23 ނޮވެމްބަރ 2020 - 23:03

ލަންޑަން (ނޮވެމްބަރު 23) - އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން އުފެއްދި ކޮރޯނާވައިރަހުގެ ވެކްސިން ވަރަށް ކާމިޔާބު ކަމަށް އަޖުމަ ބެލުމުގެ ދިރާސާތަކުން ދައްކައިފި އެވެ.
ވަގުތީ ޑޭޓާތައް ދައްކާ ގޮތުން އޮކްސްފޯޑުގެ ވެކްސިން އިން 70 ޕަސެންޓުގެ ރައްކާތެރިކަން ލިބެ އެވެ. އެކަމަކު ރިސާޗަރުން ބުނީ ވެކްސިންގެ ޑޯޒް ފުރިހަމަވުމުން އެ އެކްސިން އިން ރައްކާތެރިކަން ލިބޭ މިންވަރު 90 ޕަސެންޓަށް އަރާނެ ކަމަށެވެ.
އޮކްސްފޯޑުގެ ވެކްސިންގެ ކާމިޔާބުކަން ހާމަކުރި އިރު އެމެރިކާގެ ފައިޒާ އާއި މޮޑާނާ ކުންފުނިން އުފެއްދި ވެކްސިން އިން ވެސް 95 ޕަސެންޓް ރައްކާތެރިކަން ލިބެ އެވެ. އެކަމަކު މި ދެ ކުންފުންޏަށް ވުރެ އޮކްސްފޯޑުގެ ވެކްސިން އަގުހެޔޮވެފައި ސްޓޯކުރަން ފަސޭހަ އެވެ. އަދި އެއްތަނުން އަނެއް ތަނެއް ގެންދިއުން ވެސް މާ ފަސޭހަ އެވެ.
ކާމިޔާބުވެފައިވާ ވެކްސިންތައް ބޭނުންކުރުމުގެ ހުއްދަ ލިބުމަކީ ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
އިނގިރޭސި ސަރުކާރުން މިހާރު ވަނީ އޮކްސްފޯޑް ވެކްސިންގެ 100 މިލިއަން ޑޯޒަށް އޯޑަރު ދީފަ އެވެ. އޮކްސްފޯޑުގެ ވެކްސިން އުފައްދާ އެސްޓްރަޒެނިކާ އިން ބުނެފައި ވަނީ އަންނަ އަހަރު ތިން ބިލިއަން ޑޯޒް އުފައްދާނެ ކަމަށެވެ.
އޮކްސްފޯޑުގެ ވެކްސިން އުފައްދާފައި ވަނީ ގާތްގަނޑަކަށް 10 މަހުންނެވެ. އެކަމަކު ބައްޔަކަށް ވެކްސިނެއް އުފެއްދުމަށް އާއްމު ގޮތެއްގައި ދިހަވަރަކަށް އަހަރު ނަގަ އެވެ. އޮކްސްފޯޑުގެ ވެކްސިންގެ އަޖުމަ ބެލުމުގެ މަރުހަލާތަކުގައި އިނގިރޭސި ވިލާތާއި ބްރެޒިލްގައި 20،000 މީހުން ބޭނުން ކުރި އެވެ. އެވްރެޖްކޮށް ކޮވިޑްގެ އަސްލު ވެކްސިންގެ ދެ ޑޯޒް ދިން މީހުންގެ ތެރޭގައި ކޮވިޑްގެ 30 މީހުން ހިމެނެ އެވެ. އަދި ޑަމީ އިންޖެކްޝަން ދިން މީހުންގެ ތެރޭގައި ކޮވިޑްގެ 101 މީހުން ހިމެނެ އެވެ. ރިސާޗަރުން ބުނީ ވެކްސިނުން 70 ޕަސެންޓް ރައްކާތެރިކަން ލިބޭ ކަމަށެވެ. މިއީ މޫސުމީ ރޯގާތަކުގެ ވެކްސިންނަށް ވުރެ ކާމިޔާބު މިންވަރެކެވެ.
އޮކްސްފޯޑުގެ ވެކްސިންގެ ހަތަރު މިލިއަން ޑޯޒް މިހާރު ވެސް ވަނީ ތައްޔާރުކޮށްފަ އެވެ. އެކަމަކު ރިގިއުލޭޓަރުންގެ ހުއްދަ ނުލިބެނީސް އެއްވެސް ވެކްސިނެއް ބޭނުމެއް ނުކުރެވޭނެ އެވެ.
ފައިޒާ އާއި މޮޑާނާގެ ވެކްސިން އުފައްދާފައި ވަނީ ވައިރަސްގެ ޖެނެޓިކް ކޯޑް ބޭނުންކޮށްގެން ނަމަވެސް އޮކްސްފޯޑުގެ ވެކްސިން އުފައްދާފައި ވަނީ އާދައިގެ ރޯގާގެ ވައިރަސް ޖެނެޓިކަލީ މޮޑިފައިކޮށްގެންނެވެ.
އޮކްސްފޯޑުގެ ވެކްސިންގެ އަގު ތިން ޕައުންޑުގައި އުޅޭ އިރު ފައިޒާގެ ވެކްސިންގެ އަގަކީ 15 ޕައުންޑެވެ. އަދި މޮޑާނާގެ ވެކްސިންގެ އަގަކީ 25 ޕައުންޑެވެ. އޮކްސްފޯޑުގެ ވެކްސިން އަގުހެޔޮވެފައި ވަނީ އެ މީހުން ބޭނުން ކުރަނީ މިހާރު ވެސް ބޭނުންކުރާ ޓެކްނޮލޮޖީއަކަށްވާތީ އެވެ.