02 ނޮވެމްބަރ 2016 - 23:25

މިހާރު އަދުއްވުން ކުރިމަތިލާނީ ކަނޑި އާއި ބަޑި ހިފައިގެން ނޫން ކަމަށާއި ރީތި އެކި ނަން ކިޔާ ޖަމިއްޔާތަކުގެ ނަމުގައި ކަމަށް ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެ އެވެ.

މީގެ 28 އަހަރު ކުރިން، ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލައިން ލިބުނު ނަސްރު ފާހަގަކުރަން ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ޝިޔާމް ވިދާޅުވީ ބޭރުގެ އަދުއްވުން ކިބައިން ރާއްޖެ ސަލާމަތް ކުރުމަށް މީގެ އެތަކެއް އަހަރު ކުރިން އަލިރަސްގެފާނާ އެކު ހަނގުރާމައަށް ނިކުތް ބައެއް ދިވެހިން ވަކި ހިސާބަކުން ފިލާ ރައްކާވި ކަމަށާއި "މީދޫތަކުރު" ފަދަ އަމިއްލަ އެދުމުން ފޯވެފައިވާ ޚާއިނުން އަދިވެސް ތިބޭނެ ކަމަށެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި އަލި ރަސްގެފާނުގެ ޒަމާނާއި މި ގައުމުގެ މިހާރުގެ މަސްރަހާ މާ ބޮޑު ތަފާތެއް ނެތެވެ. އެކަމަކު ދެން އަދުއްވުން ކުރިމަތިލާނީ ކަނޑި އާއި ބަޑި ހިފައިގެން ނޫން ކަމަށާއި ރީތި އެކި ނަން ކިޔާ ޖަމިއްޔާތަކުގެ ނަމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ފަދަ މީހުންގެ ބަހަށް ހެއްލިގެން ގައުމު ވައްޓައިލައިފި ނަމަ ދެން އަންނަން އޮތް ޖީލު އަޅުގަނޑުމެންނަށް ދުވަހަކު ވެސް މާފެއް ނުކުރާނެ. އެހެންވެ، މީހުން ދައްކާ ދަޅައަކަށް ހެއްލޭ ބަޔަކަށް ދިވެހި ސިފައިން ވެގެން ނުވާނެ. އެއަށް ވުރެ ސާބިތުވާން ޖެހޭނެ،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ތަމްރީނާއި ތައުލީމު ލިބިފައިވާ (ސިފައިންގެ ތެރޭން) ވަރުގަދަ މީހުން، މި ފަދަ ދަލުތަކުގައި ޖެހިގެން ދިޔަ މަންޒަރު ވަރަށް ފަހުން ވަނީ ފެނިފަ އެވެ. އެކަމަކު މިއީ އިރުކޮޅުކޮޅާ ފެންނަން ޖެހޭ މަންޒަރެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ ގައުމުގައި މިހާރު ކަންކަން ދިމާވަމުން އަންނަ ގޮތުން، ކޮންމެ ބަޔަކު ކޮންމެ ކަމެއް ކުރި ނަމަވެސް އެކަން ސިފައިންނަށް އަމާޒުވާ ކަމަށާއި ސިފައިންގެ ތެރެ ހަލަބޮލިކޮށް، ފިތުނަ އުފެއްދުމަށް ބައެއް މީހުން ކަނޑަނޭޅި މަސައްކަތް ކުރަމުން ދާ ކަމަށެވެ. އެކަމަކު ޔުނީފޯމު އަޅައިގެން، ރެއާއި ދުވާލު ގައުމަށްޓަކައި މަަސައްކަތްކުރާ ސިފައިންނަކީ، މީހަކު އެއްޗެއް ދައްކާލާއިރަށް ހެއްލިގެންދާ ބަޔަކަށް ވެއްޖެ ނަމަ ގައުމު ވަރަށް ނިކަމެތި ވެދާނެ ކަމަށް ވިދާޅުވި އެވެ.

"އެހެންވެ، ހުރިހާ ލެވެލްގެ ކޮމާންޑަރުންނަށް އަޅުގަނޑު ގޮވާލަން، ލިބިފައިވާ ތަމްރީނާއި ތައުލީމުގެ ބޭނުން ހިފައި، ތެދުވެރި ބަޔަކަށް ވުމަށް. އަދި އެ ބޭފުޅުންގެ ދަށުގައި މަސައްކަތް ކުރާ ސިފައިންނަކީ ވެސް ހޭއަރާ ތިބޭ ބަޔަކަށް ވާން ޖެހޭ،" ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދިވެހި އަސްކަރިއްޔާގެ ތެރޭގައި ދުނިޔޭގެ މަތީ ފެންވަރުގެ ތައުލީމާއި ތަމްރީނު ލިބިފައިވާ ސިފައިން ގިނަ އެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސިފައިން ގާއިމުކޮށް ރާއްޖޭގެ ދިފާއީ ނިޒާމު ވަނީ ވަރަށް ގަދަކޮށްފަ އެވެ. އަދި ނޮވެމްބަރު ތިނެއްގެ ހާދިސާ ފަދަ ކަމެއް ދެން ކުރިމަތިވެއްޖެ ނަމަ، ﷲގެ އިރާދަފުޅާ އެކު "މިއީ ކިހާވަރެއްގެ ބައެއްކަން، ދިމާކުރާ ބަޔަކަށް އަންގައިދޭނެ" ކަމަށް ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަސްކަރީ ހުނަރުގެ ގޮތުން ފާހަގަކޮށްލެވޭ ދުނިޔޭގެ ބޮޑެތި ގައުމުތަކާ އެއްހަމައެއްގައި ދިވެހި ސިފައިންނަށް މިހާރު ފައިތިލަ ސާބިތު ކުރެވޭނެ ކަމަށެވެ.