝިޔާ އިން އުފެއްދި ސްޕުޓްނިކް-ވީ އިން 95 ޕަސެންޓް ރައްކާތެރިކަން ލިބޭ ކަމަށް އެ ގައުމުން ބުނެފި އެވެ.

ރަޝިޔާ އިން ބުނީ ކޮރޯނާވައިރަހަށް އެހެން ކުންފުނިތަކުން އުފެއްދި ވެކްސިނަށް ވުރެ ސްޕުޓްނިކް-ވީ އަކީ އަގު ހެޔޮ އަދި އެއްތަނުން އަނެއް ތަނަށް ގެންދިއުމުގައި މާބޮޑަށް ވެސް ފަސޭހަވާނެ ވެކްސިނެއް ކަމަށެވެ.

ރަޝިޔާގެ ވެކްސިންގެ ކާމިޔާބުކަން އިއުލާންކުރި އިރު ކޮރޯނާވައިރަހަށް ވެކްސިން އުފައްދާ އެމެރިކާގެ ފައިޒާ އަދި މޮޑާނާގެ އިތުރުން އިނގިރޭސި ވިލާތުގެ އޮކްސްފޯޑުގެ ވެކްސިން އިން ރައްކާތެރިކަން ލިބޭ މިންވަރު އުޅެނީ 90 ޕަސެންޓުން މަތީގަ އެވެ.

ކޮރޯނާވައިރަހަށް ވެކްސިނެއް އެންމެ ފުރަތަމަ އުފެއްދި ގައުމަކީ ރަޝިޔާ އެވެ. އޮގަސްޓް މަހު ރަޝިޔާގެ ވެކްސިން އިއުލާންކޮށްފައި ވަނީ އެންމެ ފަހުގެ ކްލިނިކަލް ޓްރަޔަލްތަކުގެ ކުރިންނެވެ.

ރަޝިޔާގެ ވެކްސިން އުފެއްދި ފަރާތުން އަންގާރަ ދުވަހު ބުނެފައި ވަނީ އެތައް ހާސް ވޮލަންޓިއަރުން ބޭނުންކޮށްގެން ކުރި އަޖުމަ ބެލުމުގެ ޓެސްޓުތަކުގެ ޑޭޓާ އިން އެނގޭ ގޮތުގައި ދެ ވަނަ ޑޯޒަށް ފަހު ސްޕުޓްނިކް-ވީ އިން ކޮރޯނާވައިރަހުން 95 ޕަސެންޓް ރައްކާތެރިކަން ލިބޭ ކަމަށެވެ.

ރަޝިޔާގެ ހެލްތު މިނިސްޓްރީ އާއި ވެކްސިން އުފެއްދި ގަމަލެޔާ ރިސާޗް ސެންޓަރު އަދި ރަޝިޔާ ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑުން ބުނެފައި ވަނީ އިތުރު ތަހުލީލުތަކަށް ފަހު، ސްޕުޓްނިކް-ވީ އިން ރައްކާތެރިކަން ލިބޭ މިންވަރު އަދިވެސް މަތިވާނެ ކަމަށެވެ.

ރަޝިޔާ އިން ބުނެފައި ވަނީ ސްޕުޓްނިކް-ވީ ވެކްސިން އެ ގައުމުގެ ރައްޔިތުންނަށް ފޯރުކޮށްދޭނީ ހިލޭ ކަމަށެވެ. ނަމަވެސް ބައިނަލްއަގުވާމީ ބާޒާރަށް ދެ ޑޯޒްގެ ވެކްސިން ވިއްކާނީ ޑޯޒެއް 10 ޑޮލަރަށް ވުރެ ހެޔޮކޮށް ކަމަށް ބުނެފައިވެ އެވެ. ރަޝިޔާގެ ވެކްސިން 2-8 ޑިގްރީ ސެލްސިއަސްއާ ދެމެދު ސްޓޯކޮށްފައި ބެހެއްޓެ އެވެ.

އެމެރިކާގެ ފައިޒާ އާއި ބަޔޯއެންޓެކް ގުޅިގެން އުފެއްދި ވެކްސިން 95 ޕަސެންޓް ކާމިޔާބު ކަމަށް ވަނީ ބުނެފަ އެވެ. އަދި އެމެެރިކާގެ މޮޑާނާ ކުންފުނީގެ ވެކްސިން 94.5 ޕަސެންޓް ކާމިޔާބު ކަމަށް ވެސް ވަނީ ބުނެފަ އެވެ.