ގެއްލުނު އަނގޮޓި ހޯދައިދިނީ ނުވެސް ދަންނަ މީހަކު
ގެއްލުނު އަނގޮޓި ހޯދައިދިނީ ނުވެސް ދަންނަ މީހަކު

އުމުރުން 93 އަހަރުގެ މީހެއްގެ އިނގިލީގައި އޮތް ކައިވެނީގެ އަނގޮޓި 71 އަހަރު ފަހުން ގެއްލި އެކަމުގެ ހިތާމާގައި ހުއްޓާ ނުވެސް ދަންނަ މީހަކު އެ ހޯދައިދީފި އެވެ.

ރޯޑްސް އައިލެންޑްގެ ވެސްޓަލީގައި ދިރިއުޅޭ ޖޭމްސް ކްރައުލީގެ އަނގޮޓި ގެއްލުނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އޭނާ ކިޔައިދިން ގޮތުގައި އަނގޮޓި ގެއްލުނީ ގޭގެ ގޯތިތެރެ ސާފުކުރަން އުޅުމުގެ ތެރޭގައި، އަތަށް ލެއްވި އަންގިއެއް ނެގުމުގެ ތެރޭގައި ކަމަށް ބެލެވެ އެވެ.

"އަނގޮޓި ނެތްކަން އެނގުނީ ރޭގަނޑު. ދެން ބޭރަށް ނުކުމެ ހޯދި ނަމަވެސް އަނދިރިކަމުން އެ ފެންނަ ގޮތެއް ނުވި. ވަރަށް ކަންބޮޑުވި. ވަރަށް ދެރަވި. ސަބަބަކީ އެ އަނގޮޓި އަކީ އަހަރެންގެ އަތުގައި އޮތް އަންހެނުންގެ އެންމެ ހާއްސަ ހަނދާނަށްވުން،" ހަ އަހަރު ކުރިން އަންހެނުން މަރުވެފައިވާ ޖޭމްސް ބުންޏެވެ. "ދެން އަނެއް ދުވަހު ހެނދުނު ގޯތިތެރެއަށް ނުކުމެ ހޯދައި ހޯދައި ވެސް ނުފެނުނު."

އަމިއްލަ އަށް ހޯދަން އުޅެގެން އަނގޮޓި ނުފެނުމުން ދެން އެ ވާހަކަ ބުނީ ނަރުހެއްގެ ގޮތުގައި މަސައްކަތްކުރާ އަންހެން ދަރިފުޅު ޑިއެޑްރީ މިގްއެލް ގާތުގަ އެވެ.

އޭނާ ކިޔައިދިން ގޮތުގައި މަންމަގެ ހާއްސަ ހަނދާނެއްގެ ގޮތުގައި އޮތް އަނގޮޓި ގެއްލުމަކީ ބައްޕަ އަށް ކިހާ ހިތްދަތިވާނެ ކަމެއްކަން އިހުސާސްކުރެވެ އެވެ. އެހެންވެ އެ ހޯދާނެ ގޮތަކާ ދޭތެރޭ ފިކުރު ކުރަމުން ދަނިކޮށް މެޓަލް ޑިޓެކްޓަރެއް ހިޔާލަށް އައުމުން އެ ވާހަކަ ވެސްޓަލީގެ ފޭސްބުކް ގްރޫޕްގައި ލިޔުނެވެ.

އެއާ އެކު އެ ޕޯސްޓް ފެނިގެން ރަޔަން ލެޑްބެޓާ ކިޔާ މީހަކު ޑިޓެކްޓަރެއް އޮތް ވާހަކަ އާއި އެހީވެދޭން ތައްޔާރަށް ހުރި ކަމަށް ބުންޏެވެ. އަދި ޖެހިގެން އައި ދުވަހު އޭނާ ޖޭމްސްގެ ގެއަށް ގޮސް އެ ދެ މީހުންވެގެން ކުރި މަސައްކަތުން އެކަން ކާމިޔާބުކުރި އެވެ.

"އެއީ އުފަލުން ގޮސް ފެންކަޅިވި ވަގުތެއް. މިއީ މި އަހަރު އަހަރެން އެންމެ އުފާވި ކަންތައް،" ޖޭމްސް ބުންޏެވެ.

އަނގޮޓި ހޯދައިދިނުމުން ޖޭމްސް އާއި ޑިއަޑްރީ ވަނީ ރަޔަން އަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކޮށްފަ އެވެ. ޑިއަޑްރީ ބުނި ގޮތުގައި އަނގޮޓި ގެއްލިގެން ބައްޕަގެ މޫނުމައްޗަށް ވެރިވި ހިތްދަތިކަން އަނގޮޓި ފެނުމުން ފިލައިގެން ދިއުމުން ލިބުނު ހިތްހަޖެހުން ވަރަށް ބޮޑެވެ.