ނަތަންޔާހޫ ސައުދީ އަށް ވަޑައިގެންނެވި ވާހަަކަ ދޮގުކޮށްފި
ނަތަންޔާހޫ ސައުދީ އަށް ވަޑައިގެންނެވި ވާހަަކަ ދޮގުކޮށްފި

ރިޔާޒް (ނޮވެމްބަރު 23) - އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސިއްރު ދަތުރެއްގައި ސައުދީ އަރަބިއާ އަށް ވަޑައިގެން ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ބައްދަލުކުރައްވާފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެ ގައުމުގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސައުދު ދޮގު ކުރައްވައިފި އެވެ.

ޕްރައިވެޓް ޖެޓެއްގައި ތެލް އަވީވުން ރަތް ކަނޑުގެ ސިޓީއެއް ކަމަށްވާ ނިއޯމަށް ނަތަންޔާހޫ ވަޑައިގެންނެވި ކަމަށް އިޒްރޭލުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނެފައިވެ އެވެ. އެކަމާ ގުޅޭ ގޮތުން ނަތަންޔާހޫ އެއްވެސް ކޮމެންޓެއް ކުރައްވައިފައެއް ނުވެ އެވެ.

ސައުދީގެ ޚާރިޖީ ވަޒީރު ބިން ފަރްހާން އަލް ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަތަންޔާހޫ އާއި މުހައްމަދު ބިން ސަލްމާންއާ ދެމެދު އެއްވެސް ބައްދަލުވުމެއް ބާއްވާފައި ނުވާ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުވެރިއެއްގެ ރޯލު އަދާކުރައްވައިގެން އިޒްރޭލާއި މެދުއިރުމަތީގެ ބައެއް ގައުމުތަކާ ދަނީ ގުޅުން ބަދަހި ކުރަން މަސައްކަތް ކުރަމުންނެވެ. އެ ގޮތުން ޔޫއޭއީ، ބަހުރޭން އަދި ސޫދާންއާ އެކު އިޒްރޭލުން މިހާރު ވަނީ ގުޅުން ގާއިމްކޮށްފަ އެވެ. އެ ގުޅުންތަކަށް ސައުދީން މަރުހަބާކީ ނަމަވެސް ބުނެފައި ވަނީ އިޒްރޭލާއި ފަލަސްތީނާ ދެމެދު ދާއިމީ ސުލްހައެއް ހޯދުމުން ނޫނީ އިޒްރޭލާ ގުޅުން ގާއިމްނުކުރާނެ ކަމަށެވެ.

އިޒްރޭލުގެ މީޑިއާތަކުން ބުނެފައި ވަނީ ނިއޯމްގައި ބޭއްވި ބައްދަލުވުމަށް ނަތަންޔާހޫގެ އިތުރުން އިޒްރޭލުގެ މޮސާޑް އިންޓަލިޖެންސް ސާވިސްގެ ވެރިޔާ ޔޮއްސި ކޯއެން ވަޑައިގެންނެވި ކަމަށެވެ. އާދިއްތަ ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައި ބޭއްވި އެ ބައްދަލުވުމުގައި އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އާއި ސައުދީގެ ވަލީ އަހުދު ވެސް ބައިވެރިވެވަޑައިގަތް ކަމަށް ބުނެފައިވެ އެވެ.

އެކަމަކު ސައުދީގެ ޚާރިޖީ ވަޒީރު ވިދާޅުވެފައި ވަނީ ޕްރިންސް މުހައްމަދާއި ޕޮމްޕެއޯގެ ބައްދަލުވުމުގައި އިޒްރޭލުގެ އެއްވެސް އޮފިޝަލަކު ބައިވެރިވެފައި ނުވާ ކަމަށެވެ.

"އެ ބައްދަލުވުމުގައި މުޅިން ވެސް ބައިވެރިވީ ސައުދީ އާއި އެމެރިކާގެ އޮފިޝަލުން،" ޕްރިންސް ފައިސަލް ވިދާޅުވި އެވެ.