ކޮވިޑުން ރަނގަޅުވެ ސަލާހު ލިވަޕޫލް ޓްރެއިނިން އަށް
ކޮވިޑުން ރަނގަޅުވެ ސަލާހު ލިވަޕޫލް ޓްރެއިނިން އަށް

ލިވަޕޫލް (ނޮވެމްބަރު 24) - މިސްރު ފޯވާޑް މުހައްމަދު ސަލާހު ކޮވިޑް-19 އިން ރަނގަޅުވެ ލިވަޕޫލްގެ ޓްރެއިނިންތަކުގައި ބައިވެރިވާން ތައްޔާރުވެއްޖެ އެވެ.

މި މަހު 13 ވަނަ ދުވަހު ސަލާހު ޕޮޒިޓިވްކަން އެނގުނީ، މިސްރުގެ ތަމްރީންތަކުގައި ބައިވެރިވުމަށް ގޮސް ހުއްޓާ ހެދި ޓެސްޓްތަކުންނެވެ. އޭގެ ކުރިން އޭނާ ބައިވެރިވި އާއިލީ ކައިވެނި ޕާޓީގައި މަސްހުނިކޮށް ނަށާ މަންޒަރުތަކެއް ވަނީ ދައުރުވެފަ އެވެ. ބައެއް ފަހަރު މާސްކް ތިރިވެފައި ހުއްޓާ ފެންނައިރު އަނެއް ބައި ފަހަރު މާސްކް ނުވެސް ނެތެވެ. އެކަމަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އޭރު ބުނީ ސަލާހު ކޮވިޑަށް ޕޮޒިޓިވްވީ ސަބަބުތަކާ ބެހޭގޮތުން މީޑިއާގައި އޭނާ ދައްކަން ޖެހޭ ވާހަކަތަކެއް ނެތްކަމަށާއި އެހެން ނަމަވެސް ސަލާހުއާ އެކަމާ ބެހޭގޮތުން ވަރަށް ރަނގަޅަށް މަޝްވަރާކުރެވުނު ކަމަށެވެ. އަދި ބައެއް ގައުމުތަކުގައި ޒާތީ ކަންތައްތަކާއި އާއިލީ ގުޅުން ބަދަހިކުރުމަށް އޮންނަ ޕްރެޝަރުތަކެއްގެ ސަބަބުން ކުޅުންތެރިންނަށް ވެސް އަމިއްލަ ޒިންމާތައް ހަނދާން ނެތޭ ފަހަރު އަންނަކަން ކްލޮޕްގެ ވާހަކައިގައި ފާހަގަކުރި އެވެ.

މިސްރުގައި ސަލާހު ހެދި ފުރަތަމަ ދެ ޓެސްޓުން ކޮވިޑް އަށް ޕޮޒިޓިވްވެފައިވަނިކޮށް އޭނާ ފުރަން މިސްރުން ސަރުކާރުން ހުއްދަ ދިނުމާ އެކު މިދިޔަ ބުރާސްފަތި ދުވަހު އިންގްލެންޑަށް އަ އެވެ. އިންގްލެންޑަށް އައުމަށް ފަހު ސަލާހު ކުރި ފުރަތަމަ ޓެސްޓުން ނެގެޓިވް ނަތީޖާއެއް ލިބުނު ނަމަވެސް ޕްރޮޓޮކޯލްގެ ތެރެއިން އިތުރު ޓެސްޓެއް ނެގެޓިވްވުމުން ނޫނީ އޭނާ އަށް ޓީމާ ނުގުޅެވޭނެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހުގެރޭ ލެސްޓާ ސިޓީ އަތުން ލިވަޕޫލް މޮޅުވި މެޗަށް ފަހު ކްލޮޕް ބުނީ ސަލާހުގެ އެއް ޓެސްޓް ކޮވިޑަށް ނެގެޓިވްކަން އެނގިފައިވާ ކަމަށާއި އިއްޔެ އޮތް ޔުއެފާ ޗެމްޕިއަންސް ލީގު މެޗުތަކުގެ ކުރިން ކުރާ ކޮވިޑް ޓެސްޓުން ސަލާހު ނެގެޓިވްކަމަށް ދައްކައިފިނަމަ އޭނާ އަށް އެނބުރި އާދެވޭނެ ކަމަށެވެ.

އިއްޔެގެ ޔުއެފާ ކޮވިޑް ޓެސްޓްގެ ނަތީޖާ އިން ސަލާހު ނެގެޓިވްވުމާ އެކު ސަލާހު ވަނީ ލިވަޕޫލްގެ ޓްރެއިނިން ސެންޓަރުގައި އޭނާ ހުރި ފޮޓޯ އެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

ލިވަޕޫލް ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި ބުދަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގައި ނުކުންނާނީ އެޓަލަންޓާއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެއްޖެނަމަ ބާކީ ދެ މެޗު އޮއްވައި ލިވަޕޫލަށް ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުވާނެ އެވެ.