24 ނޮވެމްބަރ 2020 - 11:05

ރިޔާޒް (ނޮވެމްބަރު 24) - ސައުދީ އަރަބިއާގެ ހޮސްޕިޓަލެއްގެ އޮޕަރޭޝަން ތިއޭޓަރުގައި ކަށީގެ އޮޕަރޭޝަނެއް ކުރަމުން ދިޔަ ޑޮކްޓަރު މަރުވެއްޖެ އެވެ.
ސައުދީގެ މީޑިއާތަކުން ބުނެފައި ވަނީ ޚަމީސް މުޝައިތުގެ ސިވިލް ހޮސްޕިޓަލެއްގައި އޮޕަރޭޝަން ކުރަމުން ދިޔަ ޑޮކްޓަރު މަހްދީ އަލް އިމާރީ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ.
ހޮސްޕިޓަލްގައި މަސައްކަތް ކުރާ މީހުންނަށް އެ ޑޮކްޓަރު ބަލިކަން އެނގުމުން އޭނާގެ ހިތުގެ ޓެސްޓްތަކެއް ހެދުމަށް އެ މީހުން ވަނީ ލަފާދީފަ އެވެ. ކަށީގެ އޮޕަރޭޝަން އެ ޑޮކްޓަރު ފެށީ އިލެކްޓްރޯކާޑިއޯގްރާމަށް ފަހު ކަމެއް ނޭނގެ އެވެ.
"ބަލި މީހާގެ އޮޕަރޭޝަން ކުރަން އިމާރީ ދިޔަ އިރު ވެސް އޭނާ ވަރުބަލިވާ ކަމާއި ބަނޑުގައި ރިއްސިކަން ފާހަގަކުރެވުނު،" އަލް ވަތަން ނޫހަށް، ހޮސްޕިޓަލުގެ ކަށީގެ ޑިޕާޓްމަންޓުގެ ވެރިޔާ ޑރ. މަޖީދު އަލް ޝެހްރީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހިތުގެ ޓެސްޓެއް ހެދުމަށް އިމާރީ އެންމެ ފުރަތަމަ ދެކޮޅު ހެދި ކަމަށާއި އޭނާ ބޭނުންވީ ބަލި މީހާގެ އޮޕަރޭޝަން ކުރަން ކަމަށެވެ. ނަމަވެސް އެންމެ ފަހުން އިލެކްޓްރޯކާޑިއޯގްރާމެއް ހަދަން އެ ޑޮކްޓަރު އެއްބަސްވި ކަމަށާއި އެ ޓެސްޓުން ދެއްކި ގޮތުގައި ޑޮކްޓަރަށް ވަނީ ހާޓް އެޓޭކެއް ޖެހިފައި ކަމަށް ހޮސްޕިޓަލުން ބުނެފައިވެ އެވެ.
"ޑޮކްޓަރު މަރުވީ އޭނާގެ މަސައްކަތުގެ ތެރޭގައި ހިމެނޭ އޮޕަރޭޝަނެއް ކުރަމުން ދަނިކޮށް. އެއީ ޝަހީދެއް،" ޑރ. އަލް ޝެހްރީ ވިދާޅުވި އެވެ.