އިންގްލެންޑުގައި ސަޕޯޓަރުން ދަނޑަށް ވައްދަން ފަށަނީ
އިންގްލެންޑުގައި ސަޕޯޓަރުން ދަނޑަށް ވައްދަން ފަށަނީ

ލަންޑަން (ނޮވެމްބަރު 24) - އިންގްލެންޑުގެ ލޮކްޑައުން މުއްދަތު ޑިސެމްބަރު 2 އަށް ހަމަވުމުން އެކަށީގެންވާ އަދަދަކަށް އިނގިރޭސި ދަނޑުތަކަށް ސަޕޯޓަރުން ހުއްދަދޭނެކަން އެ ގައުމުގެ ސަރުކާރުން އިއުލާންކޮށްފި އެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ރޭ އިއުލާނުކުރެއްވި ގޮތުގައި ލޮކްޑައުން އަށް ފަހު ތިން ކެޓަގަރީ އަކަށް ބަހާލައިގެން ލުއި ދޭ ގޮތަށް ހަމަޖައްސާފައިވާއިރު ސަޕޯޓަރުން ދަނޑުތަކަށް ވައްދަން ވެސް ހުއްދަދޭނީ އުސޫލުގެ ތެރެއިން ކަމަށެވެ.

އެ ގޮތުން މިހާރު ކަނޑައަޅާފައިވަނީ ކެޓަގަރީ އެކެއްގައި އޮންނަ ސަރަހައްދުތަކުގެ ދަނޑުތަކަށް 4000 ސަޕޯޓަރުންނަށް ވަދެވޭ ގޮތަށެވެ. ކެޓަގަރީ ދޭއްގައި އޮތް ސަރަހައްދުތަކުގެ ޓީމުތަކަށް 2000 ސަޕޯޓަރުން ދަނޑަށް ވެއްދޭނެ އެވެ. އެންމެ ރިސްކު ބޮޑު ކެޓަގަރީ ތިނެއްގައި އޮންނަ ސަރަހައްދުތަކުގެ ޓީމުތަކަށް އަދި ސަޕޯޓަރުން ނުވެއްދޭނެ އެވެ.

އިނގިރޭސި ސަރުކާރުން ނޮވެމްބަރު 5 ވަނަ ދުވަހު ލޮކްޑައުން ކުރިއިރު ކެޓަގަރީތައް ބެހިފައި އޮތްގޮތަށް ބަލާއިރު އިނގިރޭސި ޕްރިމިއާ ލީގުން މި ވަގުތު 4000 ސަޕޯޓަރުން ވެއްދޭ ކެޓަގަރީގައި އޮތް ޓީމުތަކަކީ ބްރައިޓަން އާއި ސައުތެމްޓަންގެ އިތުރުން ލެސްޓާ ސިޓީ އެވެ. އަދި ކެޓަގަރީ ތިނެއް ސަޕޯޓަރުން ނުވެއްދޭ ބައިގައި އޮތް ކްލަބްތަކުގެ ތެރޭގައި ލިވަޕޫލާއި އެވަޓަން، މެންޗެސްޓާ ސިޓީ، މެންޗެސްޓާ ޔުނައިޓެޑް، ޝެފީލްޑް ޔުނައިޓެޑް އަދި ލީޑްސް ޔުނައިޓެޑް ހިމެނެ އެވެ.

މިހާރު ކޮވިޑް-19ގެ ރިސްކު އޮތްގޮތާއި އާ ކެޓަގަރީތައް ކަނޑައެޅުމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާއިރު، ބޮރިސް ވިދާޅުވީ މަސައްކަތްކުރަމުންދަނީ އާ ސަރަހައްދުތައް ކެޓަގަރީ އަށް ބަހާލުމަށް ފަހު އަންނަ ބުރާސްފަތި ދުވަހު އިއުލާންކުރުމަށް ކަމަށެވެ.

މި ފަހަރުގެ ޕްރިމިއާ ލީގުގެ ސީޒަން ފެށުމުގެ ކުރިން ލީގުގެ ޗީފް އެގްޒެކްޓިވް ރިޗާޑް މާސްޓާސް ވިދާޅުވީ ސީޒަނުގެ މެޗުތަކަށް ސަޕޯޓަރުން ނުވައްދައި ކުޅޭނަމަ މާލީ ގޮތުން ބޮޑު ކްލަބްތަކަށް ވަރަށް ބޮޑު ގެއްލުންތަކެއް ލިބޭނެ ކަމަށެވެ.

ޕްރިމިއާ ލީގު ފެށުމުގެ ކުރިން ލީގުގެ ބޯޑުގެ ހިއްސާ އޮވެގެން ކުރި ދިރާސާ އަކުން ދެއްކިގޮތުގައި ސަޕޯޓަރުން ނުވައްދައި މުޅި ސީޒަން ފުރިހަމަކުރަންޖެހިއްޖެނަމަ ކްލަބްތަކަށް ލިބޭ އާމްދަނީން 700 މިލިއަން ޕައުންޑް (909 މިލިއަން ޑޮލަރު) މަދުވާނެ އެވެ. ފަހުން ސީޒަން ފަށައި ހާލަތަށް އައި ބަދަލުތައް ބަލައި މިދިޔަ ސެޕްޓެމްބަރު މަހު ޕްރިމިއާ ލީގުން ވަނީ އާ ތަފާސްހިސާބުތަކެއް ހިއްސާކޮށްފަ އެވެ. އެ ރިޕޯޓްތަކުގައިވާ ގޮތުން ސަޕޯޓަރުން ނުވައްދައި ޕްރިމިއާ ލީގު މެޗުތައް ކުރިއަށްދާ ކޮންމެ މަހެއްގައި ކްލަބްތައް އަތުން 100 މިލިއަން ޕައުންޑް ގެއްލޭނެ ކަމަށް ވަނީ ރެކޯޑް ކުރެވިފަ އެވެ.

ބޮޑު ލޯނެއް ނަގައިގެން ޓޮޓެންހަމް ހޮޓްސްޕާސް އިން އެޅި ދަނޑު މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ހުޅުވީ ސަޕޯޓަރުންނަށް ވަދެދޭ އަދަދު އިތުރުކޮށްގެންނެވެ. އެކަމަކު ކޮވިޑާ ހެދި މިދިޔަ ސީޒަނުގެ ދެ ބައިކުޅަ އެއްބައި ކަހަލަ ގޮތަކަށް ސަޕޯޓަރުން ނުވައްދައި ކުޅެން ޖެހުމުން ޓޮޓެންހަމްގެ ދަރަނި ވަނީ 63.9 މިލިއަން ޕައުންޑަށް އަރައިފަ އެވެ. ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލީވީ ދާދި ފަހުން ވިދާޅުވީ މި ސީޒަން އެއްކޮށް ސަޕޯޓަރުން ނުވައްދައި ކުޅެން ޖެހިއްޖެނަމަ އެ ޓީމަށް 150 މިލިއަން ޕައުންޑާ ގާތްކުރާ އަދަދަކަށް ގެއްލުން ލިބޭނެ ކަމަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ގިނަ ސަޕޯޓަރުންނަށް ވަދެެވޭ ދަނޑަކީ މެންޗެސްޓާ ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑް އަށެވެ. އެ ދަނޑަށް 75،000 އެއްހާ ސަޕޯޓަރުންނަށް އެއް ފަހަރާ މެޗު ބަލަން ވަދެވޭއިރު، ކޮވިޑް-19އާ ހެދި ސަޕޯޓަރުން ނުވައްދާ ކުޅޭ ކޮންމެ މެޗެއްގައި ގާތްގަނޑަކަށް ފަސް މިލިއަން ޕައުންޑްގެ ގެއްލުމެއްވާނެ ކަމަށް އެ ކްލަބްގެ އޮފިޝަލަކު ދާދި ފަހުން ވަނީ މީޑިއާގައި ބުނެފަ އެވެ.