24 ނޮވެމްބަރ 2020 - 18:03

ހޯމް ކަރަންޓީނުގައި ހުރި ށ. ފޯކައިދޫ އަންހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި އިރު، އޭނާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ތެރޭގައި 15 މީހަކު ހިމެނޭ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު "މިހާރު" އަށް ވިދާޅުވީ، ފޯކައިދޫން ކޮވިޑަށް ޕޮޒިޓިވްވީ އުމުރުން 21 އަހަރުގެ އަންހެނަކު ކަމަށެވެ. އޭނާގެ ޓެސްޓުގެ ނަތީޖާ ލިބުނީ އިއްޔެ އެވެ. އޭނާ ކަރަންޓީނުގައި ހުރި ދުވަސްވަރު ރަށްޓެހިންނަށާއި އާއިލާގެ މީހުންނާ ވެސް ބައްދަލުވި ކަމަށް ބުނި ކަމަށް ވެ އެވެ.
"އެ އެންމެން ވެސް މިހާރު ވާނީ ކަރަންޓީން ކޮށްފައި،" ރާޝިދު ވިދާޅުވި އެވެ.
އެ އަންހެންމީހާއާ ހަވާލާދީ، ރާޝިދު ވިދާޅުވީ ގޭގައި ކަރަންޓީން ވެގެން ހުރި ދެ ހަފުތާގައި ހަ އެކުވެރިއަކު އެ ގެށް ދިޔަ ކަމަށެވެ. އެ މީހާ ކަރަންޓީނުގައި މަޑުކުރީ އާއިލާއާ އެއް ގެއެއްގައި ކަމަށާއި އެ ގޭގައި އިތުރު އަށް މީހުން ދިރިއުޅުނު ކަމަށެވެ.
"އެ އަންހެން ކުއްޖާގެ މަންމަ ބުނި އަންގާފައިވާ ގޮތަކަށް ނޫނޭ ކަންތައް ކުރެވުނީ، އެ އަށް ވުރެ ގާތްކޮށޭ އުޅެވުނީ،" ރާޝިދު ވިދާޅުވި އެވެ.
އެ އަންހެންމީހާ ފޯކައިދު އަށް ދިޔައީ މީގެ 15 ދުވަސް ކުރިން ކަމަށާއި ކަރަންޓީން ފެށުމުގެ ކުރިން އެ ގެ އަކީ ކަރަންޓީނުގައި މީހަކު ބެހެއްޓޭނެ ވަރުގެ ތަނެއް ތޯ ޗެކް ކުރި ކަމަށް ވެސް ވިދާޅުވި އެވެ.
"ކައުންސިލުންނާއި ޓާސްކް ފޯހުން ކުރަންޖެހޭ ކަންތައްތައް އަޅުގަނޑުމެން ކުރިން. އެކަމަކު އުސޫލާ އެއްގޮތަށް އަމަލު ނުކުރާ ނަމަ ވާނީ މިހެން،" ރާޝިދު ވިދާޅުވި އެވެ.
ކަރަންޓީނުގައި ތިބޭ މީހުން ގޭގައި މަޑުކުރޭތޯ ބަލަން ފަށާނެ ކަމަށް ވެސް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ މިދިޔަ އާދިއްތަ ދުވަހު ބުނެފަ އެވެ. މި ކަމަށް ޓެސްޓު ކުރާނީ ރެންޑަމްކޮށް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މާލޭގެ އިތުރުން 14 ރަށެއްގަ އާއި 32 ރިސޯޓެއްގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުން މި ވަގުތު އެބަ ތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރޭ ބުންޏެވެ.