ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބީއެމްއެލުން އިލެކްޓްރިކް ވީލްޗެއާ ހަދިޔާކޮށްފި
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބީއެމްއެލުން އިލެކްޓްރިކް ވީލްޗެއާ ހަދިޔާކޮށްފި

ހިނގާބިގާވެ އުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ 65 މީހަކަށް ބީއެމްއެލްއިން އިލެކްޓްރިކް ވީލް ޗެއާ ހަދިޔާ ކުރަން ނިންމައިފި އެވެ.

މިއީ 2017 ވަނަ އަހަރުން ފެށިގެން ބޭންކުން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 100 އަށްވުރެ ގިނަ ވީލްޗެއާ ވަނީ ހަދިޔާކޮށްފަ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މި ޕްރޮގްރާމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދެވުމަކީ ބޭންކަށް ލިބޭ އުފަލެއް ކަމަށެވެ. އަދި އެ ބޭންކުގެ އުއްމީދަކީ ވީހާ ވެސް ގިނަ މީހުންނަށް ވީލްޗެއާ ހަދިޔާކޮށް، އާއްމު ދިރިއުޅުމުގައި އަމިއްލަ އަށް ކަންކަން ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިފަދަ ހާއްސަ މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކުރެވި، އެތަކެއް އާންމު ފަރުދުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށް އެހީތެރިވެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. އަަޅުގަނޑުމެންގެ އަމާޒަކީ ވީހާ ވެސް ގިނަ ފަރުދުންނަށް ވީލްޗެއާ ހަދިޔާކޮށް، އެ މީހުންގެ އާންމު ދިރިއުޅުމުގެ ކަންކަން ފުރިހަމަ ކުރުމަށް ފުރުސަތު ހޯދައިދިނުން،" ޓިމް ވިދާޅުވި އެވެ.

ބޭންކުގެ އަމާޒަކީ މި އަހަރު ތެރޭގައި 39 ރަށަކަށް 65 ވީލް ޗެއާ ހަދިޔާކުރުމެވެ.