24 ނޮވެމްބަރ 2020 - 10:47

ވޮޝިންޓަން (ނޮވެމްބަރު 24) - އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑަންއާ ވެރިކަން ހަވާލުކުރުމުގެ މަރުހަލާތައް ރަސްމީކޮށް ކުރިއަށް ގެންދިއުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އެއްބަސްވެވަޑައިގެންފި އެވެ.
ޓްރަމްޕް ވިދާޅުވީ ވެރިކަން ހަވާލު ކުރުމުގެ މަސްއޫލިއްޔަތު އަދާކުރަން ޖެހޭ ސަރުކާރުގެ އެޖެންސީން ކުރަންޖެހޭ ކަންކަން ކުރަން ޖެހޭނެ ކަމަށެވެ.
ވެރިކަން ހަވާލު ކުރުމުގެ މަރުހަލާތައް ފަށަން ޓްރަމްޕް އެއްބަސްވެވަޑައިގެންނެވި ނަމަވެސް އިންތިޚާބުން ބަލިވި ކަމަށް ގަބޫލް ކުރައްވަން އަދިވެސް ދެކޮޅެވެ.
އެމެރިކާގައި އިންތިޚާބު ކާމިޔާބު ކުރާ ފަރާތަކަށް ވެރިކަން ހަވާލު ކުރުމުގެ ކަންކަން ކުރިއަށް ގެންދާ ރަސްމީ އެޖެންސީއަކީ ޖެނެރަލް ސާވިސަސް އެޑްމިނިސްޓްރޭޝަން (ޖީއެސްއޭ) އެވެ. އެ އެޖެންސީން މި ހުރިހާ ދުވަހު ބުނަމުން ދިޔައީ އިންތިޚާބުން މޮޅުވި ކެންޑިޑޭޓެއް ޔަގީން ނުވާ ކަމަށެވެ. ނަމަވެސް މިހާރު ވަނީ "ކާމިޔާބު" ހޯދީ ބައިޑަން ކަމަށް އެއްބަސްވެފަ އެވެ. ޖީއެސްއޭ އަށް ޓްރަމްޕް އައްޔަން ކުރެއްވި އެޑްމިނިސްޓްރޭޓަ އެމިލީ މާފީ ވިދާޅުވީ ވެރިކަން ބަދަލު ކުރުމުގެ އެކި މަރުހަލާތަކުގައި ހިނގާނެ ޚަރަދުތަކަށް 6.3 މިލިއަން ޑޮލަރު ހަމަޖައްސައިދޭނެ ކަމަށެވެ.
އެމިލީ ވިދާޅުވީ ވެރިކަން ހަވާލު ކުރުމުގެ ކަންކަމަށް މަޑުޖެހުމެއް ގެނައީ ވައިޓް ހައުސް އިން ޕްރެޝަރުކޮށްގެން ނޫން ކަމަށެވެ.
ވެރިކަން ބަދަލު ކުރުމުގެ ކަންކަމަށް ޓްރަމްޕް ވެސް އެއްބަސްވެވަޑައިގެން އަދި ޖީއެސްއޭ އިން ވެސް އެކަމަށް ރުހުން ދީފައި މި ވަނީ މިޝިގަންގެ ވޯޓު ކާމިޔާބުކުރީ ބައިޑަން ކަމަށް ރަސްމީކޮށް ސެޓިފައި ކުރުމާ ގުޅިގެންނެވެ. މިޝިގަންގެ 16 އިލެކްޓޯރަލް ކޮލެޖް ވޯޓު ގެއްލުމަކީ ނަތީޖާ އަނބުރާލެވޭތޯ ޓްރަމްޕް ކުރައްވަމުން ގެންދެވި މަސައްކަތަށް ލިބުނު ބޮޑު ނާކާމިޔާބީއެކެވެ. މިޝިގަން އިން ބައިޑަން ވަނީ 150،000 ވޯޓުން ކުރި ހޯއްދަވައިފަ އެވެ.
ޖީއެސްއޭގެ ބަޔާނަށް ފަހު ޕެންޓަގަނުން ބުނެފައި ވަނީ ބައިޑަން އަށް ހުރިހާ ގޮތުން ވެސް އެއްބާރުލުން ދޭނެ ކަމަށެވެ.
ވެރިކަން ހަވާލު ކުރަން ޓްރަމްޕް އެންމެ ފަހުން އެއްބަސްވެވަޑައިގެންނެވުމުން ބައިޑަންގެ ޑިމޮކްރެޓިކް ޕާޓީން ވަނީ އެކަމަށް މަރުހަބާ ކިޔައިފަ އެވެ. ބަލި ގަބޫލް ކުރައްވަން ޓްރަމްޕް ދެކޮޅު ހެއްދެވި ނަމަވެސް ޖެނުއަރީ 20 ގައި ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ސަރުކާރުގެ އިސް މަގާމުތަކަށް މީހުން ހަމަޖެއްސުމުގެ މަސައްކަތް ބައިޑަން ވަނީ ފައްޓަވައިފަ އެވެ.